Support Us

މުއްދަތު ހަމަވުމުން އިސްރާއީލުން ޣައްޒާއަށް ޙަމަލާދޭން ފަށައިފި

ޣައްޒާގައި ހަނގުރާމަ ހުއްޓައިފައިވާ ބޭއްވުމަށް ޙަމާސާ އިސްރާއީލުން އެއްބަސްވި މުއްދަތު ހަމަވުމާއެކު އިސްރާއީލުން ޣައްޒާގެ އެތަންމިތަނަށް އަލުން ބޮންއަޅަން ފަށައިފިއެވެ. މީގެ އިތުރަށް ޣައްޒާގެ ތަފާތު ނާރެސްތަކުގައި ކުރިމަތިލުންތައް އަލުން ފެށިއްޖެއެވެ. 

ހަނގުރާމަ ހުއްޓުމަށް އެއްބަސްވީ މި ދިޔަ ހުކުރުދުވަހުއެވެ. ހަތަރު ދުވަހުގެ މުއްދަތަށް އެއްބަސްވި ނަމަވެސް މި މުއްދަތު ދެ ދުވަހަށް އޭގެ ފަހުން އެއް ދުވަހަށް ވަނީ އިތުރުކުރެވިފައެވެ. މި އެއްބަސްވުމުގެ މުއްދަތު ހަމަވީ މިއަދު ހެނދުނު 9:00 ގައެވެ. 

ޖަޒީރާ ބުނަގޮތުގައި އިސްރާއީލުން ދޭން ފެށި ވައިގެ ޙަމަލާތަކުގެ ސަބަބުން މިއަދުގެ މި ވަގުތަށް ފަލަސްޠީނުގެ 32 މީހުން ވަނީ ޝަހީދުވެފައެވެ. އިސްރާއީލުން ބޮންއެޅި ތަންތާނގެ ތެރޭގައި ޚާން ޔޫނުސްގެ ނާޞިރު ހަސްފަތާލު ކައިރީގެ ތަނެއް ވެއެވެ. އަދި ޚާން ޔޫނުސްގެ މެދުތެރޭގެ މިސްކިތަކަށް ވެސް އިސްރާއީލުން މިއަދު ބޮންއެޅިއެވެ. މި ކަމުގެ ސަބަބުން ނުވަ މީހަކު ޒަޚަމުވިއެވެ.

ފަލަސްޠީނުގެ މުޖާހިދުންގެ ޙަމަލާތައް އިސްރާއީލުގެ ޣައްޒާ ފަށަލަ ކައިރީގެ ރަށްތަކަށް އަރަމުންދާތީ އިސްރާއީލުން އެ ފަށަލައިގައި ހިމެނޭ ޢަސްޤަލާނާއި ސަދީރޫތުގެ ވަޒަންވެރީންނަށް ރައްކައުތެރި ބިންގަރާސްތަކުގައި ތިބުމަށް ދަނީ އަންގަމުންނެވެ. 

ޣައްޒާގެ އިންފޮމޭޝަން އިދާރާ ބުނާގޮތުގައި މިއަދު އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ ވީޑިއޯ ނޫސްވެރިއަކު ޝަހީދުވިއެވެ. މި އިދާރާ ބުނާގޮތުގައި އިސްރާއީލުން ބޮމުގެ ޙަމަލާތައް ދިން ސަރަޙައްދުތަކުގެ ތެރޭގައި ޚާން ޔޫނުސްގެ އިރުމަތީގައި އޮންނަ ޢަބްސާން ރަށާއި އަބޫ އިސްކަންދަރު ސަރަޙައްދުވެއެވެ. 

ފަލަސްޠީނުގެ ޞިއްޙާތާ ބެހޭ ވުޒާރާ ބުނާގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި މުއްދަތު ހަމަވުމާއެކު އިސްރާއީލުން ޣައްޒާގައި އަލުން ޤަތުލުޢާންމުތައް ފަށައިފިއެވެ. އެ ވުޒާރާއިން ބުނިގޮތުގައި ހަނގުރާމަ ހުއްޓައިފައި އޮތް ހައެއްކަ ދުވަހުގެ ތެރޭގައި ޞިއްޙަތާ ބެހޭ ނިޒާމަށް ދިރުމެއް ނުގެނެވުންވެ. އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލައިފައި ހުރި ޣައްޒާގެ ހަސްފަތާލުތައް އަދި އެ ހުރީ ޚިދްމަތް ދެވޭ ޙާލަތުން ބޭރުގައެވެ. 

އިސްރާއީލުން ވެސް ވަނީ ހަނގުރާމަ އަލުން ފަށައިފިކަން އިޢުލާންކޮށްފައެވެ. އިސްރާއީލުން ތުހްމަތު ކުރާ ގޮތުގައި ޙަމާސުން ހަނގުރާމަ ހުއްޓުމަށް އެއްބަސްވިއެއްބަސްވުމަށް އިޙްތިރާމެއް ނުކުރެއެވެ.އިސްރާއީލުން ބުނިގޮތުގައި އެމީހުންގެ ބޯޓުތަކުން ދަނީ ޣައްޒާގެ ހުރިހާ ހިސާބުތަކަކަށް ބޮންއަޅަމުންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *