ހަނގުރާމަ ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ޙަމާސުން އިސްރާއީލުގެ 10 އަސީރުން މިނިވަންކުރަން އެއްބަސްވާނަމަ އިސްރާއީލު ސަރުކާރުން ހަނގުރާމަ ހުއްޓައިފައި ބާއްވަން ޤަބޫލުވެދާނެ ކަމަށް އެތާނގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ ބުންޏެވެ. "ދެންމެ އަހުރެން އެމެރިކާގެ ރައީސް ބައިޑެނާ ވާހަކަދައްކައިފީމެވެ. ހަނގުރާމަ ހުއްޓައިފައި ބާއްވާ ކޮންމެ ދުވަހަކު ޙަމާސުން އިސްރާއީލުގެ 10 އަސީރުން ދޫކޮށްލާނަމަ އަހުރެން ހަނގުރާމައެއް ނުފަށާނަމެވެ. އަސީރުން މިނިވަންވުމުން އަހުރެމެން ފުރިމަ ބާރުގައި އަލުން ހަނގުރާމަ ފަށާނަމެވެ. އަހުރެމެންގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ޓަކައި އަލުން ހަނގުރާމަ ފަށާނަމެވެ. އެއީ ޙަމާސް ނައްތައިލުމެވެ. މުލުން އުފުރައިލުމެވެ."
ރައީސް ބައިޑެން ރޭ ވިދާޅުވިގޮތުގައި އޭނާ އުންމީދު ކުރައްވަނީ ޙަމާސާއި އިސްރާއިލުން ހަތަރު ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓުމަށް އެއްބަސްވިއެއްބަސްވުން އިތުރުކުރާނެ ކަމަށެވެ. އެ މުއްދަތު މިއަދު ހަމަވާނެއެވެ.
ރައީސް ބައިޑެން ވިދާޅުވިގޮތުގައި އަސީރުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. އޭނާ ވިދާޅުވިގޮތުގައި ޤަޠަރުގެ އަމީރާއި މިޞްރުގެ ރައީސާއެކު އަސީރުން މިނިވަންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެއެވެ. ބައިޑެން ވިދާޅުވިގޮތުގައި އިސްރާއީލާއި ފަލަސްޠީނުމީހުންގެ އަމްނާއިއަމާންކަން ޖާމިނުކޮށްދޭނީ ދެ ދައުލަތުގެ ޙައްލުންނެވެ. ރައީސް ބައިޑެން މި ގޮތަށް ވާހަކަފުޅު ދެއްކެވީ މެސަޗޯސެޓްސްގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުންނެވެ. އޭނާގެ ވާހަކަފުޅުގައި ޙަމާސުން އަސީރުންތަކެއް ދޫކޮށްލީތީ އެކަމަށް މަރްޙަބާ ވިދާޅުވިއެވެ. ޙަމާސުން ދޫކޮށްލި މީހުންގެ ތެރޭގައި އެމެރިކާގެ ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ހިމެނެއެވެ. ބައިޑެން ވިދާޅުވިގޮތުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވި މުއްދަތު އިތުރުކުރެވިދާނެކަމަށް ނިމުތުކުރެއްވެއެވެ.
ވޯލް ސްޓްރީޓް ދުވަހު ނޫސް ބުނާގޮތުގައި ޣައްޒާގައި ހުއްޓައިލައިފައި އޮތް ހަނގުރާމަ އިތުރު ހަތަރު ދުވަހަށް މުއްދަތު އިތުރުކޮށް އިތުރު 40 މީހުން ޙަމާސުން ދޫކޮށްލާނެއެވެ.
މިޞްރުގެ މަސްއޫލުވެރިއަކު ޤާހިރާ ޗެނެލަށް ހާމަކުރެއްވިގޮތުގައި ޤަޠަރާއި އެމެރިކާއާއި މިޞްރުން ދަނީ ހަނގުރާމަ ހުއްޓައިފައި އޮތް މުއްދަތު އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
ޤަޠަރުން ބުނާގޮތުގައި އިތުރު 40 އަސީރަކު ޣައްޒާގައި ހިފެހެއްޓިފައި އެބަ ތިއްބެވެ. އެހެނަސް އެއީ ޙަމާސުން ހިފަހައްޓައިފައިވާ ބައެއް ނޫނެވެ. އިސްރާއީލު ބުނާގޮތުގައި އިސްރާއީލުގެ 90 ވަރަކަށް އަސީރުން އަދިވެސް ޣައްޒާގައި އެބަ ތިއްބެވެ. އިސްރާއީލު ބުނާގޮތުގައި ޙަމާސުން ދޫކޮށްލި އަސީރުންގެ ފަރާތުން އެމީހުން ތިބި ތަންތަނާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު ވަނީ އިސްރާއީލަށް ލިބިފައެވެ. އިސްރާއީލުގެ ޢަސްކަރިއްޔާއިން ބުނާގޮތުގައި ޙަމާސުގެ އިސްވާރުންގެ ތެރެއިން މުހިއްމު ބޭފުޅުންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ.



advertisment
One Response
ދުވާލަކު މީހެއް ދޫކުރަން ފެންނަނީ.