Support Us

އިސްރާއީލުން ޝަހީދުކޮށްލި މީހުންގެ 67% އަކީ ކުޑަކުދީންނާއި އަންހެނުން

އިސްރާއީލުން ޣައްޒާ ޙިޞާރުކޮށް ބަނޑަށް ޖައްސައިފައި ބާއްވައިގެން ދެމުންގެންދާ އަނިޔާވެރި ލާއިންސާނީ ޢުދްވާނުގައި ޝަހީދުވެފައިވާ ޣައްޒާ މީހުންގެ ތެރެއިން 67% އަކީ ކުޑަކުދީންނާއި އަންހެނުން ކަމަށް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ބުނެފިއެވެ.  

ފަލަސްޠީނުގެ ޚަބަރުފަތުރާ އޭޖެންސީތައް ބުނާގޮތުގައި އިސްރާއީލުގެ ބޮމުގެ ޙަމަލާތަކާއި ބޮޑުބަޑީގެ ޙަމަލާތައް ވަނީ މުޅި ޣައްޒާއަށް ޢާންމުވެ ޝާމިލުވެފައެވެ. ޣައްޒާގެ ހަސްފަތާލުތަކާއި މަދުރަސާތަކާއި މިސްކިތްތަކާއި ޢާންމުން ދިރިއުޅޭ ބޯހިޔާވަހިތައް ވަނީ ތަޅައި ފުނޑުފުނޑުކޮށްލައިފައެވެ. މި ޙަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 9،227 އަށް އަރައިފައެވެ. އޭގެތެރޭގައި 3،826 ކުޑަކުދިންނާއި 2،405 އަންހެނުން ހިމެނެއެވެ. މި ޙަމަލާތަކުގެ ސަބަބުން ޒަޚަމުވި މީހުންގެ ޢަދަދު މިހާރު ވަނީ 23،516 އަށް އަރައިފައެވެ.

އިސްރާއީލުގެ ޙަމަލާތައް ރެއާއި ދުވާލު މެދުކަނޑައިނުލައި ދެމުންގެންދާކަން ފާހަގަކުރެވެއެވެ. އިންސާނީ ޚިދްމަތްތައް ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި ހަނގުރާމަ ހުއްޓުމުގެ އިންސާނީ ވަގުތުކޮޅެއް ދިނުމަށް ވެސް  އިސްރާއީލުން ދަނީ ދެކޮޅު ހަދަމުންނެވެ. 

ރޭ އިސްރާއީލުން އެންމެ ބޮޑަށް ޙަމަލާދީފައި ވަނީ ހުޅަނގު ޣައްޒާގެ ނަޞްރު އަވަށާއި އިންޑޮނޭޝިޔާ ހަސްފަތާލުގެ ވަށައިގެންވާ ސަރަޙައްދަށާއި ޢަޠާޠިރާ ސަރަޙައްދަށާއި ސޫދާނިއްޔާ ސަރަޙައްދަށާއި ބައިތު ލާހިޔާއަށާއި ޣައްޒާ ސަހަރުގެ އިރުމަތީ އަވަށެއް ކަމުގައިވާ އައްތުއްފާޙު އަވަށެވެ. މީގެއިތުރަށް ޖިބާލިޔާ ފޭލިގެ އަވަށާއި ނުޞައިރާތާއި ބުރޭޖު ފޭލިގެ އަވަށާއި ޚާން ޔޫނުސަށާއި އިރިމަތީ ޣައްޒާގެ ޤަރާރާ ސަރަޙައްދަށެވެ.

އދިގެ ޖަމްޢިއްޔާތަކެއް ކަމުގައިވާ ޔުނިސެފާއި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި ފަލަސްޠީނުގެ ރެފިޔުޖީންނާ ބެހޭ އޭޖެންސީ އަންރުވާ ބުނާގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ދުނިޔެ ދޫކުރަންޖެހުނު މީހުންގެ 67% އަކީ ކުޑަކުދީންނާއި އަންހެނުންނެވެ. މި ޖަމްޢިއްޔާތަކުގެ ރިޕޯޓުތައް ދައްކާ ތަފާސްހިސާބުތަކަށް ބަލާއިރު ޣައްޒާގައި ދުވާލަކު 420 ކުދިން މަރު ނުވަތަ ޒަޚަމުވެގެން އެބަދެއެވެ. މީގެތެރޭގައި ދެތިން ހަތަރުމަހުގެ ކިރުބޯ ކުދީންވެސް ހިމެނެއެވެ. 

އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ ޣައްޒާގެ ޞިއްޙީ ޚިދްމަތްތަކުގެ ދާއިރާތަކަށެވެ. މި ކަމުގެ ސަބަބުން ކުޑަކުދީންނަށާއި މާބަނޑު އަންހެނުންނަށް ވަނީ އެމީހުންނަށް ދޭން ޖެހޭ ޚިދްމަތް ނުދެވި މަގުމަތިވެފައެވެ. 

އދގެ ޖަމްޢިއްޔާތައް ބުނާގޮތުގައި ޣައްޒާގައި 50 ހާސް މާބަނޑުއަންހެނުން އެބަ ތިއްބެވެ. ޣައްޒާގެ 14 ހަސްފަތާލާއި 45 ކުލިނިކު އިސްރާއީލުން ތަޅައި ފުޑުފުޑުކޮށްލުމުގެ ސަބަބުން ބައެއް އަންހެނުން ވިހަމުންދަނީ ވެއްޓިފައިވާ ގޭގެ ފާރުތަކުގެ ނިވަލުގައެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *