Support Us

"މަށަށް ބިރުދައްކަން ނޫޅޭ"

ތުރްކީގެ ރައީސް އުރްދުޣާނާ ޖަރްމަނުގެ މުސްތަޝާރު އޮލާފް ޝުލްޓްޒް އިއްޔެ ބޭއްވެވި ނޫސް ބައްދަލުވުމުގައި ޖަރްމަނުގެ ނޫސްވެރިއަކު އުރްދުޣާން ލަދުގަންނަވާލަން އުޅުމުން "ކަލޭ މަށަށް ބިރުދައްކަން ނޫޅޭށޭ" ވިދާޅުވެ އޭނާގެ އަނގަ ބަންދުވާ ގޮތަށް އޭނާގެ ސުވާލުތަކަށް ޖަވާބު ދެއްވައި މަތަކުރައްވައިފިއެވެ.

އުރްދުޣާން ވިދާޅުވިއެވެ. "އިންސާނީ ގިއުގަނޑުގެ ތެރޭގައި އަދި އިންސާނެއްގެ ޟަމީރުން ނުކުންނަ އެއްޗަކަށް ތިބާގެ ސުވާލުތައް ނިކަން ހަދައި ބަލާށެވެ!" 

ޖަރްމަނުގެ ނޫސްވެރިޔާ ރައީސް އުރްދުޣާނާ ސުވާލުކުރިއެވެ. "މަނިކުފާނު ޙަމާސާ ބެހޭގޮތުން ދެއްވި ބަޔާނާމެދު ކަންބޮޑު ވަނީ ހަމައެކަނި ޖަރްމަނެއް ނޫނެވެ. މުޅި ނޭޓޯ ވެސް މެއެވެ. އިސްރާއީލަށް ދެމިއޮތުމުގެ ޙައްޤު ލިބިގެންވާކަން ޤަބޫލު ކުރައްވަންތޯއެވެ؟ އިސްރާއީލަކީ ފެޝިސްޓް ޤައުމެކޭ ސިފަކުރެއްވީ ކީއްވެގެން ތޯއެވެ؟ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ ނަސްލު ނައްތައިލުމުގެ ޙަމަލާތަކެއް ކަމަށް ސިފަކުރެއްވީ ކީއްވެގެން ތޯއެވެ؟ އެއީ ޙަމާސުގެ ނިރުބަވެރި ޙަމަލާއަށް އިސްރާއީލުން ދިން ރައްދެއް ނޫންތޯއެވެ؟"

ޖަރްމަނުގެ ނޫސްވެރިޔާ ބުންޏެވެ. "ޙަމާސަކީ މިނިވަންކަމަށް ޓަކައި މަސައްކަތްކުރާ ޖަމާޢަތެކޭ ވިދާޅުވީ ކީއްވެގެންތޯއެވެ؟ މިކަމުގެ ސަބަބުން މަނިކުފާނާ ޖަރްމަނާ ދެމެދުގައިވާ ގުޅުމަށް ބުރޫ އަރައިފާނެ ކަމަށް ފެނިވަޑައިނުގަންނަވާތޯއެވެ؟ ޚާއްޞަކޮށް މަނިކުފާނު ތިޔައުޅުއްވަނީ މަނިކުފާނުގެ ވައިގެ ސަރަޙައްދު ދިފާޢު ކުރެއްވުމަށްޓަކައި ޖަރްމަނުން ޔޫރޯ ފައިޓަރު މަތިންދާބޯޓުގެ 40 ބޯޓު ބައްލަވައިގަންނަވަންނޫންތޯއެވެ؟ ޖަރްމަނުން މަނިކުފާނަށް އެ ބޯޓުތައް ވިއްކާނެ ކަމަށް ހީފުޅުވޭތޯއެވެ؟"

ރައީސް އުރްދުޣާން އޭނާއާށް ރައްދުދެއްވައި ވިދާޅުވިއެވެ. "ނޭޓޯގައި ޚިޔާލު ތަފާތު ކަންތައްތަކެއް ހުއްޓަސް އަހުރެމެންނަކީ ނޭޓޯގެ އެންމެ ބާރުގަދަ ފަސް ޤައުމުގެތެރޭގައި ހިމެނޭ  ޤައުމެކެވެ. ރަޝިޔާއާ ޔުކްރޭނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގައި އެހެން އެންމެން ތިބީ ޔުކްރޭނާއެކުގައެވެ. އަހުރެމެން މި ތިބީ ރަޝިޔާއާއި ޔުކްރޭނާއެކުގައެވެ. އަހުރެމެން ރަޝިޔާއާއެކުގައިވެސް ޔުކްރޭނާ އެކުގައި ވާހަކަ ދައްކަމެވެ. އަހުރެމެން ތަފާތެއް ނުކުރަމެވެ. މި ބިރުވެރި ހަނގުރާމައިގެ ތެރޭގައި އަހުރެމެން ވާނީ އެފްރިކާއަށާއި ޔޫރަޕަށް 33 މިލިއަން ޓަނުގެ ގޮވާން އެތެރެކޮށްދީފައެވެ."

ރައީސް އުރްދުޣާން ވިދާޅުވިއެވެ. "ޔޫރޯފައިޓަރުގެ މަސްއަލައިގައި ޖަރްމަނުން އެ ވިއްކިޔަސް ނުވިއްކިޔަސް މަސްއަލައެއް ނެތެވެ. ހަނގުރާމަމަތީ މަތިންދާބޯޓުތައް އުފައްދަނީ ހަމައެކަނި ޖަރްމަނުން ހެއްޔެވެ؟ ދުނިޔޭގެ އެތައް ޤައުމަކުން އަހުރެމެންނަށް އެ ބޯޓުތައް ހޯދިދާނެއެވެ. ހަނގުރާމަމަތީ ޑްރޯނުގެ މައިދާނުގައި އަހުރެމެންނަކީ ދުނިޔޭގައި އެންމެ އިސް ސަފުގައި އޮތް ޤައުމެކެވެ. ނޫސްވެރިއެއްގެ ގޮތުން މަށަށް ބިރުނުދައްކާށެވެ! ކަލޭގެ ސުވާލުތައް ޟަމީރުގެ ސުވާލުތަކަކަށް އަދި އިންސާނިއްޔަތުކަމުގެ ސުވާލުތަކަކަށް ހަދާށެވެ!

ތުރްކީގެ ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި ސަލާމަތުން އޮތް ތަންކޮޅެއް ނެތެވެ.ޣައްޒާގައި އިންސާނިއްޔާތުގެ ހުދްނާއެއް (ޓްރޫސް އެއް) ޤާއިމުކުރެވޭތޯ ޖަރްމަނަށާއި ތުރްކީއަށް މަސައްކަތް ކުރަން ވަނީ ޖެހިފައެވެ. 

ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި އިސްރާއީލުގެ ބާރާ ޙަމާސްގެ ބާރާ އަޅައެއް ނުބެލޭނެއެވެ. ދެފަރާތުގެ އަޑު އެހުމަށް އޭނާ ޖަރްމަނުގެ އިއްތިޙާދުގެ ރައީސް ފްރޭންކް  ވޯލްޓަރ ޝްޓައިންމަޔަރަށް ދެންނެވިކަމަށް ވިދާޅުވިއެވެ. 

ޣައްޒާގެ ހަނގުރާމަޔާ ބެހޭގޮތުން ރައީސް އުރްދުޣާން ދެއްވި ބަޔާނާ ދެކޮޅަށް ފާޑުކިޔާމީހުންނަށް ރައްދު ދެއްވައި ވިދާޅުވިއެވެ. "ޣައްޒާގައި ހިނގަމުންދާ ކަންތައްތަކާމެދު ހަމަހިމޭނުން ތިބެންވީ ހެއްޔެވެ؟ ނުވަތަ އިންސާނިއްޔަތުކަމުގެ ހުދްނާގެ އަޑު އުފުލަންވީ ހެއްޔެވެ؟ 11 ހާސް މީހުން ޣައްޒާއިން މަރުވެއްޖެއެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ."  

އުރްދުޣާން ވިދާޅުވިއެވެ. "ޣައްޒާގައި ހިނގަމުންދާ ކަންތައްތައް ބަލައެއް ނުގަނެވޭނެއެވެ. މުސްލިމެއްގެ ހައިސިއްޔަތުން މިސްކިތްތަކަށް ޙަމަލާދިނުން ޤަބޫލެއް ނުކުރެވޭނެއެވެ. ޣައްޒާގެ ފައްޅިތަކަށް ބޮން އަޅާއިރު ތިބާ މަސީޙީއެއްގެ ހައިސިއްޔަތުން އެ ކަން ބަލައިގަންނާނަން ހެއްޔެވެ؟ އަހުރެމެން ޙައްޤުތަކުގައި  ޔަހޫދީންނާއި މަސީޙީންނާއި މުސްލިމުން ތަފާތެއް ނުކުރަމެވެ." 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *