Support Us

އިސްރާއީލު އޮތީ ޣައްޒާ ހަނގުރާމަ ފުރިހަމަކުރަން ތައްޔާރަށް

އިސްރާއީލު އޮތީ ޣައްޒާގައި ފަށައިފައިވާ ހަނގުރާމަ ފުރިހަމަކުރުމަށް ތައްޔާރަށްކަމަށާއި އެކަމާބެހޭ ރޭވުންތައް ފުރިހަމަކޮށްފައިވާ ކަމަށް އިސްރާއީލުގެ ޢަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ހަރޓްސީ ހެލިވީ ބުނެފިއެވެ. 

އިސްރާއީލުގެ ޢަސްކަރިއްޔާ ބުނާގޮތުގައި އޭނާ މި ކަން ހާމަކުރީ މި ރޭވުންތަކާ ބެހޭގޮތުން ކެބިނެޓްގެ އެއްބަސްވުން ހޯދުމަށް ޓަކައި ރޭ ބޭއްވި ބައްދަލުވުމުގައެވެ. ދެކުނު ސަރަޙައްދުގެ ޢަސްކަރީ މައިމަރްކަޒުގައި ބޭއްވި މި ބައްދަލުވުމުގައި މި އެއްބަސްވުމަށް ވަނީ ރުހުންދީފައެވެ. އިސްރާއީލުގެ ޗީފް އޮފް ސްޓާފް އިތުރު ތަފްސީލެއް ނުދެއެވެ.

އިސްރާއީލުގެ ދުވަހު ނޫހެއްކަމުގައިވާ ބަދީޢޫތު އަޙްރަނޫތު އިސްރާއީލުގެ ދިފާޢީ ވަޒީރާ ޙަވާލާދީ ބުނިގޮތުގައި އިސްރާއީލުގެ ކަނޑާއި ވަޔާއި އެއްގަމުގެ ޢަސްކަރީ ހުރިހާ ބާރުތަކެއް އޮތީ ހަނގުރާމަ ވަގުތުން އަލުން ފަށަން ތައްޔާރުވެގެންނެވެ.

އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ޗީފް އޮފް ސްޓާފާއި މޯސާދުގެ ވެރިޔާއާއި އިސްރާއީލު އަމަން ޢާންމުގެ ރައީސާއި ޢަސްކަރީ ޖާސޫސީ އިދާރާގެ ރައީސާއި އިސް ބޮޑެތި މަސްއޫލުވެރިން ދަނީ  ޣައްޒާގައި އަސީރުކޮށްފައި ތިބި އިސްރާއީލު މީހުން މިނިވަންކުރުމުގެ މަސައްކަތް ހިނގަމުންދާގޮތް ބަލައި ޙާލަތު ދިރާސާކުރަމުންނެވެ. 

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ރޭ ބުންޏެވެ. "ޙަމާސާއެކު އަސީރުން ބަދަލުކުރުމުގެ މަސައްކަތް ހަމަ ނިމުމުން ޣައްޒާ ހަނގުރާމަ އަލުން ފަށާނަމެވެ."

ނަތަންޔާހޫ ބުންޏެވެ. "އަހުރެމެން ހަތެއް އޮކްޓޯބަރުގައި ޣައްޒާ ހަނގުރާމަ ފެށީ ލަނޑުދަނޑިތަކެއް ޙާޞިލްކުރާށެވެ. އެއީ ޙަމާސް ނައްތައިލުމާއި އަސީރުންތައް މިނިވަންކުރުމާއި އިސްރާއީލަށް ބިރެއްނެތް ތަނަކަށް ޣައްޒާ ހެދުމެވެ. މި ލަނޑުދަނޑިތައް އަދިވެސް އެބަ އޮތެވެ."

ނަތަންޔާހޫ ބުންޏެވެ. "އަސީރުން ބަދަލުކޮށް ނިމުމުން އަހުރެމެން އަލުން ހަނގުރާމަ ފަށާނެހޭ ސުވާލު ކުރެއެވެ. ޖަވާބަކީ އާއެކެވެ. މިއީ އަހުރެންގެ ސިޔާސަތެވެ. މި ސިޔާސަތަށް ކެބިނެޓް ތާއީދުކުރެއެވެ. ސިފައިންނާއި ރައްޔިތުން ވެސް ތާއީދު ކުރެއެވެ."

ނަތަންޔާހޫގެ އޮފީހުން ރޭ ހާމަކުރިގޮތުގައި ޣައްޒާގައި އަދިވެސް 161 އަސީރުން އެބަތިއްބެވެ. އޭގެތެރޭގައި 146 އިސްރާއީލިން ހިމެނެއެވެ. މިހާތަނަށް ޙަމާސުން ދޫކޮށްލައިފައި ވަނީ 86 މީހުންނެވެ. އޭގެތެރޭގައި ހިމެނޭ އިސްރާއީލިންގެ ޢަދަދަކީ 66  އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *