އިސްރާއީލުން މިހާރު ކުރަމުންދާ ހަނގުރާމައާ ހެދި ދަރިވަރުންނާއި މުދައްރިސުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސިފައިންގެ މަޖްބޫރީ ޚިދްމަތަށް ގެންގޮސްފައިވާތީ އިސްރާއީލުގެ ޔުނަވަރސިޓީތަކާއި މަތީ ތަޢުލީމުދޭ މަރްކަޒުތައް މި އަންނަ ޑިސެންބަރު މަހުގެ 24ގެ ކުރިން ނުހުޅުވޭނެ ކަމަށް އިސްރާއީލުގެ ޔުނިވަރސިޓީތަކުގެ ރައީސުން (ޗާންސްލަރުން) ވިދާޅުވެއްޖެއެވެ.
އިސްރާއީލުގެ ޗެނެލް 13 ބުނާގޮތުގައި ޔުނިވަރސިޓީތަކުގެ ރައީސުން ހާމަކުރެއްވި ގޮތުގައި ކިޔެވުން ފެށުމުގެ ދެ ހަފުތާ ކުރިން ދަރިވަރުންނަށާއި މުދައްރިސުންނަށް އެކަން އެންގޭނެއެވެ.
އިސްރާއީލުގެ ޔުނިވަރސިޓީތަކުގެ މި އިޢުލާނުގައި ހަތް ޔުނިވަރސިޓީއެއް ހިމެނެއެވެ. އެއީ ޢިބްރީ ހުނިވަރސިޓީއާއި ތައްލު އަބީބު ޔުނިވަރސިޓީއާއި ބާރު އީލާން ޔުނިވަރސިޓީއާއި ބެން ގޯރިޔަން ޔުނިވަރސިޓީއާއި ތަޚްނިޔޫން ޔުނިވަރސިޓީއާއި ޙައިފާ ޔުނިވަރސިޓީއާއި އަރްޔީލް ޔުނިވަރސިޓީއެވެ.
އިސްރާއީލުގެ ޗެނެލް 13 ބުނިގޮތުގައި ވައިޒްމަން މަޢުހަދާއި އޯޕަން ޔުނިވަރސިޓީން އަދި ވަކި ގޮތެއް ކަނޑައެއް ނާޅައެވެ. އެހެނަސް މި ދެ ތަނުގެ ކިޔެވުން ވެސް ދިރާސީ ކަލަންޑަރާ އެއްގޮތަށް ނުހުޅުވޭނެ ކަމަށް ޗެނެލް 13 އިން ބުންޏެވެ.