Support Us

ޙަމާސްގެ ޒަޢީމުން އަވަހާރަކޮށްލުމަށް މަސައްކަތްކުރުމާ ދުރުހެލިވުމަށް އުރްދުޣާން އިސްރާއީލަށް އިންޒާރު ދެއްވައިފި

ޙަމާސްގެ އެއްވެސް ޒަޢީމަކު ތުރްކީގައި އުޅުއްވަނިކޮށް އަވަހާރަކޮށްލުމަށް މަސައްކަތްނުކުރުމަށް ރައީސް އުރްދުޣާން އިސްރާއީލަށް އިންޒާރު ދެއްވައިފިއެވެ.

ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވައިފާ ތުރްކީއަށް އެނބުރިވަޑައިގެން މަގުމަތީގައި މަތިންދާބޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި "މި ފަދަ ފިޔަވަޅެއް އިސްރާއީލުން އަޅައިފިނަމަ އެ ކަމަށް ވަރަށް ބޮޑު އަގެއް ދައްކަން ޖައްސާނަމެވެ. އިސްރާއީލަށް ހިންދަމާނުލެވޭވަރުގެ ފިޔާވަޅެއް އަޅާނަމެވެ."

ރައީސް އުރްދުޣާން މި ގޮތަށް ވާހަކަފުޅު ދެއްކެވީ އިސްރާއީލުގެ ދާޚިލީ އަމްނާބެހޭ އިދާރާގެ ވެރިޔާ ރޮނީން ބާރު ޙަމާސްގެ ވެރިން ފަލަސްޠީނުން ބޭރުގައި އުޅުއްވިޔަސް އަވަހާރަކޮށްލަން އިސްރާއީލުން ރާވައިފައިވާ ކަމަށް ބުނުމުންނެވެ. އޭނާ ބުނިގޮތުގައި ޙަމާސްގެ ޒަޢީމުން ލަހުން ވިޔަސް އަވަހަށް ވިޔަސް ނައްތައިލާނަމެވެ. އޭނާ ބުންޏެވެ. "މިޔުނިޚްގައި 1972ގައި އިސްރާއީލުގެ ކުޅިވަރު ޓީމަށް ޙަމަލާދިން ފަލަސްޠީނުގެ އެންމެން ވާނީ ނައްތާލައިފައެވެ. މި ކަން ހަނދާން ބަހައްޓާށެވެ."

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި "އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ޖަރީމާތަކަށް ޓަކައި އޭނާ ޝަރީޢަތަށް ހުށައެޅޭނެއެވެ. އެ ކަމަށް ޙައްޤު އަދަބު އޭނާއަށް ދެވޭނެއެވެ."

އުރްދުޣާން ވިދާޅުވިއެވެ. "ޖާސޫސީ މައިދާނާއި ސަލާމަތީ މައިދާނުގައި ތުރްކީ ކަޑައްތުކޮށްފައިވާ ދިގު ރާސްތާއާއި ހޯދައިފައިވާ އަރުތަތައް ނުދަންނަ މީހަކު ދުނޔެއަކު ނޫޅޭނެއެވެ. އެއްވެސް މީހަކު މިކަން ހަނދާން ނުނެއްތުން އެދެމެވެ."

ރައީސް އުރްދުޣާން ވިދާޅުވިއެވެ. "ޣައްޒާއަކީ ފަލަސްޠީނު މީހުންގެ މިލްކެކެވެ.ޣައްޒާގައި ވެރިކަންކުރާނެ ބަޔަކު ކަނޑައަޅާނީ އެމީހުންނެވެ."

ޣައްޒާގައި "ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދެއް" ޤާއިމުކުރުމަށް އިސްރާއީލުން ރާވަމުންދާތީ އެކަމާ ދެކޮޅަށް ފާޑުވިދާޅުވެ އުރްދުޣާން ވިދާޅުވިއެވެ. "އެއީ އެކަމާމެދު ވާހަކަދެކެވެން ޖެހޭ ކަމެއް ނޫނެވެ. މި ކަމާމެދު ވާހަކަދެއްކުމަކީ ފަލަސްޠީނު މީހުންގެ ޙައްޤަކަށް އަރައިގަތުމެކެވެ."

ހުޅަނގުން އިސްރާއިލަށް ދެމުންގެންދާ އެހީއާ ދެކޮޅަށް ފާޑުވިދާޅުވަމުން އުރްދުޣާން ވިދާޅުވިއެވެ. "ހުޅަނގުން ޚާއްޞަކޮށް އެމެރިކާއިން މި ގޮތަށް އިސްރާއިލަށް އެހީވަމުން ނުދާނަމަ އަހުރެމެންނަށް އަހުރެމެންގެ ސަރަޙައްދުގައި މިފަދަ ޙާލަތަކާ ކުރިމަތިލާކަށް ނުޖެހޭނެއެވެ." އެހެނަސް އޭނާ ވިދާޅުވިއެވެ. "ނަތަޔަންޔާހޫ މިހާރު އެ ދަނީ ބަގުރޫޓުވަމުންނެވެ. ބަގުރޫޓުގެ ދިދަ ކޮންމެ ވަގުތެއްގައި ވެސް އޭނާ އުފުއްލައިލައިފާނެއެވެ."

ފަލަސްޠީނާއި އިސްރާއީލާ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމާ ބެހޭގޮތުން ރައީސް އުރްދުޣާން ވިދާޅުވިއެވެ. "އަހުރެމެން ތުރްކީ އޮތީ މި ފަދަ މަހާސިންތާއަކަށް މެހެމާންދާރީ އަދާކޮށްދިނުމަށް ތައްޔާރަށެވެ. އެހެނަސް މިކަން ކުރެވޭނީ ދެ ފަރާތުން ވެސް ޙަޤީޤަތުގައި ޞުލްޙައަށް އެދޭނަމެވެ."

އޮކްޓޯބަރު ހަތަކުން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް އެ ބިން ފުޑައި ސުންނާފަތިކޮށް ޚަރާބުކުރަމުންނެވެ. އެ ސަރަޙައްދުގެ ބިނާރުތަކާއި ހަސްފަތާލުތަކާއި މަދުރަސާތަކާއި މިސްކިތްތައް ތަޅައި ނައްތައިލަމުންނެވެ. މި ދިޔަ އަންގާރަ ދުވަހާ ހަމައަށް އިސްރާއިލުން ވަނީ ޣައްޒާއިން ފަލަސްޠީނުގެ 16,248 މީހުން ޝާހީދުކޮށް މަރައިލައިފައެވެ. އޭގެ ތެރޭގައި 7,112 ކުޑަކުދިންނާއި 4,885 އަންހެނުން ވެއެވެ. މި ޙަމަލާތަކުގެ ސަބަބުން 43,616 މީހުން ވަނީ ޒަޚަމުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *