ރާއްޖޭގެ ޓީވީ ސްޓޭޝަންތަކާއި ނޫސްތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމުގެ ގޮތުން ގްރޭޓާ މާލޭ އޭރިޔާގައި މީޑިއާތަކަށް ހާއްސަ މީޑިއާ ވިލެޖެއް ގާއިމްކޮށް، އެތަނުގައި މީޑިއާތައް ހިންގާނެ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުރިހައި ނޫސްވެރިންނަށް ދައުވަތު ދެއްވައިގެން ރޭ ބޭއްވެވި "ނޫސްވެރިންގެ ގުންޒަރު"ގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މީޑިއާތައް ހިންގުމަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަމަކީ މިއަދުން މިއަދަށް ހައްލުކުރެވޭނެ ކަމެއް ކަމަކަށްނުވި ނަމަވެސް އެ މަނިކުފާނުގެ ވިސްނުންފުޅަކީ އެ މައްސަލަ ހައްލުކޮށްދެއްވުމުގެ ގޮތުން މާލޭ ސަރަހައްދުގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކޮށްދެއްވުން ކަމަށެވެ.
މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ވާހަކަ ރޭގެ ބައްދަލުވުމުގައި ޑރ. މުއިއްޒުގެ ސަމާލު ކަމަށް ގެނެސްދެއްވީ، ނޫސްވެރިންގެ ޝުއޫރުތައް ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި، ތަޖުރިބާކާރު ނޫސްވެރިއެއް ކަމަށްވާ "އަދިވެސް" އޮންލައިންގެ ސީއީއޯ މުހައްމަދު ޝަހީބެވެ. ޝަހީބު ވިދާޅުވީ ރާއްޖޭގެ ނޫސްތަކާއި އަމިއްލަ ޓީވީތައް ވެސް ހިދުމަތް ދެމުން އަންނަނީ އަމިއްލަ މީސްމީހުންގެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ހިފައިގެން ކަމަށެވެ. އެހެންވެ އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އެކަމަށް ހައްލެއްގެ ގޮތުގައި ރާއްޖޭގައި މީޑިއާ ހައުސްއެއްގެ ގޮތުގައި ތަނެއް ގާއިމްކޮށްދެއްވުމަކީ ޓީވީތަކާއި ނޫސްތަކަށް ޖާގަ ލިބި މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލައިގެންދާނެ ކަމެއްގެ ގޮތުގައި ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި އެތަނުގައި ހުރިހައި މީޑިއާތަކަށް ބޭނުންކުރެވޭނެ ސްޓޫޑިއޯތަކާއި އެހެނިހެން ސާމާނު ކުއްޔަށް ލިބެން ހުންނަންވާނެ ކަމަށާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ އާއި އަމިއްލަ ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުންތައް ވެސް ބޭއްވޭނެ އިންތިޒާމް ފަހިވެގެންދާންވާނެ ކަމަށެވެ. އަދި ހުރިހައި ނޫސްވެރިން ބައިވެރިވާ "ޕްރެސް ކްލަބު" ވެސް އެ ފުރާޅުގެ ދަށުގައި ހިންގޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި މިއޮތީ ތިބޭފުޅުން ތިޔަ ވިދާޅުވާ (މީޑިއާތައް ހިންގުމުގައި ތަންތަން ކުއްޔަށް ހިފައިގެން ހިނގުމުގައި ދިމާވެފައިވާ ދަތިކަން) ފަދައިން ކުރިއަށް އޮތް ތަނުގައި އެކަމަށްޓަކައި ގްރޭޓާ މާލޭ ރީޖަންގައި އެކަށީގެންވާ ފެސިލިޓީއެއް ގާއިމްކުރުން. މީޑިއާ ވިލެޖެއް އިރާދަކުރެއްވިއްޔާ ގާއިމްކުރުމުގެ ކޮންސެޕްޓްގެ ތެެރެއިން އެކަމަށް މަގުފަހިކޮށްދޭނަން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ ކެންޕެއިންގައި ވައުދުވެވަޑައިގެންނެވި ފަދައިން ރާއްޖޭގެ މީޑިއާތަކަށް ފޮރުވާނެ އެއްވެސް މައުލޫމާތެއް ނޯންނާނެކަން އަމަލީ ގޮތުން ދައްކަވާނެ ކަމަށެވެ. އެގޮތުން ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަށް ކަނޑައަޅާފައިވާނީ އެ ވައުދު އެގޮތުގައި ފުއްދަވާނެ ފަދަ ޓީމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"ރައްޔިތުންނަށް ހިދުމަތް ކުރަން ނުކުންނަ މީހަކު ފޮރުވަން ޖެހޭނެ ކަމެއް ރައްޔިތުންނަކަށް ނޯންނާނެ. ރައްޔިތުން ކަމަކަށް އެދިއްޖެ ނަމަ އެކަމަށް ސާފުކޮށް ބަޔާންކޮށްދެވެންވާނެ. އެ ފަލްސަފާގައި މަސައްކަތް ކުރާނެ ހިތްވަރު ގަދަ ޓީމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކުލަވާލާފައި މިވަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އާ ސަރުކާރު ވެގެން ދާނީ ނޫސްވެރިންނާ އެކީގައި ނޫސްވެރިންގެ އެދޭ ހުރިހާ މައުލޫމާތުތަކެއް ދިނުމުގައި ދެ ފުށް ފެންނަ ގޮތަށް މަސައްކަތް ކުރާނެ ސަރުކާރަކަށް ކަމަށެވެ.
މީގެ އިތުރުން މީޑިއާތައް ކުރިއެރުވުމަށްޓަަކައި ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަަމަށް ރިޔާސީ ކެންޕެއިންގައި ވައުދު ވެވަޑައިގެންފައިވާ ފަދައިން ދައުލަތުގެ ބަޖެޓުން އެ ކަންތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި ނަމަވެސް އެ ބަޖެޓް ހުށަހެޅުމަށް ލިބުުނު ވަގުތުގައި އެކަމަށް ސީދާ ވަކި އިންސައްތައެއް ހިމަނާފައިނުވި ނަމަވެސް މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ މަރުހަލާގެ ތެެރެއިން މީޑިއާތަކަށް ވަކި އިންސައްތައެއް އެ ބަޖެޓްގައި ވެސް ހިމެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަސްދުކޮށްފައި މިއޮތީ ބަޖެޓްގެ މަރުހަލާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަން އެކަމަށް. މަސައްކަތްކޮށް ވަކި އިންސައްތައެއް (މީޑިއާއަށް) ހިމެނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި އެދެން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން މިކަމުގައި އެއްބާރުލުން ދިނުމަށާއި އެބޭފުޅުން އެއްބާރުލުން ދީފިނަމަ މިއަހަރުގެ ބަޖެޓްގައި ވެސް މީޑިއާތަކަށް މާލީ އެހީތެރިކަން ހަމަޖެހިގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީޑިއާތަކުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކުރިއަށްދިއުމަށް ތަމްރީންނާއި ތައުލީމު ހާސިލް ކުރުމަށް ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގެ ވައުދުގެ ދަށުން ނޫސްވެރިންނަށް ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ސަރުކާރުގެ ސްކޮލާޝިޕްތައް ދީގެން ހިލޭ ކިޔެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.



advertisment