ޣައްޒާގެ ޝިފާ ހަސްފަތާލު ވަރަށް ނުރައްކާތެރި ޙާލަތަކަށް ހިނގައްޖެކަމުގެ އިންޒާރު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދްހަނޯމު ވިދާޅުވެ ކަންބޮޑުވުން ހާމަކުރައްވައިފިއެވެ.
އޭނާގެ އެކްސް މަންސާގައި ލިޔުއްވައިފައިވާ ގޮތުގައި އެ ހަސްފަތާލަށް ހަސްފަތާލެއްގެ ގޮތުގައި މިހާރު ޚިދްމަތެއް ނުދެވެއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން އެ ހަސްފަތާލަށް ބޮންއެޅުމާއި ބޭސް ލިބޭ މަގުތައް ބަންދުކުރުމާއި ފަރުވާދިނުމުގެ ވަސީލަތްތައް މަސައްކަތްކުރުމަށް ބޭނުންވާ ހަކަތަ ލިބުމަށް ހުރަސްއެޅުމުގެ ސަބަބުން އެ ހަސްފަތާލަށް މިހާރު އެއީ ހަސްފަތާލެކޭ ނުކިޔޭނެއެވެ.
"ހަސްފަތާލުގައި ފެނާ ކަރަންޓު ނެތްތާ ތިން ދުވަސް ވެއްޖެއެވެ. އިންޓަނެޓްގެ ޚިދްމަތް ވެސް ވަނީ ކަނޑައިލައިފައެވެ. މި ކަންތައްތަކުގެ ސަބަބުން ހަސްފަތާލުގެ އަސާސީ ޚިދްމަތްތައް ވަނީ ހުއްޓިފައެވެ." އޭނާ ވިދާޅުވިއެވެ. "ބޮންއަޅާ އަޑާއި ހަތިޔާރު ބޭނުންކުރަމުންދާ އަޑުން މުޅި ސަރަޙައްދު ގުގުމަމުންދާތީ ނަފްސާނީ ގޮތުން ވެސް މީހުންނަށް ވަނީ ނުބައި އަސަރުތައް ކުރަމުންނެވެ."
އޭނާ ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލެއްވިއެވެ.
ހަސްފަތާލުތައް ޙިޞާރުކޮށްފާ
ހަސްފަތާލުތަކުގައި މަސައްކަތްކުރާ ޑަކްޓަރުންނާއި ނަރުހުންގެ ޓީމުތައް ބުނާގޮތުގައި އިސްރާއީލުން ވަނީ އުތުރު ޣައްޒާގެ ހަސްފަތާލުތައް ޙިޞާރުކޮށްފައެވެ. އެމީހުން ބުނާގޮތުގައި ޣައްޒާގެ އެންމެ ބޮޑު ހަސްފަތާލު ޝިފާ ހަސްފަތާލާއި ދެވަނައަށް އެންމެ ބޮޑު ހަސްފަތާލު އަލްޤުދްސު ހަސްފަތާލު ވަނީ ނުކުޅެދުންތެރިކުރުވައިފައެވެ. އެމީހުން ބުނިގޮތުގައި މަރުވެފައިވާ މީހުންނާއި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު ދަނީ ކޮންމެ ދުވަހަކު އިތުރުވަމުންނެވެ.
ނޫސްވެރިން ބުނާގޮތުގައި ޣައްޒާގައި އަމާން ތަންކޮޅެއް ނެތެވެ. ފާރުގަނޑެއް ފަހައިލެވޭނެ ރޮދިކޮޅެއް ވެސް ހަސްފަތާލުގައި ނެތެވެ. ހަސްފަތާލުތަކުގައި އަތްދޮވެލެވޭނެ ގޮތެއްނެތެވެ. މީރުފެން ފޮދެއްވެސް ލޮނުފެންފޮދެއްވެ ނެތެވެ.
ޝިފާ ހަސްފަތާލުގެ ޑަކްޓަރަކު ބުންޏެވެ. "ހަސްފަތާލުގެ ޢިމާރާތްތަކަށް ބޮންއެޅުމުގެ ސަބަބުން އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ އިންކިޔުބޭޓަރުތައް ވަނީ ހަލާކުވެފައެވެ. މިކަމާހެދި ހުރިހާ ކުދިން ބާއްވަން ޖެހެނީ އެދެއް މަތީގައެވެ. އެއަރކޯން ހިންގައިލަދޭނެ ހަކަތަކޮޅެއް ނެތެވެ."
ފަލަސްޠީނުގެ ރެޑް ކްރެސެންޓް ބުނާގޮތުގައި ޤުދުސް ހަސްފަތާލުގައި އެއްވެސް ޚިދްމަތެއް ނުދެވެއެވެ. ރެޑް ކްރެސެންޓާއި ރެޑް ކްރޮސް ޖަމްޢިއްޔާތަކުގެ އިއްތިޙާދުގެ ތަރްޖަމާނު ޓޮމާސޯ ޑެލާ ލޮންޖާ ވިދާޅުވާ ގޮތުގައި "ޤުދުސް ހަސްފަތާލު ހުރީ ދުނިޔެއާ މުޅިން އެކަހެރިވެފައެވެ. އެ ހަސްފަތާލަށް ދެވޭނެ މަގެއްވެސް އަދި އެ ތަނުން ނުކުންނާނެ މަގެއް ވެސް ނެތެވެ."
މިއަދަކީ އިސްރާއީލުގެ ޢުދްވާނުގެ 37ވަނަ ދުވަހެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޢުދްވާނުގެ ސަބަބުން ޣައްޒާއިން ވަނީ 11 ހާސް 180 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4،609 ކުޑަކުދިންނާއި 3،100 އަންހެނުން ވެއެވެ. ނައްތައިލައިފައިވާ ޢާޢިލާތަކުގެ ޢަދަދަކީ 1،118 އެވެ. ޒަޚަމުވެފައިވާ މީހުންގެ ޢަދަދަކީ 28،200 އެވެ. ގެއްލިފައިވާ މީހުންގެ ޢަދަދަކީ 2،700 އެވެ. މީގެ އިތުރަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ހަ ހާހަށްވުރެ ގިނަ މީހުން ރަހީނުކޮށްފައި އެބަ ތިއްބެވެ.



advertisment