Support Us

އިސްރާއީލުން ދަނީ އެއްބަސްވުމާ ވަރަށް ބޮޑަށް ޚިލާފުވަމުން: ހަމާސް

އިއްޔެ ޢަމަލުކުރަން ފެށި ވަގުތީގޮތުން ހަނގުރާމަވެރި ޢަމަލުތައް ހުއްޓައިލުމާ ބެހޭ އެއްބަސްވުމަށް އިސްރާއީލުން ދަނީ ވަރަށްބޮޑަށް ޚިލާފުވަމުން ކަމަށް ޙަމާސް ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ރައީސްގެ މުޝީރު ޠާހިރުއްނޫނޫ ވިދާޅުވެއްޖެއެވެ.

ނޫނޫ ވިދާޅުވި ގޮތުގައި އިސްރާއީލުން ވަނީ ޣައްޒާގެ އެތައް ހިސާބެއްގައި އިސްރާއީލުން ހަނގުރާމަ ހުއްޓުމާބެހޭ އެއްބަސްވުމާ ޚިލާފުވެފައެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނުގެ ދެ މީހަކު ޝަހީދުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނޫނޫ ތުހްމަތު ކުރެއްވި ގޮތުގައި އަސީރުން ދޫކޮށްލުމަށް އެއްބަސްވެފައިވާ މިންގަނޑަށް ވެސް އިސްރާއީލުން ރަނގަނޅަށް ޢަމަލެއް ނުކުރެއެވެ.

ނޫނޫ ތުހްމަތު ކުރެއްވި ގޮތުގައި އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ވަންނަ ލޮރީގެ ޢަދަދަށް ވެސް އިސްރާއީލުން ޢަމަލެއް ނުކުރެއެވެ. މީގެއިތުރަށް މި ލޮރީތައް އުތުރު ޣައްޒާއަށް ވަނުމަށް އިސްރާއީލުން ވަނީ ހުއްދަނުދީފައެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން އެއްބަސްވުމަށް އިޙްތިރާމު ނުކުރާނަމަ ހަނގުރާމަ ހުއްޓިފައެއް ނޯންނާނެއެވެ.

އޭނާ ހާމަކުރެއްވިގޮތުގައި ޙަމާސުން މި ދަނީ މި ކަންކަން ފާހަގަކުރަމުން އިސްރާއީލަށާއި އދ އަށް އަންގަމުންނެވެ. މި ކަމުގައި އިސްރާއީލުން ދައްކާ އެއްވެސް ބަހަނާއެއް ޤަބޫލު ނުކުރާނެކަމަށް ނޫނޫ ވިދާޅުވިއެވެ.

އައު ޑީލްތަކެއް ހެދިދާނެ

އެހެނަސް ނޫނޫ ވިދާޅުވިގޮތުގައި ޙަމާސް އޮތީ އަސީރުން ބަދަލުކުރުމާ ބެހޭގޮތުން އައު ޑީލްތައް ހެދުމަށް ހުޅުވިގެންނެވެ. ނޫނޫ ވިދާޅުވިގޮތުގައި އެއްބަސްވުމުގައި ނުހިމެނޭ އެތައް ކަމެއް ޙަމާސުން މި ދަނީ ކުރަމުންނެވެ. އޭނާ މިސާލެއްގެ ގޮތުން ވިދާޅުވިއެވެ. "ތައިލެންޑްގެ އަސީރުންތައް ދޫކޮށްލުމަށް ޙަމާސުން އެއްބަސްވުމެއް ނަހަދައެވެ. އެހެނަސް އިންސާނިއްޔަތަށް ޓަކައި އެ މީހުން ދޫކޮށްލީއެވެ."

ޙަމާސްގެ މުޝީރު ނޫނޫ ވިދާޅުވިގޮތުގައި ޣައްޒާ އަލުން އަލުން ހިފާނެކަމަށް އިސްރާއީލުން ބުނާ ވާހަކަތަކަކީ ޚިޔާލީ ފޮލާއެކެވެ. "އެކަމެއް ނުކުރެވޭނެއެވެ. އަހުރެމެން މި ތިބީ ޣައްޒާގައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *