Support Us

ހަނގުރާމަ މެދުކަނޑައިލުމާއެކު އެހީގެ ޤާފިލާތައް ޣައްޒާއަށް

ރާއްޖެ ގަޑިން މިއަދު ހެނދުނު 9:00 ގައި އިސްރާއީލުން ޣައްޒާ ހަނގުރާމަ ހަތަރު ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމާއެކު އިންސާނީ އެހީގެ ޤާފިލާތައް ޣައްޒާއަށް ދާން ފަށައިފިއެވެ.

ޙަމާސާއި އިސްރާއީލު ހަތަރު ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވީ ޤަޠަރުން ކުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. މި މަސައްކަތަށް މިޞްރާއި އެމެރިކާއިން އެއްބާރުލުންދީފައި ވެއެވެ.

ޖަޒީރާގެ ރިޕޯޓަރު ބުނިގޮތުގައި ހަނގުރާމަ ހަމަ ހުއްޓުމާއެކު ޣައްޒާއަށް އަލުން ދިރުން ލިބި ޙަރާކާތްތެރިވާން ފަށައިފިއެވެ. ޣައްޒާ މީހުން ޚަރާބުކޮށްފައިވާ އެމީހުންގެ ގެދޮރަށް އެނބުރިދާން ފަށައިފިއެވެ. މިޞްރުގެ ރަފަޙު މަގުންލައިފާ އެހީގެ ޤާފިލާތައް ޣައްޒާއަށް ވަންނަން ފަށައިފިއެވެ. މި ޤާފިލާތަކުގައި ހިމެނެނީ ކާބޯތަކެއްޗާއި ބޭހާއި ކައްކާ ގޭހާއި އުނދަނައެވެ.

ޙަމާސުން ބުނާގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް އެއްބަސްވި އެއްބަސްވުން ބުނާގޮތުގައި ރަފަޙު ހުރަސްމަގުން ލައިފާ ޣައްޒާއަށް ދުވާލަކު 200 ލޮރީއަށް ވަދެވޭނެއެވެ. އޭގެއިތުރަށް ކައްކާ ގޭހުގެ ހަތަރު ލޮރީއަށް ޣައްޒާއަށް ވަދެވޭނެއެވެ.

ހަނގުރާމަ ހުއްޓައިލުމަށް ޢަމަލުކުރަން ފެށެންދެން އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ދެމުން ދިޔައެވެ. އިސްރާއީލު ސިފައިން އުތުރު ޣައްޒާގެ އިންޑޮނީޝިޔާ ހަސްފަތާލަށް ވަދެ އެތައް ބަޔަކު ހައްޔަރުކުރިއެވެ. މި ކަމުގެ ތެރޭގައި އަންހެނަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ.

އެއްބަސްވުން

މި އެއްބަސްވުން ބުނާގޮތުގައި ޙަމާސުން ހިފަހައްޓައިފައި ތިބި އިސްރާއީލުގެ އަސީރުންގެ ތެރެއިން 50 މީހުން ދޫކޮށްލާނެއެވެ. އަދި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ހަ ހާސް މީހުންގެ ތެރެއިން 150 މީހުން ދޫކޮށްލާނެއެވެ. ޙަމާސުން ސާފުކޮށްދިން ގޮތުގައި ދޫކޮށްލެވޭ މީހުންނަކީ 19 އަހަރުން ދަށުގެ ކުދީންނެވެ.

ޙަމާސް ބުނާގޮތުގައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވެފައިވާ ހަތަރު ދުވަހުގެ ތެރޭގައި ދެކުނު ޣައްޒާ ސަރަޙައްދަށް އިސްރާއީލުގެ އުދުހޭ އެއްވެސް އެއްޗެއް ނުވަންނާނެއެވެ. އަދި ހެނދުނު 10:00 އާއި ހަވީރު 4:00 އާ ދެމެދުގައި އިސްރާއިލުގެ އުދުހޭ އެއްވެސް އެއްޗެއް އުތުރު ޣައްޒާއަކަށް ވެސް ނުވަންނާނެއެވެ.

އަނެއްކޮޅުން އިސްރާއީލު އިންޒާރުދޭ ގޮތުގައި ޣައްޒާގެ ދެކުނުން އުތުރަށް އެއްވެސް މީހަކު ގޮސްގެން ނުވާނެއެވެ. އިސްރާއީލުން ބުނާގޮތުގައި އަދި ހަނގުރާމައެއް ނުހުއްޓެއެވެ. އިންސާނިއްޔަތަށް ޓަކައި ވަގުތުކޮޅަކަށް ޢަސްކަރީ ޙަރަކާތްތައްވ ހުއްޓައިލެވުނީއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *