Support Us

އިސްރާއީލުން ނައްތައިލަން ބޭނުންވާ ހަމާސްގެ ތިން ޒައީމުން

އޮކްޓޯބަރު ހަތެއްގެ އަޤްޞާ ޠޫފާނާ ވިދިގެން އިސްރާއީލުން ނައްތައިލަން ބޭނުންވާ ޙަމާސްގެ އިސްވެރިންގެ ޗާޓެއް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުގައި އެލުވައިފައި ވެއެވެ. މި ފޮޓޯ ޗާޓު ތައްޔާރުކޮށްފައިވަނީ ހަރަމެއްގެ ސިފައިގައެވެ. މި ހަރަމުގެ އެންމެ ތިރީ ސަފުގައި ވަނީ ޙަމާސްގެ ކުދި އިސްވާރުންނެވެ. ހަރަމުގެ ބޮލުގައި ތިން ބޭފުޅެއް ވެއެވެ. 

މި ފޮޓޯ ހަރުގެ ކޮޕީތައް އިސްރާއީލުން ޗާޕުކޮށް ޝާއިޢުކޮށް އެ ހަރުގައި ހުރި ފޮޓޯތަކުގެ ބޭފުޅުން އަވަހާރަކޮށްލުމަށް އިސްރާއީލުގެ ޢަސްކަރިއްޔާއަށް ނަތަންޔާހޫ އަމުރުކޮށްފައި ވެއެވެ. 

އަވަހާރަކޮށްލައި ނައްތައިލަން ނަތަންޔާހޫ ބޭނުންވާ ޙަމާސް އެންމެ އިސް ތިން ބޭފުޅުން އަދިވެސް އުޅުއްވަނީ މިނިވަންކަމާއެކު އިސްރާއީލަށް ނިމުތުކުރަން ވެސް ދަތި ހިސާބެއްގައެވެ. 

މި ތިން ބޭފުޅުންނަކީ ޙަމާސްގެ ޢަސްކަރީ ފިޔައިގެ ރައީސް މުޙައްދުއް ޟައިފާއި އެ ފިޔައިގެ ރައީސްގެ ނައިބު މަރްވާން ޢީސާއާއި ޙަމާސްގެ ޣައްޒާގެ ރައީސް ޔަޙްޔާ އައްސިންވާރެވެ.

ރޮއެޓަރޒް ބުނާގޮތުގައި މި ތިން ބޭފުޅުން ހިފައި ހައްޔަރު ނުކުރެވެނިސް ނުވަތަ އަވަހާރަކޮށް ނުލެވެނިސް އިސްރާއީލުން ޣައްޒާ ހަނގުރަމަ ހުއްޓައެއް ނުލާނެއެވެ. ނަތަންޔާހޫ ތަކްރާރުކޮށް ބުނަމުންދާ ގޮތުގައި އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ އަމާޒުތަކުގެ ތެރޭގައި ޙަމާސް ނައްތައިލުން ވެއެވެ.

އިސްރާއީލުން ފަށައިފައިވާ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ވަނީ 15،200 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 6،150  ކުޑަކުދިންނާއި 4،000 އަންހެނުން ހިމެނެއެވެ. މި ޢުދްވާނުގެ ސަބަބުން 37،000 މީހުން ވަނީ ޒަޚަމުވެފައެވެ.


7 އޮކްޓޯބަރު ޙަމަލާގެ މަޖިލިސް

އޮކްޓޯބަރު ހަތެއްގައި ޙަމާސްގެ ހިތްވަރުގަދަ މުޖާހިދުން އިސްރާއީލަށް ދިން އަޤްޞާ ޠޫފާން ރާވައި ހިންގުމުގައި އިސްވެ އުޅުއްވި  ތިން ބޭފުޅުންނަކީ 61 އަހަރުގެ އައްސިންވާރާއި 58 އަހަރުގެ ޢައްޟައިފާއި ޢީސާއެވެ. މި ތިން ބޭފުޅުންގެ ރޭއްވެވުމުގެ ދަށުން އިސްރާއީލަށް ދެވުނު އަޤްޞާ ޠޫފާނުގެ ޙަމަލާއަކީ ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި އިސްރާއީލަށް ދިން އެންމެ ނުރައްކާތެރި ޙަމަލާއެވެ.

ހަތް ދުވަހުގެ މުއްދަތަށް ހުއްޓިގެން ދިޔަ ހަނގުރާމަ ހުއްޓައިލުމާއި އަސީރުން ބަދަލުކުރުމާ ބެހޭ ވާހަކަތައް ޙަމާސްގެ ފަރާތުން ދެއްކެވީ މި ތިން ބޭފުޅުންނެވެ. މި ބޭފުޅުން އުޅުއްވަމުން ގެންދަވަނީ ޣައްޒާގެ ބިންގަރާސްތަކުން ބިންގަރާހެއްގައި ކަމަށް އިސްރާއީލުން ބުނެއެވެ.  

މި ތިން ބޭފުޅުން އަވަހާރަކޮށްލެވިއްޖެނަމަ އެ ކަން ވާނީ އިސްރާއީލަށް ލިބުނު ބޮޑު ނަޞްރަކަށެވެ.

އެމެރިކާގެ ތިން މަސްއޫލުވެރިއަކު ވިދާޅުވާގޮތުގައި ރައީސް ބައިޑެން ދެކެވަޑައިގަންނަވާ ގޮތުގައި ޙަމާސްގެ މި ތިން ބޭފުޅުން އަވަޙަރަކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. ޙަމާސް ނައްތައިލުމަށްވުރެ މި ކަން ކުރަން މާ ފަސޭހަވާނެއެވެ.

އަވަހާރަކޮށްލަން ކުރެވުނު މަސައްކަތްތައް

ޙަމާސްގެ މި ތިން ބޭފުޅުން އަވަހާރަކޮށްލުމަށް އިސްރާއީލުން ވަނީ ތަފާތު ޙަމަލާތަކެއް ދީފައެވެ. ޟައިފު އަވަހާރަކޮށްލަން އިސްރާއީލުން ހަތް ފަހަރު މަސައްކަތްކޮށްފައި ވެއެވެ. މި ޙަމަލާތަކުގެ ސަބަބުން އޭނާގެ އެއް ލޯފުޅު ވަނީ އަނދިރިވެފައެވެ. އެއް ފައިންޕުޅު ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ. 

މިގޮތުން 2014 ގައި އިސްރާއީލުން ދިން ވައިގެ ޙަމަލާއެއްގައި އޭނާގެ އަނބިކަނބަލުން ވަނީ ޝަހީދުވެފައެވެ. އަދި އޭނާގެ ތިން އަހަރުވީ އަންހެން ދަރިކަނބަލުންނާއި ހަތް މަސްވީ ފިރިހެން ދަރިކަލުން ވަނީ ޝަހީދުވެފައެވެ. 

ޙަމާސުން ބުނާގޮތުގައި އައްސިންވާރު އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއް މިހާރު ބޭނުންފުޅެއް ނުކުރައްވައެވެ.އެއީ އޭނާ އުޅުއްވާ ތަންތަން އިސްރާއީލު ދެނެގަންފާނެތީއެވެ.

މި ތިން ބޭފުޅުންނަކީ އިސްރާއީލުގެ ޖަލުތަކުގައި އެތައް އަހަރެއް ހޭދަކުރައްވައިފައިވާ ބޭފުޅުންނެވެ. އެބޭފުޅުން ވަރަށް ރަނގަޅަށް ޢިބްރީ ބަހުން ވެސް ވާހަކަފުޅުދައްކަވައެވެ.  

އިސްރާއީލުން ޝަހީދުކޮށްލައިފައިވާ ބޭފުޅުންގެ ތެރޭގައި ޙަމާސްގެ ބާނީ އައްޝައިޚު އަޙްމަދު ޔާސީނާއި އޭނާގެ ފަހުން ޙަމާސްގެ ޒަޢާމަތަށް އިސްކުރެވުނު ޢަބްދުލް ޢަޒީޒުއް ރަންތީސީ ވެއެވެ. ރަންތީސީ ޝަހީދުކޮށްލައިފައިވަނީ 2004 ގައި އިސްރާއީލުން ދިން ވައިގެ ޙަމަލާގައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *