Support Us

ހަނގުރާމައިގެ 30 ދުވަސް: އިސްރާއީލަށް އެއްވެސް ލަނޑުދަނޑިއެއް ޙާޞިލު ކުރެވުނުބާ!

އަޤްޞާ ޠޫފާނާ ވިދިގެން އިސްރާއީލުގެ ހަރުކަށި ޞިހްޔޫނީ ބޮޑުވަޒީރު ނަތަންޔަހޫ އިޢުލާން ކުރި ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި ޣައްޒާއާ ދެކޮޅަށް ފެށި ޢުދްވާނަށް އެއް މަސް ފުރުނީއެވެ. އިސްރާއީލުގެ ތަޖްރިބާކާރުން ބުނާގޮތުގައި އެއް މަސް ދުވަސް ފާއިތުވެގެން ދިޔައީ ނަތަންޔާހޫއަށް އެއްވެސް ލަނޑުދަނޑިއެއް ޙާޞިލް ނުކުރެވިއެވެ. 

އޭނާ ޙާޞިލުކުރަން ބުނި ލަނޑުދަނޑިތަކުގެ ތެރޭގައި ޣައްޒާގައި އޮތް ޙަމާސްގެ ވެރިކަން ނައްތައިލުމާއި ޙަމާސްގެ ޢަސްކަރީ ޤާބިލުކަން ފުޑުފުޑުކޮށް ނައްތައިލުމާއި ޙަމާސުން އަސީރުކޮށް ޣައްޒާއަށް ގެންގޮސްފައިވާ އަސީރުން މިނިވަންކުރުން ވެއެވެ. 

ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ޣައްޒާއާ ދެކޮޅަށް ދެމުންގެންދާ ޢުދްވާނުގައި އިސްރާއީލާ ކުރިމަތިލާން ޖެހޭ ޢަސްކަރީ އަދި ޖާސޫސީ ކޮންމެ ނާކާމިޔާބީއެއްގެ ނުބައި އަސަރު ނަތަންޔާހޫގެ ބަލިކަށި ސަރުކާރަށް ރިވެލިވެގެންދާނެއެވެ. 

އިސްރާއީލުގެ ލަނޑުދަނޑިތަކަށް ބަދަލު ގެނައުން

އިސްރާއީލުގެ އަމްނާބެހޭ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ ވޯލް ސްޓްރީޓު ޖަރނަލް ބުނާގޮތުގައި އިސްރާއީލުގެ ލަޝްކަރުގެ އަސާސީ ލަނޑުދަނޑިއަކީ ޣައްޒާގައި އޮތް ޙަމާސް ޖަމާޢަތުގެ އިސްވާރީ އޮނިގަނޑު ފުޑުފުޑުކޮށް ނައްތައިލުމެވެ. މި ލަނޑުދަނޑި ޙާޞިލުކުރެވިއްޖެނަމަ ޙަމާސްގެ މުޖާހިދުން އިސްރާއީލަށް ބިރުހުރި ޢުންޞުރުތަކަކަށް ނުވާނެއެވެ. ވަރުގަދަ ހަނގުރާމއެއް ނުކޮށް ދޭތެރެދޭތެރެއިން ދޭ ކުދިކުދި ޙަމަލާތަކުގެ ތެރެއިން މި ޢުންޞުރުތައް ނައްތައިލެވިދާނެއެވެ.  

މި ނޫސް ބުނާގޮތުގައި އިސްރާއީލުގެ ބައެއް މަސްއޫލުވެރިން ދެކޭގޮތުގައި އަހަރެއްހާ މުއްދަތެއްގެ ތެރޭގައި ޙަމާސް މި ބިންމަތިން ފުހެލެވިދާނެއެވެ.

އެހެނަސް އިސްރާއީލުގެ ސަލާމަތީ އިސް މަސްއޫލުވެރިއަކު ބުނިގޮތުގައި ހަނގުރާމައިގެ ލަނޑުދަނޑިތައް ޙާޞިލުނުކުރެވެނީސް އެމެރިކާއިން ނަތަންޔާހޫގެ ސަރުކާރަށް ފިއްތުންތަކެއް އަތުވެދާނެތީ އިސްރާއީލު ވަރަށް ކަންބޮޑު ވެއެވެ. 

އިސްރާއީލަށް ލަނޑުދަނޑިތައް ޙާޞިލެއް ނުކުރެވުނު

ޤާހިރާ ޔުނިވަރސިޓީގެ އިރުމަތީ ދިރާސާތަކާ ބެހޭ މަރްކަޒުގެ ޑިރެކްޓަރު ޑރ. މުޙައްމަދު ޞާލިޙު ވިދާޅުވި ގޮތުގައި އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ދަގަނޑު ކަނޑީގެ ޙަމަލާތަކާ ބެހޭ ގޮތުން ސިޔާސީ ލަނޑުދަނޑިއެއް ވެސް އަދި އިސްތިރާޖީ ލަނޑުދަނޑިއެއް ވެސް  އިޢުލާނެއް  ނުކުރެއެވެ. ސްކައި ނިވްޒް އަށް އޭނާ ވިދާޅުވި ގޮތުގައި "އިސްރާއީލުން މި ޙަމަލާ ފެށީ މޮޔައަކު އަތަށް ބަޑިއެއް ދިނުމުން ކަންތައްކުރާ ފަދަ ގޮތަކަށެވެ. ތަނެއް ދޮރެއް ނުބަލައި ކަނާތް ފަރާތަށާއި ވާތް ފަރާތަށާއި  މައްޗަށާއި ތިރިއަށް ބަޑިޖަހާން ފެށީއެވެ. ކޮން ތަނެއްތޯ ބަލައިނުލައި ބޮންއަޅަން ފެށީއެވެ.ކަނޑަ އެޅިގެންވާ އަމާޒެއް ނެތެވެ."

އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ފުރަތަމަ ބުނީ އަމާޒަކީ ޙަމާސް ނައްތައިލުމެވެ. ފަނާކޮށްލުމެވެ. ދެން ބުނީ އަމާޒަކީ ޣައްޒާގައި އޮތް ވެރިކަން ބަދަލުކުރުމެވެ. ޙަމާސް ޣައްޒާއިން ބޭރަށްލުމެވެ. ޣައްޒާ ހިންގުން ޙަވާލުކުރާނެ ފަރާތަކާ ބެހޭގޮތުން ވެސް އަމާޒެއް ނެތެވެ. އެއްފަހަރު ބުނީ ޣައްޒާ ފަލަސްޠީނު ސަރުކާރާ ޙަވާލުކުރާ ވާހަކައެވެ. ދެން ބުނީ ޣައްޒާ ބެލެހެއްޓުން ބައިނަލްއަޤްވާމީ ބާރަކާ ނުވަތަ ސަރަޙައްދީ ބާރަކާ ޙަވާލު ކުރާ ވާހަކައެވެ."

އިސްރާއީލާ ދިމާއަށް އިރުއިރުކޮޅުން ރޮކެޓްތައް ފޮނުވައިލެވެމުންދާތީ ބުނެވޭނީ އިސްރާއީލަށް އެންމެ ލަނޑުދަނޑިއެއް ވެސް ޙާޞިލެއް ނުކުރެވެއެވެ. އިސްރާއީލަށް ކުރެވުނު ކަމަކީ ޣައްޒާގެ ބޯހިޔާވަހިތައް ހަލާކު ކުރުމެވެ. ކުޑަކުދީންނާއި މުސްކުޅިން މެރުމެވެ. ހަސްފަތާލުތަކާއި މަދުރަސާތަކާއި މިސްކިތްތައް ބިމާހަމަކުރުމެވެ. މި ގޮތަށް ޙަމަލާތައް ދިނުމުގެ ބޭނުމަކީ މުސްތަޤްބަލުގައި މީހުން ދިރިއުޅެން ކަމުނުދާފަދަ ބިމަކަށް ޣައްޒާ ހެދުމެވެ.

މިއީ ނުކުޅެދުންތެރި ޙާލުގައި ބަދަލު ހިފާ މީހާ ގެންގުޅޭ ޙީލަތެވެ. އިސްރާއީލުގެ ލަޝްކަރަކީ ދުނިޔޭގެ މަތީ ފެންވަރުގައި ގުނާލެވޭ ޢަސްކަރީ ބާރެކެވެ. އެހެނަސް ޣައްޒާ ހަނގުރާމައިގެ ސަބަބުން މި ލަޝްކަރު އަގު ވެއްޓިއްޖެއެވެ.

ޑރ. މުޙައްމަދު ޞާލިޙު ވިދާޅުވާ ގޮތުގައި ވަގުތު އޮތީ އިސްރާއީލާ އެކުގައެއް ނޫނެވެ. ދިހަވަރަކަށް ހާސް މީހުން ޣައްޒާގައި ވަނީ ޝަހީދުކޮށްލައިފައެވެ. އެހެންކަމުން އިސްރާއީލަށް އިތުރަށް ކުރެވޭނެ ކަމެއް ދެނެއް ނޯންނާނެއެވެ.

އިސްރާއލުގެ ޢުދްވާނު ފެށިއިރު އެމެރިކާއާއި އިސްރާއީލާއި ހުޅަނގުގެ ޕްރޮޕެގެންޑާތަކާއި މީޑިޔާތަކާއި ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ އިސްރާއީލުގެ ކުޑަކުދީންތައް ޙަމާސުން ކަތިލައިފައިވާ ކަމަށް ބުނެ ދޮގު ވާހަކަތަކާއި ވީޑިއޯތައް ހަދައިގެން ދުރަށް ފަތުރައިފައެވެ. ނަމަވެސް ފަހުން އެމެރިކާއިން ވަނީ އެއީ ދޮގެއްކަމުގައި ބުނެފައެވެ. 

ދާރިސުންނާއި ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ވަގުތު އޮތީ ފަލަސްޠީނުގެ ހަނގުރާމަވެރި މުޖާހިދުންނާއެކުގައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ޣައްޒާ ހަނގުރާމަ މިހާރު ބަދަލުވަމުން އެ ދަނީ ގޮރިއްލާ ހަނގުރާމައަކަށެވެ. ފަލަސްޠީނުގެ މުޖާހިދުން މި ބާވަތުގެ ހަނގުރާމައިގައި އިސްރާއީލު ސިފައިންނަށް ވުރެ މާ މޮޅުވާނެއެވެ. އިސްރާއީލު ސިފައިންނަކީ ސުން ދުރުމިނުގައި ހަނގުރާމަ ކުރުމަށް ޖެހިލުންވާ ބައެކެވެ. މަރުދެކެ ބިރުގަންނާތީއެވެ. 

އިސްރާއީލުން 2005 ގައި ޣައްޒާއިން  އަދި 2000ގައި ދެކުނު ލުބްނާނުން ފޭބީ އެއްވެސް ލަނޑުދަނޑިއެއް ޙާޞިލު ނުކޮށެވެ. ސަހަރު ހަނގުރާމަ ކުރަން އިސްރާއީލު ސިފައިންނަށް ނޭނގޭތީއެވެ. ސަހަރު ހަނގުރާމަ ނިޒާމީ ލަޝްކަރުތަކަށް މަޤްބަރާއަކަށް ވާތީއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް