މި ހުސްވި އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ބޮމުގެ ނިރުބަވެރި އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން އިއްޔެއާ ހަމައަށް ވަނީ ޣައްޒާއިން 9،061 މީހުން ޝަހީދުވެ 32،000 މީހުން ޒަޚަމުވެފައެވެ.
ޣައްޒާއަށް އެޅި ގޮވާ ތަކެތީގެ މިންވަރު
އިންސާނީ ޙައްޤުތަކާބެހޭ ޔޫރޯމެޑިޓެރޭނިއާ މަރްކަޒު ބުނާގޮތުގައި އޮކްޓޫބަރު ހަތަކުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނީ ނިރުބަވެރި ޙަމަލާތަކުގައި 235 ހާސް ޓަނުގެ ގޮވާއެއްޗެހި ވަނީ އަޅައިފައެވެ. މި މަރްކަޒު ބުނާގޮތުގައި އިސްރާއީލުން ވަނީ ގަސްތުގައި އާރްޑީއެކްސް ނަމަކަށް ކިޔާ މާއްދާއެއް މި ބޮންތަކާ އެއްކޮށްފައެވެ. އެއީ 1.34 ޓީއެންޓީ ބާރު ހުރި އެއްޗެކެވެ. މީގެއިތުރަށް ޞިހްޔޫނީ ކިޔާނުގެ ޢަސްކަރީ އިސްވާރުން ޣައްޒާއަށް ދަނީ ބައިނަލްއަޤްވާމީ ޤާނޫނު މަނާކުރާ ފޮސްފޯރު ބޮން ވެސް ބޭނުންކުރަމުންނެވެ. ހުދު ފޮސްފޯރަކީ ވިހަ މާއްދާއެކެވެ.
30 ހާސް ޓަނުގެ ބޮމެއް
ތަޖްރިބާކާރުން ވިދާޅުވާގޮތުގައި އިސްރާއީލުން ޣައްޒާއަށް މިހާތަނަށް އެޅި ބޮންތައް އެއްކޮށްލައިފިނަމަ އެއީ 30 ހާސް ޓަނުގެ ނިޔުކްލިޔަރ ބޮމެކެވެ.
މި ބޮން ޣައްޒާގައި ގޮއްވައިލައިފިނަމަ ވާނީ ކިހިނެއްހެއްހެވެ؟ (NUKEMAP) ބުނާގޮތުގައި މި ފަދަ ބޮމެއް ރަށެއްގެ ޖައްވުގެ ތެރޭގައި ގޮއްވައިލައިފިނަމަ ނަތީޖާއަކަށް ވާނީ
- 177 ހާސް އާއި 230 މީހުން މަރުވުން
- 285 ހާސް އާއި 700 މީހުން ޒަޚަމުވުން
- މި ބޮން ގޮއްވައިލީ 238 މީޓަރުގެ ބައި ހުރަސް ވަށްބުރެއްގެ ތެރޭގައި ނަމަ އެ ވަށްބުރުގެ ތެރޭގައި ހިމެނޭ ހުރިހާ އިންސާނުންނާއި ގައުތައް ކެކި އާތްވަށް އަރައިގެން ދާނެއެވެ.
- މި ބޮން ގޮއްވައިލީ 2.18 ކީލޯމީޓަރުގެ ބައި ހުރަސް ވަށްބުރެއްގެ ތެރޭގައި ނަމަ (އެއީ ގާތްގަނޑަކަށް 15 އަކަ ކީލޯމީޓަރު) އެ ވަށްބުރުގެ ތެރޭގައި ހިމެނޭ ގިނަ ޢިމާރާތްތައް ބިމާހަމަވެގެންދާނެއެވެ. ބިމަށް ނުވެއްޓި ހުރި އެންމެހާ ޢިމާރާތްތައް ރޯވެ އަނދާނެއެވެ.
- މި ބޮން ގޮއްވައިލީ 2.54 ކީލޯމީޓަރުގެ ބައި ހުރަސް ވަށްބުރެއްގެ ތެރޭގައި ނަމަ (އެއީ ގާތްގަނޑަކަށް 20.2 އަކަ ކީލޯމީޓަރު) އެ ވަށްބުރުގެ ތެރޭގައި ހިމެނޭ ހުރިހާ ދިރޭ އެއްޗެއް އަނދައި ތިންވަނަ ދަރަޖައިގެ ފާރުވުމަކުން ފާރުވެގެންދާނެއެވެ.
ހީރޯޝީމާގެ ބޮމަށްވުރެ ބާރުގަދަ
އެމެރިކާއިން ޖަޕާނުގެ ހީރޯޝީމާއަށާއި ނަގަޒާކީއަށް 1945ވަނަ އަހަރުގެ އޮގަސްޓުމަހު ވައްޓައިލި ޒައްރީ ބޮމުގެ ބާރުމިނަކީ 15 ހާސް ޓަނުގެ ގޮވާއެއްޗެކެވެ. ވީމާ އިސްރާއީލުން އެއްވެސް ބަލައިލުމެއްނެތި މިހާތަނަށް އެޅި ބޮންތަކުގެ ބާރު އެމެރިކާއިން ހީރޯޝީމާއަށް ވައްޓައިލި ބޮމަށް ވުރެ މާ ބާރުގަދައެވެ. ހީރޯޝީމާގެ ބޮޑުމިނަކީ 900 އަކަ ކީލޯމީޓަރެވެ. އެހެނަސް ޣައްޒާއަކީ އެންމެ 360 އަކަ ކީލޯމީޓަރުގެ ކުޑަ ސަރަޙައްދެކެވެ.



advertisment