އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ޣައްޒާމަތީގައި އައިންއައިނަށް ހޯރައަޅަން ފަށައިފި ކަމަށް އެމެރިކާގެ ދެ މަސްއޫލުވެރިއަކާ ޙަވާލާދީ ޖަޒީރާ ބުނެފިއެވެ. އެއީ މި ހުސްވިމަހު ޙަމާސުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ދިން އަޤްޞާ ޠޫފާނުގައި އަސީރުކުރި އިސްރާއީލު މީހުން ހިފަހައްޓައިފައި ތިބި ތަންތަން ބަލައި އެ އަސީރުން ހޯދުމުގެ މަސައްކަތުގައި އިސްރާއީލަށް އެހީވެދިނުމަށް ޓަކައެވެ.
ނަން ހާމަނުކުރުން ޝަރްޠުކޮށް މި މަޢުލޫމާތު ދެއްވި އެމެރިކާގެ މި ދެ މަސްއޫލުވެރިން އެމެރިކާއިން މި ކަމަށް ޓަކައި ބޭނުންކުރަނީ ބިމުގެ އަޑީގައި ގައި ހުންނަ ތަންތަން ފޮޓޯ ނަގައި ވީޑިއޯކުރުމަށް ބޭނުންކުރާ ޚާޢްޞަ ޑްރޯންތަކެކެވެ. މި ދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކު ވިދާޅުވި ގޮތުގައި އެމެރިކާ އިން މި މަސައްކަތް ކުރަމުންދާތާ ހަފުތާއެއް ވެއްޖެއެވެ. މި ޑްރޯންތަކަކީ ޢަސްކަރީ ޑްރޯންތަކެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޤްޞާ ޠޫފާނުގައި ޙަމާސުން ދިން ޙަމަލާގައި ވަނީ ދުއިސައްތައެއްހާ އިސްރާއީލު ސިފައިން އަސީރުކޮށްފައެވެ. އޭގެތެރޭގައި އެމެރިކާގެ ހަތް ޔަހޫދީއަކު ހިމެނެއެވެ. އެމެރިކާއާއި އިސްރާއީލު ބުނާގޮތުގައި ޙަމާސުން އަސީރުންތައް ރައްކައުތެރިކަމާއެކު ހިފަހައްޓައިވަނީ ޣައްޒާގެ ވަރުގަދަ ބިންގަރާސް ވިއުގަތެރޭގައެވެ.
އިސްރާއީލުން ބުރާސްފަތި ދުވަހު ވަނީ ޣައްޒާ ސަހަރު ހުރިހާ ފަރާތަކުން ވަރަށް ވަރުގަދައަށް ޙިޞާރުކޮށްފައެވެ. ޣައްޒާގެ ތަފާތު ރަށްތަކަށް އިސްރާއީލު ސިފައިން އަރާ ޙަމަލާދެމުން ޣައްޒާއަށް ބޮން އަޅަމުންދާއިރުގައި ވެސް ޙަމާސުގެ މުޖާހިދުން ފިލައި ތިބެ އިސްރާއީލު ސިފައިންނަށް ދަނީ ހިތްވަރުގަދަ ޙަމަލާތައް ދެމުންނެވެ. އިސްރާއީލު ސިފައިންގެ ވިއްސަކަށް މީހުން ވަނީ މި ޙަމަލާތަކުގެ ސަބަބުން މަރުވެފައެވެ.
އިސްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާއިން ވަނީ 9061 މީހުން ޝަހީދުވެ 32 ހާސް މީހުން ޒަޚަމުވެފައެވެ. އިސްރާއީލުން ދަނީ ޣައްޒާގެ ހަސްފަތާލުތަކަށާއި މަދުރަސާތަކަށާއި މިސްކިތްތަކަށް ބޮންއަޅައި އެތަންތަން ބިމާ ހަމަކުރަމުންނެވެ. އިސްރާއީލުން ވަނީ ޣައްޒާ ފެނުންނާއި ކަރަންޓުންނާއި ހަކަތައިންނާއި ގޭހުން މަޙްރޫމުކޮށްފައެވެ.
އަނެއްކޮޅުން ޙަމާސުން އިންޒާރު ކުރާގޮތުގައި 2.3 މިލިއަން މީހުން ދިރިއުޅޭ ޣައްޒާ ވާނީ އިސްރާއީލަށް އޮތް "ތާރީޚުގެ ލަޢުނަތު" އަކަށެވެ. ޙަމާސުން ހިތްވަރުގަދަކަމާއެކު ބުނާގޮތުގައި އިސްރާއީލު ސިފައިން ޣައްޒާއިން ނުކުންނާނީ "ކަޅު ކޮތަޅުތަކެއް" ގައެވެ.
އިސްރާއީލު ސިފައިންގެ ތަރްޖަމާނު ދާނިޔާލް ހެގަރީ ބުނާގޮތުގައި އިސްރާއީލު ސިފައިން ޣައްޒާ ސަހަރު ހުރިހާ ފަރާތަކުން ވަނީ ތަޅުލައިފިއެވެ. ޣައްޒާ ސަހަރަކީ ޙަމާސުގެ މައިމަރްކަޒެވެ.
ހެގަރީ ބުނިގޮތުގައި "ހަނގުރާމަ ހުއްޓައިލުމާބެހޭ ވާހަކަތައް މޭޒު މައްޗަކު ނެތެވެ. ލ" މިއަދަކީ ޣައްޒާ ހަނގުރާމައިގެ 28 ވަނަ ދުވަހެވެ.
ސަލާމަތީ މަޖިލީހުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ ވީޓޯގެ ސަބަބުން އިސްރާއީލަށް ހަނގުރާމަ ހުއްޓުމަށް ގޮވައިލާ އެއްވެސް ޤަރާރެއް ވަނީ މިހާތަނަށް ފާސްނުކުރެވިފައެވެ. އެހެނަސް އދގެ ޢާންމު ޖަމްޢިއްޔާއިން ވަނީ އިސްރާއީލު ކުށްވެރިކޮށްފައެވެ.



advertisment