Support Us

މުޞްޙަފު އެންދުން ކުށްވެރިކުރާ ޤާނޫނެއް ޑެންމާކުން ފާސްކޮށްފި

ޢާންމު ތަންތާނގައި މުޞްޙަފު އެންދުން ކުށްވެރިކުރާ ޤާނޫނެއް ޑެންމާރކް ބަރްލަމާނުން ރޭ ފާސްކޮށްފިއެވެ.

މި ޤާނޫނު ފާސްކުރީ އެ ޤައުމުގައި ސިލްސިލާ ގޮތަކަށް މުސްލިމުންނަށާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމަށް ޓަކައި މުޞްޙަފުގެ ކޮޕީތައް އެންދުމުގެ ސަބަބުން އިސްލާމީ ޤައުމުތަކުން އެކަން ކުށްވެރިކޮށް ޑެންމާރކްގެ މުދާތައް ބޮއިކަޓް ކުރުމަށް ގޮވައިލުމުންނެވެ. މި ޤާނޫނު ފާސްކުރީ މި ރުޅި މަތަކުރުމަށާއި ޑެންމާރކްގެ އަމަންއަމާންކަން ވަރުގަދަކުރުމަށް ޓަކައެވެ. މުޞްޙަފުގެ ކޮޕީތައް އެންދުމުގެ ސަބަބުން ޑެންމާކް ރައްޔިތުންނާ ދެކޮޅަށް ދެވޭ ޙަމަލާތައް ވަނީ ގިނަވެފައެވެ.

ޑެންމާރކްގެ ޢަދާލަތާ ބެހޭ ވަޒީރު ޕީޓަރު ހޯމަލްގާޑް ހާމަކުރެއްވި ގޮތުގައި މި ދިޔަ ޖުލައި މަހުން ފެށިގެން ކީރިތި ޤުރްއާނުގެ ކޮޕީތަކާއި އިސްލާމީ ބައެއް ޤައުމުތަކުގެ ދިދަތައް އެންދުމުގެ ފަސްސަތޭކައެއްހާ ޙާދިސާ ޑެންމާރކްގައި ހިނގައިފައި ވެއެވެ.

އޭނާ ވިދާޅުވިއެވެ. "މިފަދަ މުޒާހަރާތަކުގެ ސަބަބުން އެހެން ޤައުމުތަކާ ޑެންމާރކާ ދެމެދުގައި އޮންނަ ގުޅުމަށް ވަނީ ގެއްލުން ލިބިފައެވެ. އަދި މަޞްލަޙަތުތަކަށް ވަނީ ބުރޫއަރައިފައެވެ. އަދި އެކަންކަމުގެ ސަބަބުން އަހުރެމެންގެ އަމްނަށް ވެސް ވަނީ ގެއްލުން ލިބިފައެވެ."

މި ޤާނޫނާ ބެހޭގޮތުން ޑެންމާރކްގެ ބަރްލަމާނުގައި ނެގުނު ވޯޓުގައި މި ޤާނޫނާ އެއްކޮޅަށް 94 ވޯޓު ލިބިފައި ވެއެވެ. މި ޤާނޫނާ ދެކޮޅަށް ލިބުނީ 77 ވޯޓެވެ. މި ޤާނޫނާ ބެހޭގޮތުން ބަރްލަމާނުގައި ފަސް ގަޑިއިރުގެ ދިގު ބަޙުސްތަކެއް ހިނގިއެވެ. މި ޤާނޫނާ ޚިލާފުވާ މީހުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. ނުވަތަ ޖޫރިމަނާ ކުރެވޭނެއެވެ.

ޑެންމާރކް ސަރުކާރު ބުނާގޮތުގައި މުޞްޙަފު އެންދުން މަނާވިޔަސް ދީނާ ދެކޮޅަށް ފާޑުކިޔުމުގެ މިނިވަންކަން އޮންނާނެއެވެ.

ޑެންމާރކާ އެއްބީދައިން ސްވިޑްން އިން ވެސް ދަނީ މިފަދަ ފިޔަވަޅެއް އެޅުމާމެދު ވިސްނަމުންނެވެ. ސްވިޑްން ބުނާގޮތުގައި މުޒާހަރާތައް ބާއްވަން ހުއްދަދޭއިރު ފުލުހުން ބަލާނީ ޤައުމީ ސަލާމަތަށް އެ ކަމުގެ ސަބަބުން ބިރެއް އޮތްތޯއެވެ. ޤައުމީ ސަލާމަތަށް ބިރެއް ނެތްނަމަ މުޞްޙަފު އެންދުމުގެ ހުއްދަދެވޭނެއެވެ. ދީންތަކާ ދެކޮޅަށް މުޒާހަރާވެސް ކުރެވޭނެއެވެ.

ސްވިޑްންގައި މި ދިޔަ ބޮޑުޢީދު ދުވަހު މުޞްޙަފުގެ ކޮޕީއެއް އަންދައިލުމާ ވިދިގެން ޢިރާޤުގައި ބޭއްވި މުޒާހަރާއެއްގައި ސްވިޑްން އެންބެސީ ވަނީ ރޯކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *