Support Us

އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބުކުރެވޭނެ: ޑރ. މުއިއްޒު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޓީވީއެމް އިން ގެނެސްދޭ "ދިވެހީންގެރާއްޖެ" ޕްރޮގްރާމްގައި، 55 ވަނަ ޖުމްހޫރީ ދުވަހުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު މިއަދު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ބޭނުންނުވާކަން ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމައިފައިވާއިރު އެ ނިންމުމަށް ހުރިހާ ގައުމަކުން ވެސް އިހުތިރާމް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިހާތަނަށް އެ ގައުމުތަކާ އެކު ބޭއްވެވި ބައްދަލުވުންތަކުން ލިބިވަޑައިގެންފައިވާ ކަމަށެވެ.

"ޑިމޮކްރެޓިކް ރީތި، ރިވެތި އުސޫލުތަކުން ސުލްހަވެރިކަމާއެކު ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މާ ލަސްތަކެއްނުވެ އަޅުގަނޑުމެން ރައްޔިތުން މިއެދޭ ގޮތަށް މި ރާއްޖޭގައި ތިބި ބޭރު ސިފައިން ރާއްޖެއިން ބޭރަށް ފޮނުވައިލުން، އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. ސުލްހަވެރިކަމާ އެކީގައި މިއުޗުއަލް ބެނިފިޓް. ރާއްޖެއަށް ވެސް އިންޑިއާއަށް ވެސް އޭގެ އެންމެ ފައިދާ ހުރި ގޮތުގައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ އަކީ ރާއްޖެއާ ގާތް ގުޅުމެއް، ޒަމާނުއްސުރެ އޮތް އަވަށްޓެރި ގައުމަކަށްވާއިރު ރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާގެ އެހީތެރިކަން މިހާރު ވެސް ލިބެމުން އަންނަކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި މައްސަލަ ނޫން މައްސަލައެއް ދެ ގައުމުގެ މެދުގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލުގެ ނުރައްކަލަކަށް ވެއްޓިފައިވާތީ ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއްގެ ގޮތުގައި ހައްލުކުރައްވާނެ އެއް ކަމެއްގެ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޑރ. މުއިއްޒު ވަނީ ރިޔާސީ ކެންޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ. އަދި ސެޕްޓެމްބަރު 30ގެ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު އެ މަޝްވަރާތައް ޑރ. މުއިއްޒު ވަނީ ފައްޓަވައިފަ އެވެ. މިގޮތުން އިންޑިއާ ސަފީރާ މިހާތަނަށް ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވައިފައިވާ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެއްވެސް ބޭނުމެއްގައި، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބެން ދިވެހީން ބޭނުންނުވާކަން އިންޑިއާއިން ވެސް ގަބޫލްކުރާ ކަމަށާއި އެއީ ވަކި އިންޑިއާ ވެގެން ނޫން ކަމަށް އެ ގައުމުން ވެސް ގަބޫލްކުރާ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ހިޔާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހާސިލްކުރުމަށް ކުރަން ޖެހިފައިވަނީ ބުރަ މަސައްކަތްތަކެއް ކަމަށާއި ނަމަވެސް އެ ހާލަތުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރަސީއަށް ލޯބިކުރާ، ސުލްހައަށް ލޯބިކުރާ ތަރައްގީވަމުން އަންނަ، ތަރައްގީއަށް ލޯބިކުރާ ގައުމަކަށް ވުމަކީ އެހެން ހުރިހާ ގައުމުތަކުން ވެސް ބޭނުންވާނެ ގޮތްކަން ޔަގީންކުރައްވާ ކަމަށެވެ.

"މި ރާއްޖެއަކީ ސުލްހަވެރިކަން ގެއްލިފައި އޮތް، ތަރައްގީގެ މަގުގައި މަގުގެއްލިފައިވާ ބަޔަކަށްވެ ހަމަނުޖެހުން އުފެދިފައި އޮތް ތަނަކަށް ވަންޏާ މި ރާއްޖެއަކަށް ވެސް، މި ސަރަހައްދަކަށް ވެސް އޮތް އެއްވެސް މޮޅެއް ނެތް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން އެހެން ގައުމުތަކާ އެކު ވެސް ކުރިއަށް ވަޑައިގެންނަވާނީ "ޕްރޯ މޯލްޑިވްސް" ކޮންސެޕްޓްގައި ކަމަށާއި އެކަން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މިހާރު ގަބޫލްކުރާ ކަމަށް ޑރ. މުއިއްޒު ވިދާާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *