ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް އިސްލާމީ ޤައުމުތަކާއި އަރަބި ޤައުމުތައް ގުޅިގެން އިއްޔެ ބޭއްވި ސަމިޓުގެ ނިންމާ ބަޔާނުގައި ގޮވައިލައިފިއެވެ.
ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބޭއްވި މި ސަމިޓުގެ ނިންމާ ބަޔާން ބުނާގޮތުގައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބަދަލުހިފުމުގެ ހަނގުރާމައަކީ އެއްވެސް ސިފައެއްގައި އަމިއްލަ ނަފްސު ދިފާޢު ކުރުމުގެ ހަނގުރާމައެއް ކަމަކަށް ނުބެލެވޭނެއެވެ.
ޣައްޒާ ޙިޞާރު ނައްތައިލުމަށާއި އިސްލާމީ ޤައުމުތަކުންނާއި ބައިނަލްއަޤްވާމީ މުޖްތަމަޢުތަކުން ޣައްޒާއަށް ފޮނުވާ އިންސާނީ އެހީގެ ޤާފިލާތައް ޣައްޒާއަށް ވަނުން މަނާކުރުން ހުއްޓައިލުމަށް މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ޒަޢީމުން އިސްރާއީލަށް ގޮވައިލިއެވެ.
ސަމިޓު ނިންމާ ބަޔާނުގައި
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޢުދްވާނާއި ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި ޤަތުލުޢާންމުތަކާއި ލާއިންސާނީ އެންމެހާ ޢަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އިސްރާއީލަކީ ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރުކޮށްގެން އޮތް ބާރެއް ކަމަށް ސަމިޓު ނިންމާ ބަޔާނުގައި ސިފަކޮށްފައިވެއެވެ. އަދި އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓައިލުމަށް ވެސް އިސްލާމީ ދުނިޔެއާއި ޢަރަބި ދުނިޔޭގެ ޒަޢީމުން ގޮވައިލެއްވިއެވެ.
އިސްލާމީ ޢަރަބި މި ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި ޒަޢީމުން ސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލެއްވިއެވެ.
ޣައްޒާގެ ޢާންމުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޓަކައި އިންސާނިއްޔަތުކަމުގެ މަގުތައް ހުޅުވައިދިނުމަށާއި ޢަސްކަރީ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ސުޢޫދީ ވަލީ ޢަހްދު މުޙައްމަދު ބިން ސަލްމާން އެދިވަޑައިގެންފިއެވެ.
އަރަބި އިސްލާމީ ގުޅިފައިވާ ސަމިޓް ހުޅުއްވާ ދެއްވަމުން ސުޢޫދީ ވަލީޢަހްދު ވިދާޅުވިއެވެ. "ޣައްޒާއަށް ދެމުންދާ ޢުދްވާނާ އަހުރެމެން ފާޅުގައި ދެކޮޅުހަދަމެވެ. ފަލަސްޠީނުގައި ދިރިއުޅޭ އަހުރެމެންގެ އެއްބަނޑުއެއްބަފައި އަޚުންނާއި އުޚްތުން ހާސާވެފައިވާ އަނިޔާވެރި ހަނގުރާމައާ އަހުރެމެން ފާޅުގައި ދެކޮޅު ހަދަމެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ޓަކައި އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ބޭނުންވާ މަގުތައް ހުޅުވައިލުމަށް އަހުރެމެން ގޮވައިލަމެވެ."
އުރްދުންގެ ރަސްގެފާނު 2 ވަނަ ޢަބްދު ﷲ މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ޣައްޒާގެ ޢާންމުންނަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް ޓަކައި އިންސާނިއްޔަތުގެ މަގުތައް ދާއިމީ ސިފައެއްގައި ހުޅުވައިފައި ބޭއްވުމަށް ގޮވައިލެއްވިއެވެ.
"އިސްރާއީލުން ފެނާއި ކާބޯތަކެއްޗާއި ބޭސް ޣައްޒާއަށް ވަނުން މަނާކުރުމަކީ ހަނގުރާމަވެރި ޖަރީމާއެކެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ. "ފަލަސްޠީނުގެ މަސްއަލަ ޙައްލުކޮށްދިނުމުގައި ދުނިޔެ ނާކާމިޔާބުވެފައިވާ ވުމަށް ދުނިޔެ އަގު ދައްކަންޖެހޭނެއެވެ."
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ. "އިސްރާއީލުން ފަށައިފައިވާ ނަސްލު ނައްތައިލުމުގެ ހަނގުރާމައަކީ އެފަދަ މިސާލެއް ނެތް އަނިޔާވެރި ހަނގުރާމައެކެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުން މިހާރު ހުރަސްނުކުރާ އެއްވެސް ރަތްރޮނގެއް ނެތެވެ."
"އަނިޔާވެރި މި ހަނގުރާމައިގައި އިސްރާއީލާއި އިސްރާއިލުގެ ވާގިވެރިން އެހީވެދީގެން މަރައިލާ ކޮންމެ ތުއްތު ކުއްޖެއްގެ އަދި ކޮންމެ އަންހެނެއްގެ ލޭގެ ޒިންމާ އެމީހުން އުފުއްލަން ޖެހޭނެއެވެ."
ޢައްބާސް ވިދާޅުވިއެވެ. "މަސްއަލައަށް ސިޔާސީ ޙައްލެއް ނުގެނެވިގެން މި ދަނީ އެމެރިކާއިން އިސްރާއީލަށް ފުރިހަމައަށް ތާއީދު ކުރަމުންދާތީއެވެ. މި ކަމުގެ މަސްއޫލިއްޔަތު އެމެރިކާއިން ފުރިހަމައަށް ތަޙައްމުލުކުރަން ޖެހޭނެއެވެ."
ފަލަސްޠީނުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ ޙިމާޔަތް ފޯރުކޮށް ދީ ބައިނަލްއަޤްވާމީ އިސްނެގުންތަކާއި ޢަރަބި އިސްނެގުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ފަލަސްޠީނުގެ މަސްއަލަ ޙައްލުކޮށްދިނުމަށް ރައީސް ޢައްބާސް ގޮވައިލެއްވިއެވެ.
މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއްސީސީ މި ސަމިޓްގައި ވާހަކަފުޅުދައްކަވަމުން ޢާންމުން މެރުން ކުށްވެރި ކުރެއްވިއެވެ.
"ޣައްޒާގެ އަހްލުވެރިންނަށް ޖަމާޢީ ސިފައެއްގައި އަދަބުދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ."
އެއްވެސް ޝަރްޠަކާއި ނުލައި އަދި އެއްވެސް ޤައިދަކާ ނުލައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ސީސީ ގޮވައިލެއްވިއެވެ.
އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރަށްލުން މަނާކުރެވެން ޖެހޭނެއެވެ."
މިޞްރުގެ ރައީސްގެ ވާހަކަފުޅުގައި ޣައްޒާގެ ޢާންމުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާން ބައިނަލްއަޤްވާމީ އިދާރާތަކުން ތަޙްޤީޤު ކުރުމަށް ގޮވައިލެއްވިއެވެ.
ތުރްކީގެ ރައީސް އުރްދުޣާން ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން މަރުވި މީހުންގެ 73% އަކީ ތުއްތުކުދިންނާއި އަންހެނުންނެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި މޮޔަކަން ދޭހަކޮށެއް ނުގަނެވޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ މި ޢުދްވާނަކީ އޮކްޓޫބަރު ހަތެއްގެ ޙަމަލާއަށް ބަދަލުހިފުމަށް ދޭ ޢުދްވާނެކެވެ.
"ދުނިޔެ ދޫކޮށްފައިވާ ކުޑަކުދިން އުރައިގެން ތިބި މައިން އަހެރެމެންނަށް ފެނެއެވެ. ވައްޓައިލައިފައިވާ ގެތަކުގެ ދަށުން އެމީހުންގެ ދަރިން ނެރެވޭތޯ މަސައްކަތް ކުރަމުންދާ ބަފައިން ފެނެއެވެ." އޭނާ ވިދާޅުވިއެވެ. "ޣައްޒާގެ ހަސްފަތާލުތަކަށާއި މިސްކިތްތަކަށާއި މަދުރަސާތަކަށް ދީފައިވާ އަނިޔާވެރި ޙަމަލާ ސިފަކުރުމަށް އަހުރެމެން މި ވަނީ ނުކުޅެދުންތެރިވެފައެވެ."
ރައީސް އުރްދުޣާން ހުޅަނގަށް ފާޑުވިދާޅުވަމުން ވިދާޅުވިއެވެ. "ހުޅަނގުގެ ޤައުމުތަކުން ހަނގުރާމަ ހުއްޓައިލުމަށް ވެސް ގޮވައިލައިފައެއް ނުވެއެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނުހުންނަ މީހަކީ އެ އަނިޔާވެރިކަމުގެ ބައިވެރިއެކެވެ."
ޤަޠަރުގެ އަމީރު ޝައިޚު ތަމީމު ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢު މިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމުތައް ހުއްޓުވުމުގައި ފޭލްވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ މި ޢުދްވާނުގެ ކުރިން ބައެއް ޤައުމުތަކުން ވަނީ ޢާންމުން މެރުމާއި ހަސްފަތާލުތަކަށް ބޮންއެޅުން ކުށްވެރިކޮށްފައެވެ.
ޤަޠަރުގެ އަމީރު ވިދާޅުވިއެވެ. "21ވަނަ ސައްތައިގައި ފާޅުގައި ހަސްފަތާލުތަކަށް ބޮންއަޅައިފާނެކަން ތަޞައްވުރު ކުރަން ވެސް ދައްޗެވެ." އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ އެއްބަނޑުއެއްބަފައި އަޚުންނާއި އުޚްތުންނަށް ތާއީދު ކުރުން މަތީ އަހުރެމެން ދެމިތިބޭނަމެވެ. އަހުރެމެން އެމީހުންގެ ޢަދްލުވެރި މަސްއަލައަށް ތާއީދު ކުރުން ހުއްޓައެއް ނުލާނަމެވެ."
ކުވައިތުގެ ވަލީޢަހްދު ޝައިޚު މިޝްޢަލުލް އަޙްމަދުލް ޖާބިރު 1967 ގެ ސަރަޙައްދުގައި ފަލަސްޠީނު ދައުލަތް ޤާއިމުކުރުމަށް ގޮވައިލެއްވިއެވެ.އޭނާ ވިދާޅުވިގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ނުބައި އަސަރު ބައިނަލްއަޤްވާމީ މުޖްތަމައަށް ރިވެލިވެގެންދާނެއެވެ.އޭނާ ވިދާޅުވިގޮތުގައި މި ސަރަޙައްދުގައި ޞުލްހަމަސަލަސްކަން ޤާއިމުކުރެވޭނީ ފަލަސްޠީނުގެ މަސްއަލަ ޙައްލުކުރެވިގެންނެވެ.
މި ޖަލްސާގައި އީރާނުގެ ރައީސް އިބްރާހީމު ރައީސީ ވާހަކަފުޅު ދައްކަވަމުން އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން އިސްލާމީ އެއްބައިވަންތަކަން ދައްކުވައިދޭ ޞައްޙަ ދައުރެއް އަދާކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި ތާނގައި އެއްވެ މި ތިބީ އިސްލާމީ އުންމަތް ތަމްސީލުކުރާށެވެ. މިއަދަކީ އަޤްޞާ މިސްކިތުގެ ދިފާޢުގައި އަހުރެމެން ނުކުމެތިބި ތާރީޚި ދުވަހެވެ."
ރައީސީ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ދުނިޔޭގެ ކަންކޮޅުތަކުގައި ފަލަސްޠީނަށް ތާއީދުކޮށް ބޭއްވެމުންދާ މިލިއަން މީހުންގެ މުޒާހަރާތަކުން އެނގެނީ ފަލަސްޠީނު މިނިވަންކުރުމަކީ ދުނިޔޭގެ ރައްޔިތުންގެ ޟަމީރުގެ ގޮވުންތައް ކަމެވެ."
އޭނާ ވިދާޅުވިގޮތުގައި އެމެރިކާއަކީ އިސްރާއީލުގެ ޖަރީމާތަކުގެ ބައިވެރިއެކެވެ. އެމެރިކާ ވަނީ ޢަމަލީ ގޮތުން އިސްރާއީލާއެކު މި ހަނގުރާމައިގެތެރެއަށް ވަދެފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނިރުބަވެރި ޢުދްވާނުގެ ސަބަބުން ޣައްޒާއިން ވަނީ 11 ހާސް 100 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 4،506 ކުޑަކުދިންނާއި 3،027 އަންހެނުން ވެއެވެ. ނައްތައިލައިފައިވާ ޢާޢިލާތަކުގެ ޢަދަދަކީ 1 118 އެވެ. ޒަޚަމުވެފައިވާ މީހުންގެ ޢަދަދަކީ 27،490 އެވެ. ގެއްލިފައިވާ މީހުންގެ ޢަދަދަކީ 2،700 އެވެ. މީގެ އިތުރަށް އިސްރާއީލުގެ ޖަލުތަކުގައި ފަލަސްޠީނުގެ ހަ ހާހަށްވުރެ ގިނަ މީހުން ރަހީނުކޮށްފައި އެބަ ތިއްބެވެ.



advertisment