ތިމާވެށްޓާއި މި ވެށީގެ ޢުންޞުރުތަކާ ބެހޭގޮތުން މާތްﷲގެ އަމުރުފުޅުތައް އައިސްފައި ވަނީ މުސްލިމުންނަށާއި ޣައިރުމުސްލިމުން ޝާމިލުކޮށް އެންމެހާ އާދަމުގެދަރިންނަށް ކަމަށް އަޒްހަރުގެ އިމާމު ފަޟީލަތުއް ޝައިޚް ޑރ. އަޙްމަދުއް ޠައިބު ވިދާޅުވެއްޖެއެވެ.
ދުބައިގައި ބާއްވަމުންދާ ކޮޕް 28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން އަޒްހަރުގެ އެންމެ އިސް އިމާމު ވިދާޅުވިގޮތުގައި ކީރިތި ޤުރްއާނުގައި އައިސްފައިވާ ތިމާވެށީގެ މަސްއަލަތަކުގައި ބިމާއި ބިމުގައި ހެދޭ ގަސްގަހާގެއްސާއި ބިމުގައި ހިނގާބިނގާވެ އުޅޭ އެންމެހާ ދިރޭ އެއްޗެއްސާއި ކަނޑާއި ކަނޑުގައި އުޅޭހާ މަސްމަހާމެއްސާއި ކަނޑުގެ ޢުންޞުރުތަކާއި ޖައްވާއި ޖައްވުގައި ހިމެނޭ އެންމެހާ ޢުންޞުރުތައް ހިމެނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ހުރިހާ ވާހަކަތަކެއް ޚުލާޞާކޮށް ދަންނަވާނަމަ އެއީ ބިން އިޞްލާޙުކުރުމަށް ކުރައްވައިފައިވާ އިލާހީ އަމުރުފުޅުތަކާއި ބިން ފަސާދަކުރުން ނަހީ ކުރައްވާ ކުރައްވައިފައިވާ އިލާހީ އަމުރުފުޅުތަކެވެ.
ފަޟީލަތުއްޝައިޚުގެ ވާހަކަފުޅުގައި ތިމާވެށްޓައް އިޙްތިރާމުކުރުމަށާއި ތިމާވެށްޓާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި އައިސްފައިވާ އިރްޝާދުތަކަށް ތަބާވުމަށް ދުނިޔޭގެ އެންމެހާ މުސްލިމުން ގޮވައިލެއްވިއެވެ.
ޝައިޚުލްއަޒްހަރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިގޮތުގައި ކީރިތި ޤުރްއާން ފުރިފައިވަނީ ތިމާވެށްޓަށާއި މި ވެށީގައި ހިމެނޭ ހުރިހާ ޢުންޞުރުތަކަށް އިޙްތިރާމުކުރުމަށް ގޮވައިލާ އިލާހި ބަސްފުޅުތަކުންނެވެ. ވެށްޓާއި ވެށީގެ ޢުންޞުރުތައް ﷲ ސުބްޙާނަހޫ ވަ ތަޢަލާގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ބުއްދީގެ ދަލީލުތަކެއް ކަމުގައި ވާތީއެވެ. އެ ކަމުގެ ސަބަބުން އީމާންކަން ހަރުދަނާވެގެންދާތީއެވެ. މާތްﷲ އިންސާނުންނަށް ދެއްވައިފައިވާ ނިޢުމަތްތައް ފާޅުވާތީއެވެ. މި ނިޢުމަތްތަކަށް ޝުކްރުވެރިވާން ޖެހޭނެކަމަށް ޝައިޚުލްއަޒްހަރު ވިދާޅުވިއެވެ. ޝުކްރުވެރި ވެވޭނީ މި ނިޢުމަތްތަކުގެ އަގުވަޒަންކޮށްގެންނެވެ. މި ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ކޮށްގެންނެވެ. އެހެންކަމުން އިންސާނާ މި ވެށްޓާމެދު ޖަވާބުދާރީވާންޖެހޭނެއެވެ.
ފަޟީލަތުއް ޝައިޚު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ބިމާއި ބިމުގައިވާހައި އެއްޗެއްސަކީ އިންސާނާގެ ކޮޑުއެޅިފައިވާ އަމާނަތެކެވެ. ޤިޔާމަތްދުވަހުން މި ބިން އިޞްލާޙުކޮށް ބެލެހެއްޓުމާއި މި ބިން ފަސާދަކޮށް ޚަރާބުކުރުމާ ބެހޭގޮތުން އިންސާނާއާ ސުވާލު ކުރައްވާނެއެވެ. އިންސާނާ ބިން ފަސާދަކޮށް ޚަރާބުކުރުމުން އޭނާއަށް ބަލިމަޑުކަމާއި މުޞީބާތްތަކާއި ކާރިސާތަކުން އެ ކަމުގެ ހިތި ރަހަ ދައްކަވައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُون – މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލު ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަ ވުމަށްޓަކައެވެ.))



advertisment