ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ޓަކައި "ދުވަސްކޮޅަކަށް" ޙަމަލާތައް ހުއްޓައިލުމަށް ސަލާމަތީ މަޖިލީހުން ރޭ ޤަރާރެއް ފާސްކޮށްފިއެވެ.
ޣައްޒާ ހަނގުރާމަ ހުއްޓުވޭތޯ ސަލާމަތީ މަޖިލީހުން މީގެ ކުރިން ވަނީ ހަތަރު ފަހަރު މަސައްކަތްކޮށް ފޭލްވެފައެވެ. ސަލާމަތީ މަޖިލީހުގެ ޤަރާރުގައި ޙަމާސުން ހިފަހައްޓައިފައިވާ އެންމެން އެއްވެސް ޝަރްޠަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ވެސް ގޮވައިލައިފައި ވެއެވެ. ނަމަވެސް އިސްރާއީލުން ހައްޔަރުކޮށްފައިވާ މީހުންނާ ބެހޭގޮތުން އެއްވެސް އެއްޗެއް މި ޤަރާރުގައި އައިސްފައެއް ނުވެއެވެ.
މޯލްޓާއިން ހުށައެޅި މި ޤަރާރަށް ރަޝިޔާއާއި އެމެރިކާއާއި އިނގިރޭސިވިލާތުން ވޯޓެއް ނުދެއެވެ. އަދި ވީޓޯއެއް ވެސް ނުކުރެއެވެ. އަނެއް 12 މެންބަރުން މި ޤަރާރަށް ތާއީދު ކުރިއެވެ.
އެންމެ ފަހު ވަގުތުގައި މި ޤަރާރަށް އިޞްލާޙު ގެނެވޭތޯ ރަޝިޔާއިން މަސައްކަތް ކުރިއެވެ. އިންސާނިއްޔަތަށް ޓަކައި ކުޑަދުވަސްކޮޅަކަށް ހުއްޓައިލެވޭ ޙަމަލާތަކުގެ ބަދަލުގައި ހަނގުރާމަވެރި އެންމެހާ ޢަމަލުތައް ހުއްޓުވާ ޤަރާރަކަށް ހެދޭތޯ ރަޝިޔާއިން މަސައްކަތް ކުރިއެވެ.
ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި ޤަރާރު ވާނީ ރަސްމީކަން ކުޑަ، ހަނގުރާމަ ހުއްޓުމުގެ މުއްދަތު ކުރު، ޙަމަލާދިނުން މަނާކުރާ ޤަރާރަކަށެވެ. އެއީ ޓްރޫސެކެވެ. ސީސްފަޔަރެއް ނޫނެވެ.
ސަލާމަތީ މަޖިލީހުގެ ރޭގެ ޤަރާރުގައި ޙަމާސް ކުށްވެރިކޮށްފައެއް ނުވެއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން މި ކަން ކުރަން ބޭނުންވިއެވެ.
ސަލާމަތީ މަޖިލީހުގެ ޤަރާރުގައި މަދަނީންނާއި ކުޑަ ކުދިން ޙިމާޔަތްކުރުމަށް ގޮވައިލައިފައި ވެއެވެ. މި ޤަރާރުގައި މަދަނީންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދްމަތްތަކުން އެމީހުން މަޙްރޫމު ނުކުރުމަށް ވެސް ގޮވައިލައިފާ ވެއެވެ.
ޙަމަލާތަށް ދިނުން އިންސާނިއްޔަތަށްޓަކައި ހުއްޓައިލުމަށް އދގެ ޢާންމު ޖަމްޢިއްޔާއިން މި ހުސްވި އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު، 121 މެންބަރުންގެ ތާއީދާއެކު، ވަނީ ގޮވައިލައިފައެވެ. ޙިޞާރުކޮށްފައިވާ ޣައްޒާއަށް އިންސާނީ އެހީތައް ފޯރުކޮށްދިނުމަށާއި މަދަނީން ޙިމާޔަތް ކުރުމަށް މި ޤަރާރު ގޮވައިލައިފާ ވެއެވެ.
އިސްރާއީލުން މީގެ 40 ދުވަސްކުރިން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވަނީ 11,500 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4,710 ކުޑަކުދިންނާއި 3,160 އަންހެނުން ވެއެވެ. މީގެ އިތުރަށް 29,800 މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ ތެރޭގައި ހިމެނޭ 70% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ.



advertisment