Support Us

ޣައްޒާގައި ހަނގުރާމަ ހުއްޓައިފައި ބޭއްވުމަށާއި ދެ ދައުލަތުގެ ޙައްލަކަށް އިސްކަންދެއްވައިފި

މެޑިޓެރޭނިއަން ސަރަޙައްދަށް ޓަކައި ޔޫރަޕްގެ އިއްތިޙާދުން ބްރަސަލްސްގައި މިއަދު ފެށި މަހާސިންތާގައި ވާހަކަފުޅުދެއްކެވި ގިނަ ބޭފުޅުންގެ ޚިޠާބުގައި ޣައްޒާގައި ހަނގުރާމަ ހުއްޓައިފައި ބޭއްވުމުގެ އަހައްމިއްޔަތަށާއި ދެ ދައުލަތުގެ ޙައްލަށް ވަރަށް އިސްކަންދެއްވައިފިއެވެ.

އަމިއްލަ ނަފްސުގެ ދިފާޢީ ރޮނގު އިސްރާއީލުން ގިރާކޮށްފައިވާ ކަމަށާއި އަލުން ޣައްޒާ ހިފުމާމެދު ނުވިސްނުމަށް އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ މަސްއޫލުވެރިޔާ ޖޮޒިޕް ބޮރެލް (ފޮޓޯގައި) ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ އަރާރުމަށް ސިޔާސީ ޙައްލެއް ގެނައުމަށް ޓަކައި ދާއިމީ ސިފައެއްގައި ޣައްޒާގައި ހަނގުރާމަ ހުއްޓައިފައި ބާއްވަންޖެހޭ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެޑިޓެރޭނިއަނަށް ޓަކައި ބޭއްވޭ އިއްތިޙާދުގެ އަށް ވަނަ އަހަރީ މަންސާގައި ވާހަކަފުޅު ދައްކަވަމުން ބޮރިލް ވިދާޅުވިއެވެ. "ޙަމާސަކީ ބަޔަކު މީހުންތަކެއް ނޫނެވެ. އެހެނަސް އެއީ ފިކްރެކެވެ. އެއީ އައިޑިޔަލޮޖީއެކެވެ. އެ މަރައެއް ނުލެވޭނެއެވެ."

ބޮރިލް ވާހަކަފުޅުގައި އަލުން ހަނގުރާމަ ނުފެށުމަށް ގޮވައިލެއްވިއެވެ. ހަނގުރާމަ ހުއްޓައިލައިފާ އޮތްއޮތުން ދާއިމީ ކަމަކަށް ބަދަލުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އޭނާ ގަދައަޅުއްވާ ވިދާޅުވިގޮތުގައި ފަލަސްޠީނުގެ ދައުލަތާނުލައި އިސްރާއީލަށް އަމާންކަމެއް ޞުލްޙަމަސަލަސްކަމެއް ނުލިބޭނެއެވެ.

ފަލަސްޠީނީން ފުރުވައެއް ނުލެވޭނެ

މި މަންސާގައި ވާހަކަފުޅު ދައްކަވަމުން އުރްދުންގެ ޚާރިޖީވަޒީރު އައިމަނުއް ޞަފަދީ ވިދާޅުވިގޮތުގައި ޣައްޒާގެ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް އެންމެން މަސައްކަތް ކުރަންވީ ވަގުތު އަތުވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނު މީހުން ޣައްޒާއިން ފުރުވައިލުމަކީ އަހުރެމެން ޤަބޫލުކުރާނެ ކަމެއްނޫންކަން އިސްރާއީލު ދަންނަން ޖެހޭނެއެވެ."

އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން ޞުލްޙައަށް ޓަކައި މަސައްކަތެއް ނުކުރެއެވެ. ދެ ދައުލަތުގެ ޙައްލު ވަނީ މަރައިލައިފައެވެ. ސޮއިކޮށްފައިވާ އެއްވެސް އެއްބަސްވުމަކަށް އިސްރާއީލުން ޢަމަލެއް ނުކުރެއެވެ. އޭނާ ވިދާޅުވިގޮތުގައި ކުރިމަތިލުންތައް ފެށުނީ އޮކްޓޫބަރު ހަތެއްގައެއް ނޫނެވެ. އެއީ އިސްރާއީލުން ފަލަސްޠީނު މީހުންނަށް ކުރަމުންދާ އަނިޔާތަކުގެ ނަތީޖާއެކެވެ.

ސުޢޫދީ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރަޙާން ވިދާޅުވިގޮތުގައި އިސްރާއީލު ފަލަސްޠީން މަސްއަލަ ޙައްލުކުރުމަށް ޓަކައި ދެ ދައުލަތުގެ ޙައްލުނޫން އެހެން ޙައްލެއް ނެތެވެ.އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީން މީހުންގެ ބަރުދާސްތުތަކުގެ މަސްއޫލިއްޔަތު އުފުއްލަންޖެހޭނީ އިސްރާއީލަށެވެ.

ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާޟުލް މާލިކީ ވިދާޅުވިގޮތުގައި ދާއިމީ ސިފައެއްގައި ހަނގުރާމަ ހުއްޓައިލުން ނޫން އެހެން ޙައްލެއް ނެތެވެ.

ސްޕޭންގެ ޚާރިޖީވަޒީރު ޚޫސޭ މެނޮވީލް އަލްޕާރިސް ވިދާޅުވިގޮތުގައި ސަރަހައްދުގައި ސުލްހަ ޤާއިމުކުރުމަށް ޓަކައި ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން މަސައްކަތް ކުރަން ވެއްޖެއެވެ.

މެޑިޓެރޭނިއަނަށް ޓަކައި އިއްތިޙާދު

މެޑިޓެރޭނިއަން އިއްތިޙާދަކީ 2008 ވަނަ އުފައްދައިފައިވާ އިއްތިޙާދެކެވެ. ޖުމްލަ 43 ޤައުމުގެ މި އިއްތިޙާދު އުފައްދައިފައިވަނީ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި މަސްއަލަތައް ޙައްލުކުރުމުގައި އެއްބާރުލުމަށާއި ދީމުޤްރާޠިއްޔަތަށް ޓަކައި މަސައްކަތްކުރުމަށެވެ. މި އިއްތިޙާދުގެ މެންބަރުންނަކީ ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކާއި ޢަރަބި މަޣްރިބުގެ ޤައުމުތަކާއި މިޞްރާއި އުރްދުނާއި ސޫރިޔާއާއި އިސްރާއީލާއި ތުރްކީއާއި އަލްބޭނިޔާއާއި މޮނާކޯއާއި ބޮސްނިޔާއާއި ކްރޮވޭޝިޔާއާއި މޮންޓެގޮމަރީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *