ޣައްޒާއަށް ދެމުންދާ އިސްރާއީލުގެ ޢުދްވާނާ ކުރިމަތިލުމުގައި ދުނިޔެ ޣައްޒާގެ ރައްޔިތުންނާއެކުގައި އެކަތިގަނޑަކަށް ވެގެން ތިބިކަން ހާމަކުރުމަށް ޓަކައި މި އަންނަ ބުރާސްފަތި ދުވަހު ޒޫމު މެދުވެރިކޮށް ސަމިޓެއް ބޭއްވުމަށް ޢަރަބި މަޖިލީހުން ގޮވައިލައިފިއެވެ.
އިސްރާއީލުން ދެމުންގެންދާ ނިރުބަވެރި ޢުދްވާނު ފެށިތާ މިއަދަށް އެއް މަސް ވީއެވެ.
ޢަރަބި މަޖިލީހަކީ ތޫނިސްގެ ކުރީގެ ރައީސެއް ކަމުގައިވާ އަލްމުންޞިފު އަލްމަރްޒޫޤީގެ ޒަޢާމަތުގެ ދަށުގައި 2014ވަނަ އަހަރު ޤާއިމުކޮށްފައިވާ ލާ ސަރުކާރީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ މަޤްޞަދަކީ ދީމުޤްރާޠީ ސަޤާފަތް އަރަބި ވެށީގައި ފެތުރުމަށް މަސައްކަތް ކުރުމެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި ޣައްޒާ ގަޑިން ހެނދުނު 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ސަމިޓުގައި ޢަރަބި ދުނިޔެއާއި ދުނިޔޭގެ ތަފާތު ޤައުމުތަކުގެ ތަފާތު ސިޔާސީ ފިކްރުގެ އިސްވާރުންނާއި އައިޑިޔަލޮޖީއާއި ދީނީ ޚިޔާލުގެ މުފައްކިރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އޭނާ ވިދާޅުވިގޮތުގައި މިއީ "ރައްޔިތުންގެ ސަމިޓެކެވެ. ސަރުކާރުތަކުގެ ސަމިޓެއް ނޫނެވެ." މި ސަމިޓުގައި މަޝްވަރާކުރެވޭނީ ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޖަރީމާވެރި ޢުދްވާނު ހުއްޓުވުމަށް ޓަކައި ބައިނަލްއަޤްވާމީ ޢާންމު ރައުޔެއް ޤާއިމުކުރުމާ ބެހޭގޮތުންނާއި ޣައްޒާގެ ރައްޔިތުން މި ޢުދްވާނާ ކުރިމަތިލުމަށް ޓަކައި އެމީހުންނަށް ވާގިވެރިވުމާއި އެމީހުންނާއެކު ދުނިޔެ އެކަތިގަނޑަކަށް ވެގެން އޮތްކަން ހާމަކުރުމެވެ.
މީގެ އިތުރަށް މި ސަމިޓުގައި އަރަބި ސަރުކާރުތަކުން ޢަރަބި ރައްޔިތުންގެ ޝުޢޫރާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުން ނުދާތީ އެކަން ކުށްވެރިކުރާނެއެވެ. ތޫނިސްގެ ކުރީގެ ރައީސް އަލްމަރްޒޫޤީ ވިދާޅުވިގޮތުގައި އިސްރާއީލުގެ ޢުދްވާނާ ބެހޭގޮތުން ފިޔަވަޅު އެޅުމަށް ޓަކައި ބާއްވަން ޖެހޭ ޢަރަބި ސަމިޓު ނުބޭއްވި ލަސްވަމުންދަނީ ކީއްވެގެންތޯ ރައްޔިތުން ސުވާލު ކުރާނެއެވެ. ޣައްޒާގެ ޙިޞާރު ނައްތައިލުމަށް ޓަކައި ޢަރަބި ޒަޢީމުން ތެދުވެވަޑައިގަތުން މާ ލަސްވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ. ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކައި އިސްރާއީލުން އަޅަމުންދާ ބޮންތައް ޢަރަބި ސަރުކާރުތަކަށް ހުއްޓުވެން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.



advertisment