Support Us

ޔޫރަޕްގެ ބޮޑެތި ރަށްތަކުގައި ޣައްޒާ ހަނގުރާމައާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކާއި ހިނގައިލުންތައް

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި ޕެރިސް، ލަންޑަން، ބްރަސަލްސް، ވިއެނާ ފަދަ ޔޫރަޕްގެ ބޮޑެތި ރަށްތަކުގައި ބޮޑެތި މުޒާހަރާތަކާއި ހިނގައިލުންތައް ރޭ ބާއްވައިފިއެވެ. ގަދަ ފިންޏާއި ބޯ ވާރޭގެ ތެރޭގައި ބޭއްވި މި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. 

ޕެރިހުގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވި ހިނގައިލުމުގެ ބައިވެރިން ޖުމްހޫރިއްޔާ މައިދާނަށް އެއްވީ ފަލަސްޠީނުގެ ދިދަތައް ހިފައިގެންނެވެ. އެމީހުން އުފި ފޮތިގަނޑުތަކުގެ ތެރޭގައި "އިސްރާއީލަކީ ޤާތިލެއް. މެކަރޯނަކީ މި ކަމުގެ ބައިވެރިއެއް" ލިޔެފައި ވެއެވެ. އަދި ފަލަސްޠީނު ރައްޔިތުންގެ ޖިހާދަށް ޒިންދާބާދޭ ވެސް ގޮވިއެވެ. 

އޮސްޓްރިޔާގެ ވެރިރަށް ވިއެނާގައި ބޭއްވި މުޒާހަރާގައި އެތައް  ހާސް ބަޔަކު ބައިވެރިވިއެވެ. އެމީހުން ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލިއެވެ. ވިއެނާގެ އޮޕެރާ ހައުސް ކުރިމަތީގައި ބޭއްވި މި އެއްވުމުގެ ބައިވެރިން އިސްރާއީލު ކުށްވެރިކުރާ ލިޔުންތައް އުފުލައިފައި ވެއެވެ. ޣައްޒާ ހިފައިގެން އޮތްއޮތުން ހުއްޓުމަކަށް ގެނައުމަށާއި ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓައިލުމަށް އެމީހުން އިސްރާއީލަށް ގޮވައިލިއެވެ. އަދި އިސްރާއީލަކީ ނިރުބަވެރި ޤައުމެއް ކަމަށް ވެސް އެމީހުން ބުންޏެވެ.

އިސްރާއީލުން ޣައްޒާ ހަނގުރާމައިގައި ހަތް ހާހަށްވުރެ ގިނަ ތުއްތު ކުދިން މަރައިފައިވާތީ ތުއްތު ކުދިންގެ ސަންދޯއްތަކާއި ކަފުންތައް ރަމްޒުކޮށްދޭ ފޮތިގަނޑުތަކާއި ސަންދޯއްތައް އުފުލައިފައިވެއެވެ.

ބެލްޖިއްމްގެ ވެރިރަށް ބްރަސަލްސްގައި ވެސް ރޭ ވަރަށް ބޮޑު މުޒާހަރާއެއް ބޭއްވިއެވެ. އެމީހުން ތައުބީނނުގެ އެއްވުމަކަށް ރޭގެ އެއްވުން ހެދިއެވެ. އެއީ މިއަދަކީ އިންސާނީ ޙައްޤުތަކާބެހޭ ޢާލަމީ ދުވަސްކަމުގައި ވާތީއެވެ. ވާރޭ ބޯކޮށް ވެހެމުންދިޔަ ނަމަވެސް މުޒާހަރާގެ ބައިވެރިން އުށްބައްތިތަކުން ޣައްޒާގެ ނަން ބިންމަތީގައި ލިޔުނެވެ. އިސްރާއީލަކީ ނިރުބަވެރި ބައެއް ކަމަށް ގޮވާ އަޑުއުފުލިއެވެ. ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ވެސް ގޮވައިލިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ބޯކޮށް ވަރޭ ވެހުނު ނަމަވެސް ރޭ ލަންޑަންގައި ވަރަށް ބޮޑު މުޒާހަރާއެއް ބޭއްވިއެވެ. އިސްރާއީލުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާތީ އެކަން ކުށްވެރި ކުރަމުން ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލިއެވެ. 

އޮކްޓޯބަރު ހަތަކުން ފަށައިގެން އިސްރާއީލުގެ ޢަސްކަރިއްޔާއިން ދަނީ ޣައްޒާއަށް ބޮންއަޅަމުން އެތާނގެ ބިނާރުތަކާއި ހަސްފަތާލުތަކާއި މަދުރަސާތަކާއި ބޯހިޔާވަހިތައް ހަލާކުކުރަމުންނެވެ. އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން މިހާތަނަށް ވަނީ 17،700 މީހުން ޝަހީދުވެފައެވެ. އަދި 48،780 މީހުން ވަނީ ޒަޚަމުވެފައެވެ. މި ކަމުގެ ސަބަބުން ޣައްޒާ ވަނީ އިންސާނީ ބޮޑު ކާރިސާއަކަށް ބަދަލުވެފައެވެ. އދގެ ސެކްރެޓަރީ ޖެނެރަލް ޣުޓަރެޝް ވިދާޅުވާ ގޮތުގައި ޣައްޒާގެ އެއްވެސް ތަންކޮޅެއްގައި އަމާންކަމެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *