ގެދޮރުވެރިޔާ ސްކީމްގެ ދަށުން މި ސަރުކާރުން ފްލެޓް ދިނުމަށް ކުރިއަށްގެންދާ މަސައްކަތް މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން އެދިއްޖެ އެވެ.
އިންތިގާލީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ފިރުުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ހަމަޖެހިފައިވާ 4،000 ފެލެޓް ދޫކުުރުމުގެ ކަންކަން މިސަރުކާރުން ކުރަމުން ގެންދާ ގޮތާ މެދު ގިނަ ބައެއްގެ ކަންބޮޑުުވުންތަކާއި ޝަކުވާ އިންތިގާލީ ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ފަރުޒުލް ވިދާޅުވީ މި ފްލެޓްތައް ދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން ގެންދާއިރު އުސޫލުން ބޭރުން ކަންކަން ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށާއި ޝަރުތު ހަމަވާ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އާ ސަރުކާރާ ހަވާލުކުުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނަވާ ކަަމަށެވެ.
"އާ ސަރުކާރު ފެށުމާ ދެމެދު ނުވަ ވަރަކަށް ދުވަސް އޮތް އިރު މި ކުރު މުއްދަތުގެ ތެރޭގައި އަަވަސް އަރުވާލައިގެން މި މަސައްކަތް ނިންމާ ފްލެޓްތަކުގެ ލިޔުން ނުވަތަ ފްލެޓް ހަވާލުކުރުން މަސައްކަތް ކުރުމުގެ ބަދަލުގައި އެކަން މަޑުޖައްސާލައި އާ ސަރުކާރާ އެ މަސައްކަތް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ޖާގަދެއްވުން އެއީ އިންތިހާބީ ރައީސްގެ ގޮވާލެއްވުން އަދި އެހެންމެ އެދިވަޑައިގަތުން،" ފިރުޒުލް ވިދާޅުވި އެވެ.
މިސަރުކާރުން ގެދޮރުވެރިމާ ގުޅޭ ގޮތުން އަދި އެހެން ކަންކަމާ ގުޅޭ ގޮތުން ވެސް ރައްޔިތަކަށް ފޯރުކޮށްދީފައިވާ ނުވަތަ ލިސްޓަކުން ނުވަތަ ލިޔުމަކުން ރައްޔިތުންނަށް ދީފައިވާ އެެއްވެސް ގޯއްޗެއް އަދި ފްލެޓެއް އަތުނުލައްވާނެ ކަމަށް ޑރ. މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވެފައިވާ ސްޓޭންޑް ބަދަލުނުކުރައްވާ ކަަމަށް ފިރުޒުލް ވިދާޅުވި އެވެ. ނަމަވެސް މި ފްލެޓްތައް ދިނުމުގައި އުސޫލުން ބޭރުން ދީފައިވާނަމަ އެ ކަމެއް ބަލައި އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ނުގަވާއިދުން، އިންސާފުން ބޭރުން އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައި ހުރިކަމަށް ވާނަަމަ އެކަންކަމަށް ބަލައި، އެކަންކަމުގެ ތެރޭގައި ހަމަ ހަގީގަތުގައި ވެސް އުސޫލުން ބޭރުން ކަންތައްތަކެއް ހިނގާފައި ހުރިކަމަށް ފާހަގަކުރެވޭނަމަ އެފަރާތްތަކަކާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެކަން ފާހަގަކުރަން ބޭނުން،" ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ސިޔާސީ ވިސްނުމެއްގައި ވަކި ފަރާތްތަކެއް ޓާގެޓްކޮށްގެން ކުރެވޭ މަސައްކަތަކަށް ނުވާނެ ކަމަށާއި އެ ވިސްނުމަކަށް އެއްވެސް ޖާގައެެއް ނޯންނާނެ ކަމަށެެވެ.
"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގެންނަވަނީ ނާއިންސާފުގެ ކުރިމަތީގައި ނާއިންސާފުން ކަންތައްތަކެއް ހިނގައިގެންދާއިރު އެކަންކަމާ މެދު އެއްވެސް ފިޔަވަޅެއް ނާޅުއްވާ ހުރުމަކީ ވެސް ނުވަތަ އެކަންކަމާ އަޅާނުލެއްވުމަކީ ވެސް އެއީ އަދުލުވެރި ގޮތެއް ނޫނޭ.ލ،" ފިރުޒުލް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މި ސަރުކާރުން ހުޅުމާލެއިން ދިނުމަށް ކަނޑައަޅާފައިވާ 4،000 ފްލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މާކްސް ދިން ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެ، އެމައްސަަލަ މިހާރު ވަނީ އެސީސީ އަށް ވެސް ހުށަހަޅާފަ އެވެ. އަދި އޭސީސީން ވަނީ ޝަކުވާތައް ބެލުމަށްފަހު ނޫނީ ފްލެޓް ދިނުމާ ބެހޭ އެެއްވެސް ކަމެއް ނުކުރުމަށް އަންގާފަ އެވެ.



advertisment