Support Us

ރިޔާސީ އިންތިޚާބު ސީސީއަށް ކާމިޔާބު ކުރެއްވޭނެ ކަމަށް ލަފާކުރެވޭ

މިޞްރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުންތައް މިއަދު ފެށިއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުންތައް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މި އިންތިޚާބުގެ ނަތީޖާ އިޢުލާން ކުރެވޭނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. މުރާޤިބުން ނިމުތުކުރާ ގޮތުގައި ރައީސް ސީސީ މި އިންތިޚާބު ކާމިޔާބު ކުރައްވާނެއެވެ.

މިޞްރުގެ އިންތިޚާބާ ބެހޭ ޤައުމީ ކޮމެޓީން ހާމަކުރާގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 67 މިލިއަން މީހުންނަށެވެ. މިޞްރުގެ އާބާދީއަކީ 104 މިލިޔަނެވެ. މިޞްރުގައި ވެސް ވޯޓުލެވޭނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

ރައީސް ސީސީއާ މި އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންނަކީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ރައީސް ފަރީދު ޒަހްރާނާއި ވަފްދު ޕާޓީގެ ރައީސް ޢަބްދުއް ސިންދު ޔަމާމާއާއި ރައްޔިތުންގެ ޖުމްހޫރީ ޕާޓީގެ ރައީސް ޙާޒިމު ޢުމަރެވެ.

ޤައުމުން ބޭރުގައި އުޅޭ މިޞްރު މީހުން ވަނީ މި މަހުގެ އެއްވަނަ ދުވަހު ރިޔާސީ އިންތިޚާބަށް ވޯޓުލައިފައެވެ. ފުރަތަމަ ބުރުގައި ވަކި ބޭފުޅަކަށް އަޣުލަބިއްޔަތު ލިބިވަޑައިނުގަންނަވައިފިނަމަ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވޭނީ މި އަންނަ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

މިޞްރުގައި ރިޔާސީ އިންތިޚާބު ބޭއްވެމުން މި ދަނީ އިޤްތިޞާދީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްގައެވެ. މިޞްރުގެ ލާދަ ވަނީ 40% އަށް މައްޗަށް ގޮސްފައެވެ. މިޞްރުގެ ފައިސާ (ޕައުންޑް) ގެ އަގު ވަނީ 50% ދަށަށް ގޮސްފައެވެ. މި ކަމުގެ ސަބަބުން މިޞްރުގައި އެއްޗެހީގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

މި ދުވަސްވަރަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ނަސްލުފުހެލުމުގެ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދުވަސްވަރެކެވެ. ޙިޞާރުކޮށްފައިވާ ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް ވެއްދެނީ އިސްރާއީލުން ހުއްދަދީގެން މިޞްރުގެ ރަފަޙު މަގުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *