Support Us

ކިއުބާގެ ރައީސް ފަލަސްޠީނަށް ތާއީދުކުރާ ހިނގައިލުމެއް އެމެރިކާ އެންބެސީ ކައިރީގައި ބާއްވަވައިފި

ކިއުބާގެ ރައީސް މިގެލް ޑިޔާޒު ކެނެލް އިސްކޮށް ހުންނަވާ އެމެރިކާ އެންބެސީ ކައިރީގައި ފަލަސްޠީނަށް ތާއީދު ކުރާ ހިނގައިލުމެއް ރޭ ބާއްވަވައިފިއެވެ.

މި ހިނގައިލުމުގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. ކިޔުބާގެ ވެރިރަށް ހަވާނާގައި ހުންނަ އެމެރިކާ އެންބެސީ ކުރިމަތީގައި މި ހިނގައިލުން ބޭއްވީ ފަލަސްޠީނަށް ތާއީދުކޮށް އަދި އެމެރިކާއިން އިސްރާއީލަށް ދޭ އެހީއާއި ތާއީދު ކުށްވެރިކުރާށެވެ. މި ހިނގައިލުމުގެ ބައިވެރިން ބުނިގޮތުގައި ޣައްޒާގައި އިސްރާއީލުން ކުރާ ހަނގުރާމައަކީ ނަސްލު ނައްތައިލުމުގެ ހަނގުރާމައެކެވެ.

ރައީސް ކެނެލް މި ހިނގައިލުން ބާއްވަވައިފައި ވަނީ ހަވާނާގެ  އައްސޭރިފަށު މަގެއް ކަމުގައިވާ މެލްކަން މަގުގައެވެ. ކުރީގެ ރައީސް ފިޑެލް ކާސްޓްރޯގެ ވެރިކަމުގައި މި މަގުމަތީގައި އެމެރިކާއާ އިދިކޮޅު މުޒާހަރާތައް ވަރަށް ގިނައިން ބާއްވަވައިފައި ވެއެވެ.

ރޭގެ ހިނގައިލުމުގެ ބައިވެރިން ފަލަސްޠީނުގެ ދިދަ އުފުލައި ފަލަސްޠީނު މިނިވަންކުރުމަށް ގޮވައިލިއެވެ. އެމެރިކާ އެންބެސީ ކައިރިން ދަމުން އެމެރިކާއާއާއި އިސްރާއީލު ކުށްވެރިކޮށް އަޑު އުފުލިއެވެ.

ހަވާނާ ޔުނިވަރސިޓީގެ އުސްތާޒާއަކު ވިދާޅުވި ގޮތުގައި އެބޭފުޅުންނަށް އެމެރިކާ އެންބެސީ ކައިރިއަށް މި ވަޑައިގެންނެވުނީ އޮޅުމަކުންނޫނެވެ. އޭނާ ވިދާޅުވިގޮތުގައި ހުރިހާ މުޞީބާތެއްގެ ސަބަބަކީ އެމެރިކާއެވެ. ފަލަސްޠީނުގެ ޙައްޤުތައް ކައި ހަޖަމުކޮށްދޭ ބަޔަކީ އެމެރިކާއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އަރައިގަތުމަށް އިސްރާއީލަށް ހިތްވަރުދޭ ޤައުމަކީ ވެސް އެމެރިކާއެވެ.   

ކިޔުބާއަކީ ކާސްޓްރޯގެ ޒަމާނުއްސުރެ ފަލަސްޠީނުގެ މަސްއަލައަށް ތާއީދުކޮށް ވާގިވެރިވާ ޤައުމެކެވެ، ފަލަސްޠީނުގެ އެތައް ޑަކްޓަރުންނެއް ކިޔަވައިފައި ވަނީ ކިޔުބާއިންނެވެ. ކިޔުބާއަކީ އިސްރާއީލާއެކު ސިޔާސީ ގުޅުން އޮންނަ ޤައުމެއްނޫނެވެ. 

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނިރުބަވެރިކަމާއި ލާއިންސާނީ ކަމާހެދި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުން ދަނީ އިސްރާއީލު ކުށްވެރި ކުރަމުންނެވެ. ބޮލީވިޔާއިން ވަނީ އިސްރާއީލާއެކު އޮތް ސިޔާސީ ގުޅުން ކަނޑައިފައެވެ. ކޮލަމްބިޔާއިން ވަނީ އެ ޤައުމުގައި ހުރި އިސްރާއީލު ސަފީރު ފޮނުވައިލައިފައެވެ. ހޮންޑުރަސް އިން ވަނީ އިސްރާއީލުގައި ހުންނެވި އެ ޤައުމުގެ ސަފީރު ޤައުމަށް ގެނެސްފައެވެ.  

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *