އިސްރާއީލުގެ ތުރާސާ ބެހޭ ވަޒީރު ޢަމީޙާޔި އިލްޔާހޫ ޣައްޒާއަށް ނިޔުކްލިޔަރ ބޮމެއް ވައްޓައިލައިގެން މެނުވީ މަސްއަލަ ޙައްލު ނުކުރެވޭނެ ކަމަށް ބުނެފިއެވެ.
ޣައްޒާގައި އިސްރާއީލުގެ އެތައް އަސީރުންތަކެއް ތިއްބާ އެފަދަ ބޮމެއް ވައްޓައިލުމަށް ތިބާ ތާއީދު ކުރަނީތޯ ނޫސްވެރީން ސުވާލު ކުރުމުން ބުންޏެވެ. "ހަނގުރާމައަށް ދައްކަން ޖެހޭ އަގުތަކެއް ވެއެވެ."
ޙަމާސުގެ ތަރްޖަމާނު ޙާޒިމު ޤާސިމު އިސްރާއީލުގެ ތުރާސާބެހޭ ވަޒީރުގެ މި ބަޔާނަށް ރައްދުދެއްވައި ވިދާޅުވިއެވެ. "އިސްރާއީލުގެ ވަޒީރުގެ މި ބަޔާނުން އިސްރާއީލުގެ ނިރުބަވެރި ސަރުކާރާއި މި ސަރުކާރުގެ ރަމްޒުތަކުގެ ހަރުކަށިކަން އެނގި ފާޅުވެއްޖެއެވެ. އެއީ މުޅި ސަރަޙައްދަށާއި ދުނިޔެއަށް އޮތް ބޮޑު ބިރެކެވެ."
އޭނާ ވިދާޅުވިއެވެ. "ފަލަސްޠީނުގެ ބިންތައް ހިފައިގެން އޮތް ސަރުކާރުގެ ވަޒީރަކު މި ދިން ނާޒީ ބަޔާނަކީ އެމެރިކާފަދަ ބައެއް ޤައުމުތަކުން ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޞިހްޔޫނީ ޢުދްވާނަށް ހިފެހެއްޓުމެއްނެތި ތާއީދު ކުރަމުންދާތީ ދޭން ކެރުނު ހަރުކަށި ބަޔާނެކެވެ. މި އެހީއާއި ވާގި ޞިހްޔޫނީންނަށް ލިބެމުން ނުދާނަމަ މުޅި ދުނިޔެއަށް ގޮންޖަހާ މިފަދަ ލަދުކުޑަ ބަޔާންތައް އެމީހުންނަށް ދޭކަށް ނުކުރޭނެއެވެ."
އިސްރާއީލުގެ މި ވަޒީރުގެ ބަޔާން އިސްރާއީލުގެ ރަސްމީ ރޭޑިއޯއިން ދުރަށް ފެތުރިއެވެ. އޭނާ މި ބަޔާން ދިނީ މުޅި ޣައްޒާ ނައްތައިލުމަށް ޓަކައި ނިޔުކްލިއަރ ބޮމެއް ވައްޓައިލާކަށް ނުވޭތޯ ސުވާލު ކުރުމުންނެވެ. އޭނާ ބުންޏެވެ. "ތިޔައީ އެއް ޚިޔާރެވެ." އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. "ނާޒީންނަށް އަހުރެމެން އިންސާނީ އެއްވެސް އެހީއެއް ނުދޭނަމެވެ. ޣައްޒާއަށް ނާރާށޭ ކިޔާ އެއްޗެއް ނެތެވެ."
އިލްޔާހޫ ބުނިގޮތުގައި ޙަމާސުން އަސީރުކޮށްފައިވާ 240 މީހުން އެބަ ތިއްބެވެ. އޭނާ ބުންޏެވެ. "އަހުރެން ދުޢާކުރަމެވެ. އަހުރެންގެ އުންމީދަކީ އެމީހުންނަށް އެނބުރި ރަށަށް އާދެވުމެވެ. އެހެނަސް ހަނގުރާމައަށް ދައްކަން ޖެހޭ އަގުތަކެއް ވެއެވެ." އޭނާ އިތުރަށް ބުންޏެވެ. "ޣައްޒާ މި ބިންމަތީގައި އޮވެގެން ނުވާނެއެވެ.އެ ބިމުގައި ޔަހޫދީ އާބާދީތައް ޤާއިމުކުރަން އެބަ ޖެހެއެވެ."
އިސްރާއީލުގެ ތުރާސާ ބެހޭ ވަޒީރަކީ ޣައްޒާއަށް ނިޔުކްލިއަރ ބޮމެއް ވައްޓައިލުމަށް ގޮވައިލި އިސްރާއީލުގެ ފުރަތަމަ ވަޒީރެއްނޫނެވެ. އިސްރާއީލުގެ ބަރްލަމާނު (ކަނީސަތު) ގެ ކުރީގެ މެންބަރެއް ކަމުގައިވާ މޫޝޭ ވެގްލިން އޭނާގެ އެކްސްގައި ނިޔުކްލިޔަރ ހަތިޔާރުން ޣައްޒާއަށް ޙަމަލާދޭން ގޮވައިލައިފައެވެ.
މި ހުސްވި އޮކްޓޫބަރުމަހުގެ 11 ވަނަ ދުވަހު އިސްރާއީލުގެ ބަރްލަމާނުގެ މެންބަރެއް ކަމުގައިވާ ތާލީ ޖޮޓްލޭވް ވަނީ ޙަމާސްގެ ޙަމަލާއަށް ރައްދު ދިނުމަށް ޓަކައި ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް އިސްރާއީލުގެ ސިފައިންނަށް ގޮވައިލައިފައެވެ.



advertisment