އިސްރާއީލުން ބޮންއަޅައި ފުނޑުފުނޑުކޮށްލައިފައިވާ ޣައްޒާގެ އެންމެ ބޮޑު ހަސްފަތާލު ޝިފާ ހަސްފަތާލަށް ނޫސްވެރިން ވަދެ ބެލުމުގެ ހުއްދަ އިސްރާއީލު ސިފައިން ދިނުމާ ދެކޮޅަހަދައިފައިވާ ކަމަށް އެމެރިކާގެ ނިވްޔޯރކް ޓައިމްޒް އިން ބުނެފިއެވެ.
މި ނޫހުގެ ރިޕޯޓަރަކަށް ޝިފާ ހަސްފަތާލުގެ ތަންކޮޅެއް ބަލައިލުމުގެ ހުއްދަ ދިން ނަމަވެސް މި ހަސްފަތާލުގައި އެނދުމަތިކޮށްފައި ތިބި މީހުންނާއި ހަސްފަތާލުގެ މުވައްޒަފުންނާ ބައްދަލުކުރުމުގެ ހުއްދައެއް ނުދިނެވެ.
އިސްރާއީލު ސިފައިން ނޫސްވެރިންނަށް ބުންޏެވެ. "މި އެކުވެނީގައި ޙަމާސުގެ ހަނގުރާމަވެރިން ތިބެދާނެއެވެ." އިސްރާއީލު ސިފައިން ނޫސްވެރިން ވެއްދީ ޝިފާ ހަސްފަތާލުގެ އެކުވެނީގެ އެއްފަރާތަކަށެވެ. އިސްރާއީލު ސިފައިން ބުނިގޮތުގައި މި އެކުވެނީގެ އެތެރޭގެ މައިމަގުން ހިނގައިފައި ދާކަށް ނުވާނެއެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
އިސްރާއީލު ސިފައިން މި ހަސްފަތާލަށް ބޮންއަޅައި ހަލާކުކޮށް ވައްޓައިލުމަށްފަހު އެމީހުން މި ހަސްފަތާލުތެރެއަށް ވަންނަން ފެށީ 15 ނޮވެންބަރު ގައެވެ. އެމީހުންނަށް އެތަނުން ޙަމާސްގެ ބައެއް ހަތިޔާރުތަކާއި ކޮންޕިޔުޓަރުތައް ފެނިފައިވާ ކަމަށް އިސްރާއީލު ސިފައިން ބުންޏެވެ.
އަނެއްކޮޅުން ޝިފާ ހަސްފަތާލުގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒައްޤޫތު ވިދާޅުވާ ގޮތުގައި އިސްރާއީލުން ދަޢުވާކުރާ ގޮތުގައި ޝިފާ އެކުވެންޏަށް ވަދެވުމަކީ އެމީހުންނަށް ލިބުނު ކާމިޔާބެކެވެ. އެހެނަސް އެމީހުންނަށް ފަލަސްޠީނުގެ މުޖާހިދުންގެ އެއްވެސް ޢުންޞުރެއް މި ތަނުން ފެނިފައެއް ނުވެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލު ސިފައިން ހަސްފަތާލުގެ އޮޕަރޭޝަން ތިއޭޓަރުތަކަށާއި ކުއްލި ޚިދްމަތްދޭ ވެނިތަކަށް ވަދެ އެތަންތަން ބަލައި ފާސްކުރިއެވެ. އަދި ބޭސްފިހާރަތަކަށް ވެސް ވަދެ ފާސްކުރިއެވެ.