Support Us

48 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ޣައްޒާއަށް އިންސާނީ އެހީތައް ވަދެއްޖެ

އިސްރާއީލުން ހަނގުރާމައިގެ ޢަމަލުތައް ވަގުތީގޮތުން ހުއްޓައިލުމަށް އެއްބަސްވުމާ ވިދިގެން ޣައްޒާ ސަހަރަށާއި ޣައްޒާގެ އުތުރަށް އިންސާނީ އެހީގެ ލޮރީތައް އިއްޔެ ވަދެއްޖެއެވެ.

އިއްޔެ ހެނދުނު ހަނގުރާމައިގެ ޢަމަލުތައް ހުއްޓުމާ ވިދިގެން މިޞްރުގެ ރަފަޙު މަގުން ލައިފާ އިންސާނީ އެހީތަކުގެ ލޮރީތައް ޣައްޒާއަށް ވަންނަން ފެށްޓިއެވެ. ފަލަސްޠީނުގެ ދާޚިލީ ވުޒާރާ ބުނާގޮތުގައި އިއްޔެ ޢަޞްރާ ހަމައަށް 150 ލޮރީ ޣައްޒާއަށް ވަނެވެ. އޭގެތެރޭގައި ކައްކާ ގޭސް ހިފައިގެން ދިޔަ ހަތަރު ލޮރީއާއި އުނދަނަ ހިފައިގެން ދިޔަ ތިން ލޮރީ ވެއެވެ. ލަފާކުރެވޭ ގޮތުގައި އިތުރު 80 ލޮރީ ޣައްޒާއަށް ރޭ ވަންނާނެއެވެ. ފަލަސްޠީނުގެ މަޞްދަރުތައް ބުނާގޮތުގައި 85 ޓަނުގެ ކައްކާގޭހާއި 150 ހާސް ލީޓަރުގެ އުނދަނަ ޣައްޒާއަށް އިއްޔެ އެތެރެކުރިއެވެ.  

ޙަމާސުން ބުނާގޮތުގައި ހަނގުރާމަ ވަގުތީގޮތުން ހުއްޓައިލުމާ ވިދިގެން ޣައްޒާއަށް ދުވާލަކު 200 ލޮރީގެ ކާބޯތަކެއްޗާއި ބޭސް އެތެރެކުރެވޭނެއެވެ. 

އިސްރާއީލުން ވޭތުވެދިޔަ 48 ދުވަހުގެ ތެރޭގައި ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި މުޅި ޣައްޒާ ވަނީ ފުނޑުފުނޑުކޮށް ޚަރާބުކޮށްފައެވެ. އަދި 14 ހާސް 854 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 6،150 ކުޑަކުދިންނާއި ހަތަރު ހާސް އަންހެނުން ވެއެވެ. މި ޢުދްވާނުގެ ސަބަބުން 36 ހާސް މީހުން ވަނީ ޒަޚަމުވެފައެވެ. އޭގެތެރޭގައި ހިމެނޭ 75% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

އަސީރުން ބަދަލުކުރުން

ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި އެއްބަސްވުމުގެ ދަށުން ޙަމާސުން އިއްޔެ ހަވީރު ވަނީ އިސްރާއީލުގެ 13 މީހުން ދޫކޮށްލައިފައެވެ. އޭގެތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުންގެ ތެރެއިން 39 މީހުން ދޫކޮށްލިއެވެ. ހަނގުރާމަ ހުއްޓުމަށް އެއްބަސްވި އެއްބަސްވުން ބުނާގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ 150 މީހުން ދޫކޮށްލާނެއެވެ. އަދި ޙަމާސުން އިސްރާއީލުގެ 50 މީހުން ދޫކޮށްލާނެއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *