އެމެރިކާގެ 30 މިލިއަން ޑޮލަރުގެ ޑްރޯނެއް ޔަމަނުގެ ހޫސީން ވައްޓައިލައިފި އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަނުން ބުނީ ވައްޓައިލައިފައި ވަނީ MQ-9 Reaper މަރުކާގެ ޑްރޯނެއް ކަމަށެވެ. އެމެރިކާގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ދުރުން ކޮންޓްރޯލްކޮށް ފޮނުވާ މި އަގު ބޮޑު ހަތިޔާރު ވައްޓައިލައިފައި ވަނީ ޔަމަނުގެ އައްސޭރިފަށުންނެވެ.
އެމެރިކާގެ މަރްކަޒީ އިސްވާރިއްޔަތުން ބުނާގޮތުގައި އެމީހުން މިހާރު ދަނީ މި މަސްއަލަ ތަޙްޤީޤު ކުރަމުންނެވެ. މި ޑްރޯން ބޭނުން ކުރަން ފެށީ 2 ފެބްރުވަރީ 2001 ގައެވެ.
އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި މި ބާވަތުގެ ޑްރޯން ވަރަށް ގިނައިން ވަނީ ބޭނުންކޮށްފައެވެ. އަލްޤާޢިދާގެ ޒަޢީމެއް ކަމުގައިވާ މުޞްޠަފާ އަބުލްޔަޒީދު އަވަހާރަކޮށްލައިފައި ވަނީ މި ބާވަތުގެ ޑްރޯން ޙަމަލާއަކުންނެވެ. އީރާނުގެ އިންޤިލާބީ ފާރަވެރިންގެ ލަޝްކަރުގެ އިސް ބޭފުޅެއް ކަމުގައިވާ ޤާސިމު ސުލައިމާނީ 2020ގައި ޢިރާޤުގެ ވައިގެ ބަނދަރުގައި އަވަހާރަކޮށްލައިފައި ވަނީ ވެސް މި ބާވަތުގެ ޑްރޯނަކުންނެވެ.
ޔަމަނުގެ އަންޞާރުﷲ ޖަމާޢަތް ބުނާގޮތުގައި އެމެރިކާގެ MQ9 މަރުކާގެ ޑްރޯން އެ ޖަމާޢަތުން ވައްޓައިލީ ޔަމަނުގެ ހުޅަނގު ފަރާތުގައި ކަނޑުގެ ސަރަހައްދުންނެވެ.
މި ޖަމާޢާތުން ނެރުނު ބަޔާން ބުންޏެވެ. "އެމެރިކާގެ މި ޑްރޯން ވައްޓައިލީ ޔަމަނުގެ ސަރަޙައްދުތެރެއަށް ވަދެ ޖާސޫސީ މަސައްކަތްތަކެއް ކުރަމުން ދަނިކޮށްނެވެ. އެއީ އިސްރާއީލަށް އެހީވުމަށް ކުރަމުން ދިޔަ މަސައްކަތެކެވެ."



advertisment