Support Us

ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައިފި

ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ދާއިމީ ސިފައެއްގައި ހުއްޓައިލުމަށް ސަލާމަތީ މަޖިލީހުގައި ޢަރަބި ޤައުމުތަކުންނާއި ތުރްކީން ރޭ ގޮވައިލައިފިއެވެ.

އެއްވެސް ހުރަސްއެޅުމެއްނެތި އިންސާނީ އެހީތައް ޣައްޒާއަށް އެތެރެކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ވެސް މި ޤައުމުތަކުން ގޮވައިލިއެވެ. 

ޤަޠަރާއި ސުޢޫދީ ޢަރަބިއްޔާއާއި މިޞްރާއި އުރްދުނާއި ތުރްކީގެ  ޚާރިޖީ ވަޒީރުން ސަލާމަތީ މަޖިލީހުގައި ވަކިވަކިން ވާހަކަފުޅު ދައްކަވަމުން ޣައްޒާ ހަނގުރާމައަށް ނިމުމެއް ގެނައުން ވަރަށް މުހިއްމު ކަމަށް ވިދާޅުވިއެވެ. 

ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން ވިދާޅުވިގޮތުގައި ޣައްޒާއަކީ ފަލަސްޠީނުގެ ބިމުގެ ބައެކެވެ.އޭނާ ވިދާޅުވިގޮތުގައި މި ތަން އޮންނަން ޖެހޭނީ ފަލަސްޠީނު ސަރުކާރުގެ އިދާރިއްޔަތުގެ ދަށުގައެވެ. އޭނާ ވިދާޅުވިގޮތުގައި ޤަޠަރު ގޮވައިލަނީ ސަލާމަތީ މަޖިލީހުން ޣައްޒާ ހަނގުރާމަ ހުއްޓުވުމަށާއި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އެއްވެސް ހިފެހެއްޓުމެއް ނެތި ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށެވެ.

ސަލާމަތީ މަޖިލީހުގެ 2712 ނަންބަރު ޤަރާރު ފުރިހަމައަށް ތަންފީޒުކުރުމަށް ސުޢޫދީ ޚާރިޖީ ވަޒީރު ބިން ފަރަޙާން  ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ވަގުތީގޮތުން ހަނގުރާމަ ހުއްޓައިލިޔަސް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުންނާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ދަށުން އިސްރާއީލަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމާ ދުރަކަށް ނުދެވޭނެއެވެ."

ސުޢޫދީ ޚާރިޖީވަޒީރު ވިދާޅުވިއެވެ. "ހަނގުރާމަ ވަގުތީގޮތުން ހުއްޓައިލަން އެއްބަސްވި މުއްދަތު ހަމަވުމުން އަލުން މަސްރަޙު ހޫނުކުރުމަކީ ފަހަތަށް ދެ ފިޔަވަޅު އެޅުމެވެ. މިއީ ސަލާމަތީ މަޖިލީހުގެ މޫނުމަތީގައި ޖެހޭ ލައްގަނޑެކެވެ."

މިޞްރުގެ ޚާރިޖީވަޒީރު ސާމިޙު ޝުކްރީ ހާމަކުރެއްވި ގޮތުގައި "މިޞްރު ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޣައްޒާގައި ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓުވާށެވެ." އޭނާ ވިދާޅުވިގޮތުގައި "ހިތާމަކުރަންޖެހޭ ކަމަކީ އިންސާނީ ޙައްޤުތައް ދިފާޢުކުރުމަށް ގޮވައިލާ ޤައުމުތަކުން ޣައްޒާގައި ހިނގަމުންދާ ކަންތައްތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ސިފަނުކުރާތީއެވެ. ޣައްޒާގައި ހިނގަމުންދާ ކަންތައްތަކަކީ އެތާނގައި މީހުންނަށް ދިރިއުޅުމަށް ހުރަސް އަޅާ ކަންތައްތަކެކެވެ. ހަސްފަތާލުތަކަށާއި ބޯހިޔާވަހިތަކަށް އަމާޒުކޮށް ދޭ ޙަމަލާތަކުން މި ކަން އެނގެއެވެ. ޞުލްޙަ ޤާއިމު ކުރެވޭނީ މިނިވަން ފަލަސްޠީނު ދައުލަތް ސަލާމަތީ މަޖިލީހުން ޤަބޫލުކުރުމުންނެވެ. ޖޫން 4، 1967ގެ ސަރަޙައްދު ތެރޭގައި މި ދައުލަތް ޤާއިމުކޮށްގެންނެވެ. މި ދައުލަތުގެ ވެރިރަށަކީ ޤުދުސް ކަމުގައި ހަދައިގެންނެވެ." 

އުރްދުންގެ ޚާރިޖީ ވަޒީރު އައިމަނުއް ޞަފަދީ ވިދާޅުވިއެވެ. "ބިމަށް އަރައި އޮތުމާއި ޞުލްޙައަކީ އަރާރުންވާ ދެ ކަމެކެވެ. ހިފައިގެން އޮތް ބިމުން ފައިބައިގެން ނޫނީ ޞުލްޙަ ޤާއިމެއް ނުކުރެވޭނެއެވެ." 

ތުރްކީގެ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި ޣައްޒާގައި ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓުން އިޢުލާން ކުރުމަކީ ވާޖިބު ކަމެކެވެ. އޭނާ ވިދާޅުވިގޮތުގައި "ފަލަސްޠީނު މީހުން އެމީހުންގެ ޙައްޤުތައް ހޯދުމަށް ޓަކައި ކުރާ މަސައްކަތްތަކަށް ތުރްކީން ތާއީދު ކުރާނެއެވެ. މަދަނީންނަށް އަމާޒުކޮށް ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރާނެއެވެ."

ޤަޠަރު މެދުވެރިވެގެން ކުރެވުނު މަސައްކަތްތަކެއްގެ ސަބަބުން ޣައްޒާ ހަނގުރާމަ ވަނީ ހަތަރު ދުވަހަށް ހުއްޓައިލައިފައެވެ. ހޯމަ ދުވަހު ވަނީ މި މުއްދަތަށް ދެ ދުވަސް އިތުރުކޮށްފައެވެ. އޭގެ ފަހުން މިއަދު ވަނީ އެ މުއްދަތަށް އެއް ދުވަސް އިތުރުކޮށްފައެވެ. ޤަޠަރުގެ ޚަޖިއްޔާގެ ތަރްޖަމާނު ދާދި ދެންމެ ހާމަކުރެއްވި ގޮތުގައި ހުކުރު ދުވަހު އެއްބަސްވެވުނު މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ބުރާސްފަތި ދުވަސް ނިމުމުންނެވެ. 

ޙަމާސުން ބުނިގޮތުގައި ހަނގުރާމަ ހުއްޓުމުގެ މުއްދަތަށް އެއް ދުވަސް އިތުރު ކުރެވުނީ ހަމަ ކުރީގެ ޝަރްޠުތަކުގެ މަތިންނެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *