...

Support Us

ދިގު އިންތިޒާރަކަށްފަހު ބައިޑެން– ޝީ ބައްދަލުކުރައްވައިފި

ދިގު އިންތިޒާރަކަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެނާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ކެލިފޯނިޔާގައި ރޭ ބައްދަލުކުރައްވައިފިއެވެ.

ބައިޑެން ސިފަކުރެއްވި ގޮތުގައި މިއީ "ބިނާކުރަނިވި މޭވާގަތް" ބައްދަލުވުމެކެވެ. އެހެނަސް ދެ ޤައުމުގެ ދެމެދުގައި ދެބަސްވުން ހުރި އެތައް ކަމެއް ފެންމައްޗަށް އެރިއެވެ. 

މި ބައްދަލު ކުރެއްވުމަށްފަހު ބައިޑެން ނޫސްވެރީންނާ ބައްދަލު ކުރައްވާ މި ސަމިޓާ ބެހޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ސަމިޓަށްފަހު ރައީސް ބައިޑެން ވިދާޅުވިގޮތުގައި އޭނާގެ ނަޒަރުގައި ޗައިނާގެ ރައީސަކީ "ޚުދްމުޚްތާރު" ވެރިއެކެވެ. ޗައިނާއިން އަދި މިކަމާ ބެހޭގޮތުން އެއްޗެއް ނުބުނެއެވެ.

ބައިޑެން ވިދާޅުވިއެވެ. "އެއީ ޚުދްމުޚްތާރު ވެރިއެކެވެ. ކޮމިޔުނިސްޓް ޤައުމެއް ހިންގަވާ ވެރިއެކެވެ. އެ މީހުންގެ ވެރިކަމުގެ ނިޒާމު އަހުރެމެންގެ ވެރިކަމުގެ ނިޒާމާ ތަފާތެވެ." 

ބައިޑެން ސިފަކުރެއްވި ގޮތުގައި މި ސަމިޓަކީ "ބިނާކުރަނިވި މޭވާ ގަތް" ބައްދަލުވުމެކެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއާއި ޗައިނާއާ ދެމެދުގައި މަތީ ފެންވަރުގައި ޢަސްކަރީ ބައްދަލުވުންތައް އަލުން ފެށުމަށް އެއްބަސްވެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ޝިންޚުވާ ނޫސް އޭޖެންސީ ބުނާގޮތުގައި މި ބައްދަލުވުންތައް ބޭއްވޭނީ ހަމަހަމަކަމާއި އެއް ފަރާތުން އަނެއް ފަރާތަށް އިޙްތިރާމުކުރުމުގެ ގިއުގަނޑުގެ ތެރެގައެވެ. 

ޝިންޚުވާ ބުނާގޮތުގައި މަޞްނޫޢީ ވިސްނުންތެރިކަމާ ބެހޭގޮތުން ދެ ސަރުކާރުގެ ދެމެދުގައި ވާހަކަދެއްކުންތައް ފެށުމަށް ދެ ރައީސުން އެއްބަސްވެވަޑައިގަތެވެ. މީގެ އިތުރަށް މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރުމުގައި ދެ ޤައުމު އެއްބާރުލުމަށް ވެސް ދެ ރައީސުން އެއްބަސްވެ ވަޑައިގަތެވެ.

ޝިންޚުވާ ބުނިގޮތުގައި ރައީސް ޝީ އެމެރިކާގެ ރައީސަށް ދެންނެވިއެވެ. "ޗައިނާއިން އެމެރިކާ ފަހަނަޅާދާކަށް ނުވަތަ އެމެރިކާ އެއްފަރާތް ކުރާކަށް މަސައްކަތެއް ނުކުރެއެވެ." އޭނާ ވިދާޅުވިއެވެ. "އެމެރިކާއިން ޗައިނާ ވަށައިލުމަށް ޗައިނާގެ ގައިގައި ހަންމުށި އެޅުމަށް މަސައްކަތްކޮށްގެން ނުވާނެއެވެ." 

ޝިންޚުވާ ރައީސް ޝީއާ ޙަވަލާދީ ބުންޏެވެ. "އިސްތިޢުމާރުގެ ބައު މަގުން ޗައިނާއެއް ނުހިނގާނެއެވެ. ޤައުމުތަކުގެ މުއްސަނދިކަން ފޭރިގަންނާކަށް ނޫޅޭނެއެވެ.  ޤައުމެއް ބާރުގަދަވަން ފެށުމުން އެ ޤައުމުގެ މައްޗަށް އަތްގަދަ ކުރުމުގެ ކަތިމަގަކުން ވެސް ނުހިނގާނެއެވެ." 

ވިޔަފާރިއާއި ތައިވާނުގެ މަސްއަލަ

ޗައިނާގެ ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުރިމަތިކުރާ ހުރަސްތަކަކީ އެކަމާމެދު ބޭޖިން ރުހޭ ކަންތައްތަކެއް ނޫންކަމަށް ރައީސް ޝީ ވިދާޅުވިއެވެ. 

ޝީ ވިދާޅުވިއެވެ. "ޗައިނާއިން ބޭރުކުރާ މުދަލާއި ޗައިނާގެ ވުނަކުރުންތަކާ ދެކޮޅަށް އެމެރިކާއިން އެކަހެރި ގޮތެއްގައި އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ  ޖާއިޒު މަޞްލަޙަތުތަކަށް ގެއްލުން ލިބެއެވެ." 

ބައިޑެން ވިދާޅުވިގޮތުގައި ކޮންމެ ބުރަކަމެއް ދަތި މަސްއަލައެއް ކުރިމަތިވާއިރަށް ވަގުތުން ފޯނުން ގުޅައި އެ ކަމަކާ ބެހޭގޮތުން މަޝްވަރާކުރުމަށް އެއްބަސްވެވުނެވެ. 

މި ފަހި ޖައްވުގެ ތެރޭގައި ވެސް ހުރިހާ މަސްއަލަތަކެއް ޙައްލުވެގެން ނުދާކަން ފާހަގަ ކުރެވެއެވެ. ދެބަސްވުން އުފެދިފައިވާ ދެ މަސްއަލައަކީ ވިޔަފާރިއާއި ތައިވާނެވެ.

ތައިވާނަށް ހަތިޔާރު ދިނުން ހުއްޓައިލުމަށް ރައީސް ޝީ ވޮޝިންގްޓަނަށް ގޮވައިލެއްވިއެވެ. ސުލްޙަވެރިކަމާއެކު ޗައިނާގެ ވަޙްދަތު ޤާއިމުކުރުމުގައި އެމެރިކާ ވާގިވެރިވުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ "ޟަރޫރީ ކަމެކެވެ."

އެމެރިކާގެ ރައީސް ބައިޑެން ޗައިނާގެ ރައީސް ޝީއާ ބައްދަލު ކުރެއްވީ ކެލިފޯނިޔާގެ ފަރުބަދަތައް ކައިރީގައި ހުންނަ ވުޑް ސައިޑް ވިލާގައެވެ.ދެ ރައީސުން ބައްދަލުކުރެއްވުމަށްފަހު މެންދުރު ފަރިއްކުޅުއްވީ ވެސް އެކުގައެވެ. އެއަށްފަހު މި ވިލާގެ ގޯތިތެރޭގައި ކުޑަ ފިނިބުރެއް ވެސް ޖައްސަވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.