...

Support Us

ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ޙަމާސުން އިސްރާއީލުގެ ޢަސްކަރީ 20 އުޅަނދު ހަލާކުކޮށްލައިފި 

ޙަމާސުގެ ޢަސްކަރީ ފިޔަ އަލްޤައްސާމު ފައުޖުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ޢަސްކަރީ 20 އުޅަނދު ހަލާކުކޮށް  ނައްތައިލައިފައިވާ ކަމަށް ޤައްސާމު ފައުޖުގެ ތަރްޖަމާން އަބޫ ޢުބައިދާ ވިދާޅުވެއްޖެއެވެ. އޭނާ އިންޒާރުކުރެއްވި ގޮތުގައި ﷲގެ އިރާދަފުޅާއެކު ޢަދުއްވުންގެ އިތުރު ހަތިޔާރުތައް ހަލާކުކޮށްލެވިގެންދާނެއެވެ.

"އަޤްޞާ ޠޫފާނަށް 38 ދުވަސް ވެއްޖެއެވެ. އަޅުގަނޑުމެންގެ މުޖާހިދުން ދަނީ ޢަދުއްވުންގެ ބާރުތަކަށް ޙަމަލާތައް ދެމުންނެވެ. އެމީހުންގެ ޓޭންކްތަކާއި އާޓިލަރީ އުޅަނދުތައް ހަލާކުކުރަމުންނެވެ." އޭނާ ވިދާޅުވިއެވެ. "އެމީހުން އަޅައި ކޮންމެ ފިޔަވަޅެއް އެޅޭނީ އަޅުގަނޑުމެންނަށް ބޮނޑިއެޅޭ ގޮތަކަށެވެ. ޞިހްޔޫނީ ވެރިން އަޅުގަނޑުމެންގެ ޖިހާދު ނައްތައިލުމަށް ދެކޭ ހުވަފެނަކީ އެމީހުންނާ ކުރިމަތިލާން ޖެހިފައިވާ ބަލިވުމުން ފޭވުމަށް ޓަކައި ދައްކާ ހޮޅިވާހަކަތަކެކެވެ."

އަސީރުން ބަދަލުކުރުމާ ބެހޭ ވާހަކަދެއްކުންތައް

ޙަމާސުން އަސީރުކޮށްފައިވާ އިސްރާއީލު މީހުން ބަދަލުކުރުމާ ބެހޭގޮތުން ޤަޠަރު މެދުވެރިވެގެން ވާހަކަދެއްކުންތަކެއް ބޭއްވިފައިވާ ކަމަށް ޤައްސާމު ފައުޖުގެ ތަރްޖަމާނު އަބޫ ޢުބައިދާ ވިދާޅުވިއެވެ. އިސްރާއީލުން ރަހީނުކޮށްފައި ތިބި ފަލަސްޠީނުގެ 200 ކުޑަކުދިންނާއި 75 އަންހެނުންގެ ބަދަލުގައި ޙަމާސުން އިސްރާއީލުގެ އަސީރުންތަކެއް ދޫކޮށްލުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ޙަމާސުން ބުނާގޮތުގައި "ފަސްދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލުމަށާއި ޣައްޒާއަށް ފެނާއި ކަރަންޓާއި ހަކަތަ ދިނުމަށް އަޅުގަނޑުމެން ޝަރްޠު ކުރީމެވެ. ފަސް ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލުމަށް ބޭނުންވަނީ ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޓަކައި މިޞްރަށް ގެންދިޔުމަށާއި މަރުވެފައިވާ މީހުންތައް ވަޅުލުމަށް ޓަކައެވެ." އޭނާ ހާމަކުރެއްވިގޮތުގައި އިސްރާއީލުން އިޖާބަދޭކަށް ބޭނުމެއް ނުވެއެވެ. 

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޢުދްވާނުގެ ސަބަބުން ޣައްޒާއިން ވަނީ 11 ހާސް 240 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4,630 ކުޑަކުދިންނާއި 3,130 އަންހެނުން ވެއެވެ. ނައްތައިލައިފައިވާ ޢާޢިލާތަކުގެ ޢަދަދަކީ 1118 އެވެ. ޒަޚަމުވެފައިވާ މީހުންގެ ޢަދަދަކީ 29,000 އެވެ. ޒަޚަމުވެފައިވާ މީހުންގެ 73% އަކީ ކުޑަކުދީންނެވެ. ގެއްލިފައިވާ މީހުންގެ ޢަދަދަކީ 2,700 އެވެ. މީގެ އިތުރަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ހަ ހާހަށްވުރެ ގިނަ މީހުން ރަހީނުކޮށްފައި އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.