Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އެމްޑީޕީ އަށް ހަމަ ސަލާމެވެ! 

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް، އެމްޑީޕީގެ ވެރިކަމުގައި، ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުތަކުން ހަރަދުކޮށްފައިވަނީ ޤާނޫނު އަސާސީއާ ހިލާފަށް ލކަން ފާޅާ އެރުމުން އެމްޑީޕީގެ ވެރިން ތެޅެން ފަށައިފިއެވެ! އެކަމުގައި ޝާމިލްވާ، ކުރީގެ ސަރުކާރުގެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގައި މިހާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވުމާ އެކު (އެމްޑީޕީ ސަރުކާރުގެ) ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަމިއްލަފުޅު ދިފާއުގައި ތެދުވެވަޑައިގެން، ރައްޔިތުން އޮޅުވާލައްވަން ނޫސްތަކަށް ސުރުހީ ވިއްކަވަން ފައްޓަވައިފިއެވެ. އަމީރު ވިދާޅުވީ "މި ސަރުކާރުން މާލީ ހިސާބުތައް އާންމު ނުކުރަނީ ހަގީގަތް އޮޅުވާލަން" ކަމަށެވެ.

އަމީރު އެ ވިދާޅުވާ މާލީ ހިސާބުތަކަކީ، ދައުލަތުގެ މާލީ ހާލަތު ބުނެދިނުމުގެ ގޮތުން ކޮންމެ ހަފުތާއަކު ފިނޭންސް މިނިސްޓްރީން ގަވާއިދުން ނެރެމުންދިޔަ ރިޕޯޓުތަކުގެ ވާހަކަ އެވެ. މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، މި އަހަރު ދެބައިވިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، އެ ރިޕޯޓް ނެރުން އޭރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފީގު ހުއްޓަވާލެއްވީ އެމްޑީޕީގެ ވެރިކަމުގައި ޤާނުނުއަސާސީ އާ ހިލާފަށް، މަޖުލީހުގެ ހުއްދަނެތި، ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށް، އެ ފައިސާއަށް ވީގޮތެއް ނޭނގިފައިވާތީ ކަމަށެވެ. އަމީރުގެ ފިނޭންސް މިނިސްޓަރު ކަމުގައި، ދެބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އެޅުއްވި ތަނަކަށް އަޅުއްވައި، ހެއްދެވި އެއްޗެއް ހައްދަވާފައި، އެ ފައިސާ އަށް ވީގޮތެއް ނޭނގިގެން މިސަރުކާރުން ތަހުޤީގެއް ފެށުމުން، އެކަމަށް ހުރަސް އަޅުއްވައި، ރައްޔިތުންނަށް ހަޤީގަތް އޮޅުވާލައްވަން އަމީރު ދައްކަވާ ވާހަކަތައް ނޫސްތަކުގެ ސުރުހީ ތަކަށް އަރުވަން ވެސް ހެޔޮ ނުވާނެއެވެ. އެމްޑީޕީ އަކީ އަބަދުވެސް، ޑިމޮކްރެސީގެ ފޭކް ނިވާފަތްގަނޑުގެ ފަހަތުގައި ފިލައިތިބެ، ދޮގު ހަދައި، ރައްޔިތުންނަށް އޮޅުވާލައި، ކޮރަޕްޝަން ހިންގާ ޕާޓީއެކެވެ.

މި އަހަރަށް ފާސްކޮށްފައިވާ 50 ވަރަކަށް ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަހަރުވެސް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި، އަމީރު ފަދައިން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވެސް އެޅުއްވީ ސިޔާސީ ފަލަ ސުރުހީއެކެވެ. ނާޒިލް ވިދާޅުވީ މިއަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓް މި ސަރުކާރުން ހުސްކޮށްލާފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ކޮށްދިން ކަމެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ނާޒީލް ގަސްތުގައި ހަނދާން ނައްތާލެއްވި ހަޤީގަތަކީ އެމްޑީޕީ ސަރުކާރުގެ ފަހު އަހަރު (2023 ވަނަ އަހަރު) 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހުން ފާސްކުރި ކަމެވެ. އެއީ އިންތިހާބު އޮތް އަހަރެވެ. އިންތިހާބް "ވަގަށް" ނެގޭތޯ ބިޔަ ސަޕްލިމެންޓަރީ ބަޖެޓެއް ފާސް ކޮށްގެން ލައްކަ ގަނޑުގަނެ، ވީނުވީއެއް ނޭނގި ދެބިލިއަނަށް ވުރެ ގިނަ ރުފިޔާ ދުމަށް ބުރުވާލާފައި ކުރީގެ ފިނޭންސް މިނިސްޓަރ އަމީރާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނާޒިލް މި މަސައްކަތް ކުރައްވަނީ ހަޤީގީ މައްސަލައިން ރައްޔިތުންގެ ފޯކަސް ގެއްލުވާލާށެވެ. ބަޖެޓު ހުސްކޮށްލީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ ކަމަށާއި، މި ސަރުކާރުން މާލީ ހިސާބުތައް އާންމު ނުކުރަނީ ހަގީގަތް އޮޅުވާލަން ކަމަށް އެމްޑީޕީގެ ވެރިން ވިދާޅުވާއިރު، އެމްޑީޕީ އަކީ އެންމެ ބިޔަ ބޮޑު ސަޕްލިމެންޓަރީ ބަޖެޓުތައް ހުށަހަޅައިގެން، ވާނުވާ ނޭނގޭ ގޮތަށް ބިލިއަނުން ހަރަދު ކޮށް، އެތައް ކޮރަޕްޝަނެއް ހިންްގާފައިވާ ޕާޓީއެއްކަން މިހާރު މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމުން އިންޑިއާ އަށް ޤައުމު ވިއްކާލިކަމުގެ ތުހުމަތު ވެސް އެމްޑީޕީން ވަނީ މި ސަރުކާރުގެ ބޮލުގައި އަޅުވައިފައެވެ. ނަމަވެސް ހަޤީގީ މާނާގައި އިންޑިއާ އަށް ދިވެހި ޤައުމު ވިއްކާލީ، އަދި އިތުރަށް ވިއްކަން މަސައްކަތް ކުރީ އެމްޑީޕީން ކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ.

މި ސަރުކާރުން ވެސް ނުރަނގަޅު ކަންތައްތައް ކޮށްފާނެއެވެ. ނަމަވެސް އޭގެ މާނައަކީ އެމްޑީޕީ އަކީ ރައްޔިތުންނާއި ޤައުމަށް ތެދުވެރި ބައެކޭއެއް ނޫނެވެ. ޒަމާނުއްސުރެވެސް އެމްޑީޕީ އަކީ އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ގެންގުޅުނު ޕާޓީ އެކެވެ. އަބަދުވެސް ސިޔާސީ ސުރުހީ އަޅައިގެން، މޮޅެތި ސްލޯގަންތަކުގެ ފަހަތުގައި ފިލައިތިބެ ކޮރަޕްޝަނާއި، ވައްކަމާއި، ލާދީނީ އަމަލުތައް ހިންގި ޕާޓީއެކެވެ.

އެމްޑީޕީ އަކީ، މާލީ ހިސާބުތަކޭ، ބަޖެޓޭ، އިންޑިއާ އަށް ޤައުމު ވިއްކައިފިޔޭ ކިޔައިގެން ވާހަކަ ދެއްކޭވަރަށް ވުރެ ހިޔަޅުު ޕާޓީއެކެވެ. ރާއްޖޭގައި ރަސްކަން ކުރި ޒަމާނުން ފެށިގެން އައިސް ރައީސް މުހައްމަދު އަމީން ދީދީގެ ފުރަތަމަ ޖުމްހޫރީ ވެރިކަމުން ގޮސް، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމާއި، ރައީސް މުއުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމާއި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުން އައިސް މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް ބެއްޔަސް، ކޮންމެ ވެރިކަމެއްގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ވަނީ ފެނިފައެވެ. ނަމަވެސް އެމްޑީޕީން ރާއްޖޭގެ ވެރިކަން ކުރި ދެފަހަރު ކަމުގައިވާ، ރައީސް ނަޝީދުގެ ދެތިން އަހަރުގެ ވެރިކަމާއި، ރައީސް ސޯލިހުގެ ފަސް އަހަރުގެ ވެރިކަންހާ، ކޮރަޕްޓް، ރައްޔިތުން ރުޅިއަރުވާލި، ބޭރު ޤައުމުތަކަށް ރާއްޖެ ވިއްކާލި، އިސްލާމް ދީނާ އެހާ ބީރައްޓެހި ވެރިކަން ތަކެއް މިޤައުމު އަދި މިހާތަނަކަށް ނުދެކެއެވެ.

ހިތާމައަކީ ރައީސް ޔާމީނާއި ރައީސް ޑރ. މުއިއްޒާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ފައިދާ ނަގައިގެން، އެމްޑީޕީން ރައީސް ޔާމީނުގެ ބޭނުން ހިފައިގެން، މި ސަރުކާރަށް ހަމަލާ ދެމުންދާ ކަމެވެ. ރައީސް ޔާމީނަކީ ރަނގަޅު ލީޑަރެކެވެ. އެމްޑީޕީ އަކީ ސިޔާސީ ގޮތުންނާއި ފަލްސަފާގެ ގޮތުން ރައީސް ޔާމީނާ ވަރަށް ތަފާތު ފިކުރެއްގެ ޕާޓީ އެކެވެ. ނަމަވެސް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މިހާރު މި ފެންނަނީ އެމްޑީޕީގެ ލައުޑް ސްޕީކަރ ޓީވީ ޗެނެލް (ރާއްޖެ ޓީވީ) އިން ރައީސް ޔާމީނުގެ ކޮންމެ ބަހަކުން ސުރުހީއެއް ހަދައިގެން އެމްްޑީޕީގެ އަނދިރި ފަރާތް ގިރިޓީ ކުރަމުންދާ ތަނެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ނަމުގައި ވީނުވީއެއް ނޭނގި އެމްޑީޕީން ޤާނޫނު އަސާސީއާ ހިލާފަށް ހަރަދުކުރި ދެބިލައަނަށް ވުރެ ގިނަ ރުފިޔާ އަކީ އެ ޕާޓީގެ ވެރިކަމުގައި ހިންގި ޖުމްލަ ކޮރަޕްޝަނުގެ ކުޑަ މިންވަރެއް ކަމުގައި ބެލެވެއެވެ. ރިއާސީ ދެ ދައުރެއްގެ މަތީން، އަށެއްކަ އަހަރު އެމްޑީޕީން ހިންގީ ހިޔާނާތާއި، ޤައުމަށް ޤައްދާރުވި، ލާދީނިއްޔަތުގައި ހައްދުފަހަނަ އަޅާފައިވާ އަނދިރި ވެރިކަމެކެވެ. އެމްޑީޕީގެ އަނދިރިފަރާތް ގިރިޓީ ކުރުމުގެ ގޮތުން އަމީރާއި ނާޒިލާއި އަބްދުﷲ ޝާހިދު ފަދަ އެމްޑީޕީގެ ވެރީން، ރީނދޫ ޓައި އަޅުއްވައިގެން ރާއްޖެ ޓީވީ އަށް އަރުއްވައި ކިތައްމެ ފަލަ ސުރުހީތަކެއް އެޅުއްވިއަސް ދިވެހި ރައްޔިތުން އޮޅޭނެހެނެއް ހިއެއް ނުވެއެވެ.

އެމްޑީޕީ އަކީ ހަމަ ފަނާކުރަނިވި ފިކުރެކެވެ. ފަސާދައާއި ޣައްދާރުވުމުގެ ފިކުރެކެވެ. ދީނާއި ޤައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އިހްލާސްތެރި އެދުމަކަށް ވާނީ ދެން ދުވަހަކު ވެސް މިޤައުމުގެ ވެރިކަމުގެ ލަގަން އެމްޑީޕީ އަށް ނުލިބުމެވެ. މި ސަރުކާރުން ވެސް ކުށެއް ކޮށްފިއްޔާ އެއީ ހަމަ ކުށެކެވެ. ނަމަވެސް އޭގެ މާނައަކީ ތަބަކަކަށް ލާފައި އެމްޑީޕީ އަށް ވެރިކަށް ދެންވީ އެކޭ ނޫނެވެ. އެމްޑީޕީ އަށް ހަމަ ސަލާމެވެ!

ގުޅޭ ވީޑިއޯ