...

Support Us

ޣައްޒާގައި މިލިޔަނަކަށްވުރެ ގިނަ ކުޑަކުދިން ބޮޑު ބިރުވެރިކަމަކަށް ހާސާވެފައި

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދުގައި މިލިއަނަކަށްވުރެ ގިނަ ކުދިން ބޮޑު ބިރުވެރިކަމަކަށް ހާސާވެފައިވާ ކަމަށް ޔުނިސެފުން ބުނެފިއެވެ.

ކުޑަކުދީންނާބެހޭ އދގެ ޖަމްޢިއްޔާގެ ތަންފީޒީ ޑިރެކްޓަރު ކެތުރިން ރަސަލް، އެ ޖަމްޢިއްޔާގެ ރަސްމީ ނެޓް ޞަފްޙާގައި ޝާއިޢު ކުރެއްވި ބަޔާނެއް ބުނާގޮތުގައި އިސްރާއީލުން ޙިޞާރުކޮށްފައިވާ ޣައްޒާގައި ކުޑަކުދިންނާ ދެކޮޅަށް ތަފާތު ބާވަތްތަކުގެ ޖަރީމާތައް ހިންގަމުން އެބަދެއެވެ. އޭގެތެރޭގައި އެ ކުދިން ޖަމާޢަތްޖަމާޢަތަށް މެރުމާއި އެކުދިންގެ ބުރުސޫރަ ހުތުރުވާގޮތަށް އަނިޔާކުރުމާއި ޒަޚަމުކުރުމާއި މަދުރަސާތަކަށާއި ހަސްފަތާލުތަކަށް ޙަމަލާދިނުމާއި އެހީ ލިބުން މަނާކުރުން ވެއެވެ. 

ރޭ ރަސަލް ޣައްޒާއަށް ޒިޔާރަތްކުރެއްވުމަށްފަހު ޝާއިޢުކުރެއްވި މި ބަޔާން ބުނާގޮތުގައި "ޣައްޒާގައި ވަނީ 4،600 ކުޑަކުދިން މަރައިލައިފައެވެ. ދިހަވަރަކަށް ހާސް ކުދިން ވަނީ ޒަޚަމުކޮށްލައިފައެވެ. ޣައްޒާގައި އެ ކުދިންނަށް އަމާން ތަންކޮޅެއް ނެތެވެ."

އިންސާނީ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމަށް ޓަކައި ވަގުތީ ގޮތެއްގައި ވިޔަސް ޣައްޒާ ހުޅުވައިލުމަށް ރަސަލް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތީ ފިނިމޫސުންކަމުން ޣައްޒާ ވަނީ އުނދަނައަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

ޔުނިސެފް ބުނާގޮތުގައި ޣައްޒާގެ ޞިއްޙީ ޚިދްމަތްތައް ވަނީ މުޅިން ކަހަލަ ގޮތަކަށް ޚަރާބުވެ ހަލާކުވެފައެވެ. އެ ޖަމްޢިއްޔާ ބުނާގޮތުގައި އުތުރު ޣައްޒާގެ ޞިއްޙީ ޚިދްމަތްތަކުގެ ޙާލަތު މާ ނުބައެވެ. 

މި ޖަމްޢިއްޔާގެ ނެޓް ޞަފްޙާ ބުނާގޮތުގައި ކުޑަކުދިންނަށް ޚާއްޞަ ރަންތީސީ ހަސްފަތާލާއި ނަޞްރު ހަސްފަތާލުގައި ޞިއްޙީ ޚިދްމަތް ވަނީ ހުއްޓިފައެވެ. ރިޕޯޓުތައް ބުނާގޮތުގައި އަލަށް އުފަންވާ ކުދިންނަށް ޚައްޞަ ފަރުވާ ދިނުމަށް ބޭނުންކުރާ އައިސީޔޫ އަށް ބޭނުންވާ ކުޑަކުޑަ ޖެނެރޭޓަރެއް ހިންގައިލާނެ އުނދަނަކޮޅެއް މެނުވީ ނެތެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޢުދްވާނުގެ ސަބަބުން ޣައްޒާއިން ވަނީ 11 ހާސް 320 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4،650 ކުޑަކުދިންނާއި 3،145 އަންހެނުން ވެއެވެ. ނައްތައިލައިފައިވާ ޢާޢިލާތަކުގެ ޢަދަދަކީ 1،118 އެވެ. ޒަޚަމުވެފައިވާ މީހުންގެ ޢަދަދަކީ 29،200 އެވެ. އޭގެ ތެރޭގައި ހިމެނޭ 70% އަކީ ކުޑަކުދިންނެވެ. ގެއްލިފައިވާ މީހުންގެ ޢަދަދަކީ 2،700 އެވެ. މީގެ އިތުރަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ހަ ހާހަށްވުރެ ގިނަ މީހުން ރަހީނުކޮށްފައި އެބަ ތިއްބެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.