...

Support Us

ޣައްޒާ ޢުދުވާނަށާއި އިސްރާއީލަށް އެއްވެސް ސިފައެއްގައި އެހީވުމަކީ ހަރާމްކަމެއް: ތުރުކީ

އިސްރާއީލަށް އަދި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޢުދްވާނަށް އެހީވާ ޤައުމުތަކަށް ސީދާކޮށްނާއި ނުސީދާކޮށް އެހީވުމަކީ ޙަރާންކަމެއް ކަމަށް ތުރްކީގެ ދީނީ ކަންތައްތަކާބެހޭ އިދާރާގެ ރައީސް ޢަލީ އިރްބާޝް ފަތުވާ ދެއްވައިފިއެވެ.

ތުރްކީގެ ސަރަޙައްދުތަކުގެ މުފްތީންގެ 43ވަނަ މަޝްވަރާ ބައްދަލުވުން ހުޅުއްވާދެއްވަމުން އިސްރާއީލުގެ މުދާތައް ބޮއިކަޓު ކުރުމަށް މުސްލިމުންނަށް އޭނާ ގޮވައިލެއްވިއެވެ.

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަނިޔާވެރިންނާއި ޚާއިނުންގެ ކުރިމަތީގައި ހަނުތިބުމަކީ ޙަރާން ކަމެކެވެ. އަނިޔާވެރިންނަށާއި މީހުންގެ ބިންތައް ހިފައިގެން އުޅޭ މީހުންނަށާއި ނިރުބަވެރިންނަށާއި ޤާތިލުންނަށް ސީދާގޮތުންނާއި ނުސީދާގޮތުން ވާގިވެރިވުމަކީ ޙަރާންކަމެކެވެ." އޭނާ ގަދައަޅުއްވައި ވިދާޅުވިއެވެ. "މި ޙަޤީޤަތް އޮޅުވައެއް ނުލެވޭނެއެވެ."

އިރްބާޝް ވިދާޅުވިއެވެ. "އިސްރާއީލުން ޣައްޒާއާއި ޤުދުސާއި ފަލަސްޠީނުން ފުއްދާ ނުލާނެކަން މުސްލިމުން ދަންނަންވާނެއެވެ.އެމީހުންގެ ފާސިދު ޢަޤީދާއާ އެއްގޮތްވާގޮތުގެ މަތިން އެ ބިންތަކުގައި މީހުން އާބާދީވެ އުޅުން އެކަށީގެން ނުވާ ބިމަކަށް ހަދާނެއެވެ."

ތުރްކީގެ އިލްޚާ ނޫސް އޭޖެންސީ ބުނާގޮތުގައި އިރްބާޝް ވިދާޅުވިއެވެ. "ދުނިޔެ މިއަދު ދެކެމުން މި ދަނީ އިޖްތިމާޢީ ސަޤާފީ ސިޔާސީ އިޤްތިޞާދީ ބޮޑު ވަޅުގަނޑެއްގެ ތެރޭގައި ޙިޞާރުވެފައިވާ ތާރީޚީ ބުރަ ފައްތަރެކެވެ."

އޭނާ ވިދާޅުވިއެވެ. "ޞިހްޔޫނީ ނިރުބަވެރި ޖަމާޢަތުން ދުނިޔޭގެ ކުރިމަތީގައި އަރައިގަންނަމުން އެދަނީ ނަސްލުމާރީގެ ސާފު ޖަރީމާތަކެވެ.އެމީހުން މަސައްކަތް ކުރަމުން އެދަނީ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސާއި ފަލަސްޠީނުގެ އެހެނިހެން ރަށްތައް ފުޑުފުޑުކޮށް މި ބިންމަތިން ފުހެލުމުގެ މަސައްކަތެވެ. އެ ޢުދްވާނުގެ ބޭނުމަކީ މިއެވެ."

އޭނާ އިތުރަށް ވިދާޅުވިއެވެ. " ރޭގަނޑު އުފަންވާ ފަލަސްޠީނުގެ ތުއްތު ކުދިންނަށް ދުވާލުގެ އަލިކަން ފެނުމުގެ ކުރިން އެ ދަނީ މަރަމުންނެވެ. މަރައިލައިފައިވާ ކުދި ދަރިން އުރައިގެން ތިބި މައިންގެ ރުއިމުގެ އަޑުން އުޑު އެ ދަނީ ހެލެމުންނެވެ. ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ފަލަސްޠީނުގެ އެތައް ސަތޭކަ ޢައިލާތަކެއް އެ ދަނީ ވަޅުލެވި ގެއްލެމުންނެވެ. "

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ދުނިޔޭގެ ހުރިހާ ޖަމްޢިއްޔާތަކެއް ޚާއްޞަކޮށް އދ ޖަމްޢިއްޔާ މި ޖަރީމާތައް ދުށުމަށް ލަދުގަންނަން ޖެހޭނެއެވެ. އެމެރިކާއާއި ޔޫރަޕްގެ ދައުލަތްތަކަށް ލަޢުނަތް ހުށްޓެވެ. އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތަކަށް ވާގިވެރިވެ ބަހުންނާއި ޢަމަލުން ތާއީދު ކުރާތީއެވެ."

އޭނާ ވިދާޅުވިގޮތުގައި "މި ޒަމާނުގެ އެންމެ ބޮޑު މުޞީބަތަކީ ބައިނަލްއަޤްވާމީ އަނަފާ ނިޒާމެވެ. އެ ނިޒާމުގެ ސަބަބުން ހުރިހާ މައިދާނެއްގައި މި ވަނީ އަނިޔާވެރިކަމާއި ޤަތުލުޢާންމުތަކާއި ނަސްލުމާރީތައް ހިންގުމަށް މަގުފަހިވެފައެވެ.މިއަދު އިންސާނިއްޔަތާ ކުރިމަތިވެފައިވާ އަސާސީ މަސްއަލައަކީ ޢާލަމީ ނަސްލީ އިމްބަރާޠޫރިއްޔަތެވެ." މިހެންވެ ދުނިޔެއަށް އަޚްލާޤާއި ޤާނޫނުގެ އައު ޙަޟާރަތަކަށް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާ ޙިޞާރުކޮށް އެ ސަރަޙައްދަށް ފެނާއި ކަރަންޓާއި ހަކަތައާއި އުނދަނަ ލިބުމުން މަޙްރޫމުކުރުމަށް ފަހު ދެމުންގެންދާ ނިރުބަވެރި ޚަރާބުކުރަނިވި ހަނގުރާމައަށް 38 ދުވަސްވީ އިރު ވެސް މި ހަނގުރާމަ ހުއްޓުވުމާ އެމެރިކާ ދަނީ ދެކޮޅު ހަދަމުންނެވެ. ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރަމުންނެވެ. ހަތިޔާރާއި މުދަލުން އެހީވަމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޢުދްވާނުގެ ސަބަބުން ޣައްޒާއިން ވަނީ 11 ހާސް 240 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4،630 ކުޑަކުދިންނާއި 3،130 އަންހެނުން ވެއެވެ. ނައްތައިލައިފައިވާ ޢާޢިލާތަކުގެ ޢަދަދަކީ 1،118 އެވެ. ޒަޚަމުވެފައިވާ މީހުންގެ ޢަދަދަކީ 29،000 އެވެ. ޒަޚަމުވެފައިވާ މީހުންގެ 73% އަކީ ކުޑަކުދީންނެވެ. ގެއްލިފައިވާ މީހުންގެ ޢަދަދަކީ 2،700 އެވެ. މީގެ އިތުރަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ހަ ހާހަށްވުރެ ގިނަ މީހުން ރަހީނުކޮށްފައި އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.