Support Us

ދެކުނު އެފްރިކާއާއި އިސްރާއީލުގެ ގުޅުންތައް އިތުރަށް ނުބައިވެއްޖެ

ދެކުނު އެފްރިކާގެ އިސް ބައެއް މަސްއޫލުވެރިން ޙަމާސާ ބެހޭގޮތުން ދެއްވި ބަޔާންތަކާ ދެކޮޅުހެދުމުގެ ގޮތުން ދެކުނު އެފްރިކާގައި ހުރި އިސްރާއީލުގެ ސަފީރު ރަށަށް ގެންނަން ނިންމައިފިއެވެ.

އިސްރާއީލުގެ ޚާރިޖިއްޔާގެ އެކްސް މަންސާގައި ބުނެފައިވާ ގޮތުގައި ސަފީރު ގެންނަން ޖެހުނީ މަޝްވަރާކުރުމަށް ޓަކައެވެ. އިސްރާއީލުގެ ޚާރިޖިއްޔާގެ ބަޔާނުގައި ދެކުނު އެފްރިކާގެ އިސް މަސްއޫލުވެރިން ވިދާޅުވެފައިވާ ވާހަކަތައް ބަޔާންކޮށްފައެއް ނުވެއެވެ. އެހެނަސް އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ދުވަހު ނޫސް ބުނާގޮތުގައި އެއީ އެބޭފުޅުން ޙަމާސަށް ތާއީދު ކުރައްވައި އިސްރާއީލު ކުށްވެރިކުރައްވައި ބަޔާންތަކެއް ދެއްވައިފައިވާތީއެވެ.

ދެކުނު އެފްރިކާގައި ވެރިކަންކުރާ އެފްރިކަން ނޭޝްނަލް ކޮންގްރެސް ޕާޓީ ބުނާގޮތުގައި އެ ޤައުމުގައި ހުރި އިސްރާއީލް އެންބެސީ ބަންދުކުރުމަށް އެ ޕާޓީން ބަރްލަމާނަށް ހުށައަޅާނެއެވެ.

މި މަހު 10ވަނަ ދުވަހު ދެކުނު އެފްރިކާއިން ވަނީ އިސްރާއީލުގައި ހުންނެވި އެ ޤައުމުގެ ސަފީރު ޤައުމަށް ގެނެސްފައެވެ. އަދި އޭގެ ފަހުން ވަނީ އެ ޤައުމުގެ ހުރިހާ ޑިޕްލޮމެޓުން ޤައުމަށް ގެނެސްފައެވެ. އެއީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ޙަމަލާތައް ކުށްވެރިކޮށް އެޅި ފިޔަވަޅެކެވެ.

ދެކުނު އެފްރިކާއިން ސިފަކުރިގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ "ޣައިރު ޤާނޫނީ" ޙަމަލާތަކެކެވެ. ދެކުނު އެފްރިކާއިން ވަނީ ހަނގުރާމައިގެ ކުށްވެރިންނަށް ވާތީ އިސްރާއީލުގެ ހުރިހާ އިސް މަސްއޫލުވެރިން ހައްޔަރުކުރުމުގެ އަމުރު ނެރުމަށް ބައިނަލްއަޤްވަމީ ޖިނާއީ ކޯޓަށް ގޮވައިލައިފައެވެ. 

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް

އަނެއްކޮޅުން ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ބުނާގޮތުގައި އިސްރާއީލުން  ޣައްޒާއަށް ދެމުންދާ ޙަމަލާތައް ތަޙްޤީޤު ކުރުމަށް ދެކުނު އެފްރިކާއާއި ބަންގްލަދޭޝާއި ބޮލީވިޔާއާއި ކޮމޯރޯސާއި ޖިބޫތީން އެދިއްޖެއެވެ. 

މި ޤައުމުތަކުގެ އެދުން މި ކޯޓުގެ ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ހިނގައްޖެކަމަށް ވެސް އެ ކޯޓުން ބުންޏެވެ. 

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު ބުނާގޮތުގައި މެންބަރު ޤައުމަކަށް ދެވޭ ޙަމަލާއެއް ބަލައި ތަޙްޤީޤު ކުރުމަށް އެދުމުގެ ބާރު އެހެން މެންބަރު ޤައުމުތަކަށް ލިބިގެން ވެއެވެ. މި ކޯޓުން ބުނާގޮތުގައި ޕީޖީ އޮފީހުން ދަނީ ފަލަސްޠީނު ދައުލަތުގެ ޙާލަތު ބަލަމުންނެވެ. މި ތަޙްޤީޤުތައް 2021ގެ މާރިޗުމަހުގެ ތިން ވަނަ ދުވަހު ވަނީ ފަށައިފައެވެ. މި ކޯޓުން ތަޙްޤީޤު ކުރަމުންދާ މަސްއަލަތަކުގެ ތެރޭގައި 2014 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްޠީނާ ދެކޮޅަށް ހިންގަމުންދާ ޢުދްވާނުތައް ވެއެވެ. 

 މި ކޯޓުގެ ބަންޑާރަ ނައިބުކަމުގެ މަޤާމަށް ކަރީމު ޚާން އިސްވެވަޑައިގަތުމާ ވިދިގެން އޭނާ ވަނީ މި މަސްއަލަތައް ތަޙްޤީޤު ކުރުމަށް ޚާއްޞަ ޓީމެއް  އެކުލަވައިލައްވައިފައެވެ.މި ޓީމަށް ވަނީ  މަޢުލޫމާތު އެއްކުރުމާއި ރައްކައުކުރުމާއި ކަމާބެހޭ މީހުންނާއި ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާ ވާހަކަދެއްކުމާއި ފަލަސްޠީނަށާއި އިސްރާއީލަށް ދަތުރުކޮށް މަޢުލޫމާތު ޖަމާކުރުމުގެ ބާރުދީފައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *