Support Us

ދުނިޔޭގެ ހޫނުމިން ރައްކައުތެރިކުރުމަށް ކޮޕް28 ގައި އެއްބަސްވެވޭނެ ކަމަށް އުންމީދު ކުރެވޭ

ދުނިޔޭގެ ހޫނުކަން މައްޗަށް ދިޔަނުދީ ހިފުމަށް ޓަކައި ކުރެވޭ މަސައްކަތަށް މޫސުމާބެހޭ ކޮޕް 28 ސަމިޓް ބައްދަލުވުމުގައި އާނބަސް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އެކުވެރި ޢަރަބި އިމަރާތުގެ ޞިނާޢަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ސުލްޠާން އަޙްމަދުލް ޖާބިރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވިގޮތުގައި ދުނިޔޭގެ ހޫނުމިން 1.5 ދަރަޖައަށް ވުރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ކުރެވޭ މަސައްކަތަށް މި ސަމިޓްގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރެއްވެއެވެ.  

އިނގިރޭސިވިލާތުގެ ގާޑިއަނަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވިއެވެ. "ދުބައިގައި މާދަމާ ފެށޭ ސަމިޓްގައި ނިކަމެތި ގިންތިތަކަށް އެހީވާ ފަންޑް ޤާއިމުކުރުމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުބައި އަސަރު ކުޑަކުރުމަށް ޓަކައި ހިންގަންޖެހޭ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ތަނަވަސްކުރުމާ ބެހޭގޮތުން އެއްބަސްވުމަކަށް އާދެވޭނެކަމަށް އުންމީދު ކުރެވެއެވެ."

"މި ސަމިޓްގެ ބައިވެރީންގެ ބޮޑު ޢަދަދަށް ބަލާއިރު ކޮޕް 28 ސަމިޓްގެ މަގުޗާޓު ފަލަކޮށް ކުރަހައިލެވޭނެއެވެ. އެއީ ޖައްވު ހޫނުކުރާ ގޭސްތައް ސައެންސީ ނަސޭހަތާ އެއްގޮތަށް މަދުކުރުމެވެ." ޖާބިރު ވިދާޅުވިއެވެ. "ރަނގަޅު ރާސްތާއަށް މިސްރާބު ބަދަލުކޮށް 2030އާ ހަމައަށް ކުރަހާލެވިފައިވާ މަގުޗާޓު ދުނިޔެއިން ބަލައިގެންފިނަމަ އަޅުގަނޑުމެންގެ ލަނޑުދަނޑި ޙާޞިލްކުރެވޭނެއެވެ." 

އޭނާ ވިދާޅުވިގޮތުގައި ބިމުއަޑިން ނަގާ އުނދަނައިގެ މަސްއަލައަކީ ވަރަށް ބޮޑު މަސްއަލައެކެވެ. ބައެއް ޤައުމުތަކުން ބޭނުންވަނީ ފިޔަވަހިކޮށް މަޑުމަޑުން އުނދަނައިގެ މި ބާވަތްތައް ބޭނުންކުރުން ހުއްޓާލާށެވެ. އަނެއްބައި ޤައުމުތަކުން އެދެނީ އެވްރެޖު ގޮތެއް ގައި މި އުނދަނައާ ދުރުހެލިވުމަށެވެ. މި ސަމިޓްގެ ޚިތާމީ އެއްބަސްވުމުގައި މިކަމާބެހޭގޮތުން ބަހެއް ބޭއްވުމަށް އަޅުގަނޑު އެދެމެވެ.

އެންމެ ފަހު ވަގުތާ ހަމައަށް ސަމިޓްގެ ނިންމުންތައް ފަސްނުކުރުމަށް ޖާބިރު ސަމިޓްގެ ބައިވެރިންނަށް ގޮވައިލެއްވިއެވެ. މިޞްރުގައި ބޭއްވުނު ކޮޕް 27 ގައި މި ގޮތަށް ޢަމަލުކޮށްފައިވާތީ ފަޤީރު ޤައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި މަހު 30 ން ޑިސެންބަރު 12 ށް ބޭއްވޭ މި ސަމިޓްގައި 198 ޤައުމުން 70 ހާސް މަންދޫބުން ބައިވެރިވާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *