Support Us

ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓުމަށް ގޮވައިލާ ޤަރާރު އެމެރިކާއިން ވީޓޯކޮށްފި

ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލާ ސަލާމަތީ މަޖިލީހަށް ހުށައެޅުނު ޤަރާރާ ދެކޮޅަށް އެމެރިކާއިން ރޭ ވީޓޯކުރުމުން އެ ޤަރާރާ ބާޠިލުވެޖެއެވެ. އެމެރިކާއިން ސަލާމަތީ މަޖިލީހުގައި ރޭ ބުނިގޮތުގައި ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓުމާ އެމެރިކާ ދެކޮޅުހަދައެވެ.

އދގައި ހުންނަވާ އެމެރިކާގެ މަންދޫބާގެ ނައިބު ރޭ ވިދާޅުވިގޮތުގައި އިސްރާއީލަށާއި ފަލަސްޠީނުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ ދާއިމީ ޞުލްޙައަކަށް އެމެރިކާ ތާއީދުކުރި ނަމަވެސް ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓުމާ އެމެރިކާ ދެކޮޅުހަދައެވެ. އެމެރިކާ ބުނިގޮތުގައި ޙަމާސުން ދެ ދައުލަތުގެ ޙައްލަކަށް ނޭދެއެވެ. އެމެރިކާ ބުނާގޮތުގައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަކީ ކުރިމަގުގެ ހަނގުރާމަތަކަށް އޮށްތައް އިންދުމެވެ.

އިސްރާއީލުން ޙަމާސަށް ވަރުގަދަ ޙަމަލާއެއް ދެމުން އިސްރާއީލުގެ މަންދޫބު ޖިލްޢާދު އިރްދާން ސަލާމަތީ މަޖިލީހުގައި ބުންޏެވެ. "ޙަމާސް ނައްތައިނުލާ ސަރަޙައްދަށް ހަމަޖެހުމެއް ވެސް އަދި އަމާންކަމެއް ވެސް ނުލިބޭނެއެވެ."

އޭނާ ބުނިގޮތުގައި މި ވަގުތު ހަނގުރާމަ ހުއްޓައިލުމަކީ ޣައްޒާގައި އޮތް ޙަމާސްގެ ވެރިކަން ވަރުގަދަކުރުމެވެ.

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލާ ޤަރާރެއް ސަލާމަތީ މަޖިލީހުން ފާސްކުރަން މަސައްކަތް ފެށީ އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ޣުޓަރެޝް އެކަމަށް އެދިވަޑައިގެން ސަލާމަތީ މަޖިލީހަށް ސިޓީފުޅެއް ފޮނުއްވުމުންނެވެ. ޣައްޒާގައި ހަނގުރާމަ ހުއްޓައިލުމަށް ސަލާމަތީ މަޖިލީހުން ގޮވައިލީ އިންސާނިއްޔަތަށް ޓަކައެވެ. ޣުޓަރެޝްގެ ސިޓީފުޅުގައި ޣައްޒާގެ އިންސާނީ ޙާލަތު ދަށަށް ދިޔުމުގެ ސަބަބުންނާއި އެ ސަރަޙައްދު އެއްވެސް އިންސާނަކަށް އަމާން ތަނަކަށް ނުވާކަން ފާހަގަ ކުރައްވާ އދގެ ޗާޓަރުގެ 99ވަނަ މާއްދާއަށް ޢަމަލުކުރުމަށް އޭނާ ގޮވައިލެއްވިއެވެ. އެއީ ޣައެޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ޞުލްޙައާއި އަމށާންކަން ނުރައްކަލަށް ހާސާވެފައިވާތީއެވެ. ޣުޓަރެޝް މި ސިޓީފުޅު ސަލާމަތީ މަޖިލީހަށް ފޮނުއްވުމުން އިސްރާއީލުން ވަރަށް ރުޅިއައިސް އޭނާއަށް އިސްތިޢުފާދެއްވުމަށް ގޮވައިލިއެވެ.

އަނެއްކޮޅުން އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވާގޮތުގައި ރައީސް ބައިޑެންގެ ސަރުކާރުން އިސްރާއީލަށް ޓޭންކާ އިދިކޮޅު 45 ހާސް އުންޑަ ވިއްކުމަށް އެއްބަސްވުމަށް ކޮންގްރެސްއަށް ވަނީ ހުށައަޅުއްވައިފައެވެ. އެއީ ޙަމާސާ ދެކޮޅަށް ޣައްޒާގައި ކުރާ ހަނގުރާމައިގައި ބޭނުންކުރާ މީރުކާވާ ޓޭންކްގައި ބޭނުންކުރުމަށް ޓަކައެވެ. އެމެރިކާއިން ދެމުންގެންދާ ހަތިޔާރުތަކުގެ ސަބަބުން ޣައްޒާގައި އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަޚަމުވެފައެވެ. އެހެނަސް އެމެރިކާއިން ދަނީ ވައިގެ ފާލަމެއް އަޅައިގެން އިސްރާއީލަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ހަތިޔާރުތައް ހުސްވިޔަނުދީ ފޯރުކޮށް ޢުދްވާން ކުރިއަށް ގެންދިޔުމަށް ހިތްވަރުދެމުންނެވެ.

ސަލާމަތީ މަޖިލީހަކީ އިސްރާއީލުގެ ޖަރީމާތަކުގެ ބައިވެރިއެއް

ޣައްޒާގައި އިސްރާއިލުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ސަލާމަތީ މަޖިލީހުން ފިޔަވަޅު ނާޅާތީ "އިމެއް ނެތް ޑަކްޓަރުން"ގެ ޖަމްޢިއްޔާއިން ސަލާމަތީ މަޖިލިސް ކުށްވެރިކޮށްފިއެވެ. މި ޖަމްޢިޔާއިން ބުނާގޮތުގައި ސަލާމަތީ މަޖިލީހަކީ އިސްރާއިލުން ހިންގާ ޤަތުލުޢާންމުތަކުގައި ބައިވެރިއެކެވެ. މި ޖަމްޢިއްޔާ ބުނާގޮތުގައި ސަލާމަތީ މަޖިލީހުން މި ކަމުގައި ފަސްޖެހުމުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުންނާ މުސްކުޅިން ބައިބަޔަށް މެރުމުގެ ލައިސެންސް މި ވަނީ އިސްރާއީލަށް ދީފައެވެ. މި ޖަމްޢިއްޔާއިން ބުނާގޮތުގައި މަރުވަމުންދާ އެތައް ހާސް އާދަމުގެދަރިންނެއް ސަލާމަތް ކުރުމަށް ޓަކައި ޣައްޒާއަށް އިންސާނީ އެހީތައް ވަދެވޭނެ މަގު ސަލާމަތީ މަޖިލީހުން ހަދައިދޭން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *