Support Us

ޣައްޒާގެ ހަސްފަތާލަކަށާއި ޢާންމު ބޯހިޔާވަހިތަކަށް އިސްރާއީލުން ބޮން އަޅައިފި

އިސްރާއީލުން ޣައްޒާގެ ޝައިޚު ރިޟްވާން އަވަށުގެ ބައެއް ގެތަކަށާއި ޣައްޒާގެ ކަމާލް ޢުދްވާން ހަސްފަތާލުގެ އުތުރު ފަރާތަށް ރޭ ބޮމުގެ ވަރުގަދަ ޙަމަލާތަކެއް ދީ އެތައް ބަޔަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލައިފިއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ޖަމްޢިއްޔާ ބުނާގޮތުގައި ޒަޚަމުވި މީހުން ހަސްފަތާލަށް ގެންދިޔުމަށް ވެސް އިސްރާއީލު ސިފައިން ހުރަސްއެޅިއެވެ. 

ފަލަސްޠީނުގެ ނޫސްއޭޖެންސީތައް ބުނާގޮތުގައި ދައިރުލްބަލަޙުގެ ގެއަކަށް އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން ހަތަރު މީހުން ޝަހީދުވިއެވެ. މީގެއިތުރަށް އިސްރާއީލުން ޣައްޒާގެ ރަފަޙުގެ އިރުމަތީ އަވަށެއް ކަމުގައިވާ އަލްޖަނީނާ އަވަށަށް ބޮންއެޅުމުގެ ސަބަބުން 10 މީހުން ޝަހީދުވެ 100 މީހުން ޒަޚަމުވިއެވެ. 

މި ނޫސް އެޖެންސީތައް ބުނާގޮތުގައި ރިޟްވާން އަވަށުގައި އިސްރާއީލު ސިފައިންނާއި ފަލަސްޠީނުގެ މުޖާހިދުންނާ ދެމެދުގައި  ކުރިމަތިލުންތަކެއް ވެސް ރޭ ހިނގިއެވެ. 

އިސްރާއީލުން ކަމާލު ޢުދްވާނު ހަސްފަތާލުގެ އުތުރު ދޮރޯށި ކައިރިއަށް  ބޮންއެޅުމުގެ ސަބަބުން ދެ މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ.  އިސްރާއީލުގެ ބޮމުގެ ޙަމަލާތަކުން ޙިމާޔަތް ހޯދުމަށް  މި ހަސްފަތާލުގެ ސަރަޙައްދަށް ވަނީ ދިހަވަރަކަށް ހާސް މީހުން ޖަމާވެފައި ވެއެވެ. އިސްރާއީލު ސިފައިން ފޯނުން މި ހަސްފަތާލަށް ގުޅައި މި ހަސްފަތާލުން މީހުން ބޭރަށް ނެރުމަށް އަމުރުކުރިއެވެ. 

އުތުރަށް ދިން ފަދަ ޙަމަލާ ދެކުނަށް ވެސް ދޭނަން

އަނެއްކޮޅުން އިސްރާއީލު ސިފައިން ބުނާގޮތުގައި އެމީހުން މިހާރު ޣައްޒާގެ ދެކުނަށް ދެމުންދާ ޙަމަލާތަކަކީ ޣައްޒާގެ އުތުރަށް ދިންފަދަ ޙަމަލާތަކެކެވެ. އިސްރާއީލު ސިފައިންގެ ތަރްޖަމާން ބުންޏެވެ. "އަހުރެމެން ޣައްޒާގެ އުތުރުގައި ވަރުގަދަ ހަނގުރާމަތަކެއް ކުރީމެވެ. މި ހަނގުރާމަ ދެކުނުގައި ވެސް ކުރާނަމެވެ."

ފަލަސްޠީނުގެ ނޫސް އޭޖެންސީ ވަފާ ބުނާގޮތުގައި ރޭ އިސްރާއީލު ސިފައިން ޣައްޒާގެ ޚާން ޔޫނުސް ސަރަޙައްދަށް ވަދެއްޖެއެވެ. އިސްރާއީލުން ދަނީ މަތިންނާއި ތިރިން ޙަމަލާތައް ދެމުންނެވެ. ބޮޑުބަޑިއާއި ޓޭންކުން ޙަމަލާތައް ދެމުންދާއިރު މަތިންދާބޯޓުތަކުން ދަނީ ބޮންއަޅަމުންނެވެ. ޑްރޯންތަކުން ދަނީ ޖާސޫސީ މަޢުލޫމާތުތައް ހޯދަމުންނެވެ. 

އަނެއްކޮޅުން ޙަމާސްގެ އިސްވާރެއް ކަމުގައިވާ އުސާމާ ޙަމްދާން ވިދާޅުވާގޮތުގައި "އިސްރާއީލަށް 50 ދުވަހުގެ ތެރޭގައި ނުކުރެވުނު ކަމެއް އިތުރަކަށް ނުކުރެވޭނެއެވެ." އޭނާ މި ގޮތަށް ވާހަކަފުޅު ދެއްކެވީ ބައިރޫތުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުންނެވެ. އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ނަތަންޔާހޫ ޣައްޒާގައި މާ ބޮޑަށް ގެނބިގެންދާނެއެވެ. ޣައްޒާ ވެގެންދާނީ އިސްރާއީލީންގެ މަޤްބަރާއަކަށެވެ." 

އޭނާގެ ވާހަކަފުޅުގައި އެމެރިކާގެ މިނިވަނުންނަށް ބައިޑެނާ ދެކޮޅަށް އަޑު އުފުލުމަށް ގޮވައިލެއްވިއެވެ.މި އަންނަ އިންތިޚާބުގައި ބައިޑެނަށް ވޯޓު ނުދިނުމަށް އޭނާ ގޮވައިލެއްވިއވެ.

އޭނާ ވިދާޅުވިއެވެ. "ތިޔަބައިމީހުން ނިކަން ދެކެ ބަލާށެވެ! އަހުރެމެން އަސީރުންނާމެދު މުޢާމަލާތު ކުރިގޮތާ އިސްރާއީލުން ފަލަސްޠީނު މީހުން ޖަލަށް ލައިގެން މުޢާމަލާތު ކުރާގޮތް ކިހާ ތަފާތުނހެއްޔެވެ؟ ދުނިޔެއަށް ވަނީ މި ތަން ފެނިފައެވެ."

އޭނާ ވިދާޅުވިގޮތުގައި އަސީރުން ބަދަލުކުރުމާ ބެހޭގޮތުން އަލުން ވާހަކަދެއްކުންތައް ފެށޭނީ އިސްރާއީލުން ހަނގުރާމައިގެ އެންމެހައި ކަންކަން ހުއްޓައިލީމައެވެ. ބިރުދައްކައިގެން އެކަމެއް ނުކުރެވޭނެއެވެ. 

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން މިހާރު އަމާޒު ހިފައިފައި ވަނީ ފަލަސްޠީނުގެ ސައެންސީންނާއި ޢާލިމުން ޝަހީދުކޮށް ނައްތައިލުމަށެވެ.އެބޭފުޅުންގެ ތެރޭގައި ޑރ. ސުފްޔާން ޠާޔިޢު އޭނާ ފާހަގަ ކުރެއްވިއެވެ. ޕްރޮފެސަރ ޠާޔިޢުއަކީ ފިޒިކްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ފުންނާބު އުސް 2% ޢިލްމުވެރީންގެ ލިސްޓުގައި ފާހަގަކުރެވޭ ޢާލިމެކެވެ. 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *