Support Us

އިންޑިއާގެ ސިފައިންގެ މައްސަލަ އާއި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުނު މައްސަލައިގައި ދޫދެވޭކަށް ނެތް: ރައީސް ޔާމީން

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ދިޔަ މައްސަލައާއި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭ މައްސަލާގައި  ދޫދެވެން ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި ފަސް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނަވަނިކޮށ،ް މާފުށީ ޖަލުން ގޭބަންދަށް، އަދި ފަހުން ރަށުބަންދަށް ބަދަލުކުރި ފަހުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ފުރަތަމަ ޖަގަހަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްވަމުންނެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ކުރިން ފެންނަ ޕީ.ޕީ.އެމް/ ޕ.ީއެނ.ްސީ ކޯލީޝަންގެ ބިޔަބޮޑު ލީޑަޝިޕާއި މަޖިލިސް މެމްބަރަކުވެސް ބައިވެރިނުވެ ކުރިއަށްދިޔަ ރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސެޕްޓެމްބަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓަކީ އިންޑިއާގެ ސިފައިންގެ މައްސަލައިގައާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ގޮސްފައިވާ މައްސަލާގައި ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައްޔިތުންގެ ކައިރީގައި ދައްކަވައިފައިވާ ވާހަކަތަކަށް ލިބުނު ތާއީދަކާއި އިތުބާރެއްގެ ސަބަބުން ލިބިވަޑައިގެންފައިވާ ވޯޓެއް ކަމަށެވެ. އެއީ ރައްޔިތުން ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށެވެ. އަދި އެ އަމާނާތް ވެރިކަން ލިބިވަޑައިގަތުމަށްފަހު އެގޮތުގައި ދަމަހައްޓަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ނޮވެމްބަރު 17ގައި ހުވާކުރާ އާ ސަރުކާރުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވަނީ ކީއްވެގެންތޯ ބަލައި އެ ކަންތައްތައް ތަހުގީގުކުރުމާއި އިންޑިއާގެ ސަރުކާރާ އެކު މަޝްވަރާކޮށްގެން، މުއްދަތުތަކެއް ކަނޑައަޅައިގެން ވެސް، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އާ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ބޮޑު ބައި ނުދަނީސް އިންޑިއާގެ އަސްކަރިއްޔާއިން މި ރާއްޖެއިން ފައިބާންވާނެ ކަމަށް ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ސަރަހައްދު ގެއްލުނު މައްސަލާގައި ކޮންޕްރޮމައިސްއެއް (ދުލެއްދެވޭކަށް) ނޯންނާނެ. އެގޮތެއް ހެވެއް ނޫން. އަދި ދިވެހި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއިން ތިބޭ ތިބުމުގައި ދުލެއް ދެވެން ނޯންނާނެ. އެގޮތެއް ހެވެއް ނޫން. އެނޫން އެހެން ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް ދޫދެވިދާނެ ކަންކަން،" ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑުމެން އެއްގޮތަކަށް ވެސް މިއުޅެނީ ހުރިހާ އެންމެން ކޮށްފައި ހުރި ގޯސްތައް ބަލާކަށްވެސް ނޫން. އެކަމަކު މި ގެއްލުނު ހައްގުތަކަކީ ދިވެހި ރާއްޖޭގެ، ދިވެހި ދައުލަތުގެ ހައްގުތަކެއް މިއީ. މިއީ ފަރުދެއްގެ ހައްގުތަކެއް ނޫން. އެހެންވެ މިކަން އަޅުގަނޑުމެން ކުރަންޖެހޭނެ ދެއްތޯ."

ރައީސް ޔާމީން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީ ކަންކަން ކުރި ގޮތުން މުޅި ދިވެހި ރާއްޖެ ރަހުނުވެ އަޅުވެތިވެފައިވާ ކަމަށެވެ.

"ހަމަ ބޮޑު މާރިޔަލެއްގައި އަޅައިގެން ނޫންތޯ މިދިޔައީ. ކިހިނެއްވެގެންތޯ މި ކަންކަން ވާންވީ؟ އަޅުގަނޑުގެ ވާހަކައަކީ ވެރިކަން ﷲ މިންވަރުކުރައްވައިފިއޭ. ދެން އެކަން ތާހިރުކަމާ އެކު ރައްޔިތުންނަށް އެ އަމާނާތް ހަވާލުކުރުމަށްޓަކައި އެކަން ކުރަން އޮންނަ ގޮތަށް ކުރަންޖެހޭ. އެެހެނެއް ނޫނެއްނޫންތޯ މިވީ. މުޅި ދިވެހިރާއްޖެ ރަހުނުކުރީ ނޫންތޯ. މުޅި ދިވެހި ރާއްޖެ އަޅުވެތި ކަމަށް ގެންދިޔައީ ނޫންތޯ. ކާކުތޯ މި ޒިންމާއާ ހަވާލުވަނީ؟" ރައީސް ޔާމީން ސުވާލުކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ގައުމު ވައްޓާލައިފައިވާ ހާލަތުން ގަައުމު ސަލާމަތް ކުރުމަށްޓަަކައި އަނެއްކާ ވެސް ބޮޑު ތަކުރުފާނާއި އަލިރަސްގެފާނު ކުރެއްވި ފަދަ މަތިވެރި ޖިހާދެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި އޭރުގެ ބަތަލުން ކުރި ޖިހާދަށް ވުރެ މިހާރު ކުރަންޖެހިފައިވާ ޖިހާދު ވަކި ކުޑަ ނޫން ކަމަށާއި ގުރުބާނީ އަށް ބަލާ ކަމުގައިވާނަމަ ވާންޖެހޭ ގުރުބާނީ މާބޮޑު ކަމަށް، އިންޑިއާ ސިފައިން ރާއްޖޭއިން ބޭލުމަށް ކުރަންޖެހޭ މަސައްކަތްތައް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.

"މިހާރު ވާންޖެހޭ ގުރުބާނީ މާ އުނދަގޫ. އެއީ އެހާ އަޅުގަނޑުމެންނާ ގާތް އަވަށްޓެރި ގައުމަކަށްވާތީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އެމީހުން ރުޅި އަރުވާލާކަށް ވެސް. އެކަމަކު އެއާ އެކީވެސް މިއީ އެ މީހުންނަށް ދޭ ލައިސަންސެއް ނޫން. އެމީހުން ތިބެގެން ނުވާނެ މިތާކު. އެމީހުން ފައިބަންޖެހޭނީ،" ރައީސް ޔާމީން ވިދާޅުވި އެވެ

އިންޑިއާގެ އަސްކަރިއްޔާގެ ސިފައިން މިގައުމުގައި ތިބުމުން ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަށް ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިންޑިއާގެ ދޭދޭ ފަރުދުންނާ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ.

"އަޅުގަނޑުމެންނަކާ ދޭދޭ ފަރުދުންނަކާ ނޫނީ އިންޑިއާގެ ރައްޔިތުންނާ ހަމަ އެއްވެސް މައްސަލައެއް ނެތް. އިންޑިއާގެ ޗަޕާތީ ވެސް މީރު، ބިރިއާނީ ވެސް މީރު. އަދި ބޮލީވުޑްގެ ފިލްމްތައް ވެސް ރީތި. ލަވަތައް ވެސް ރީތި. އަޅުގަނޑުމެންނާ އެމީހުންނަކާ އެއްވެސް މައްސަލައެއް ނެތް އިނގޭތޯ. އެކަމަކު އަޅުގަނޑު ގަބޫލެއް ނުުކުރަން އަދި އަޅުގަނޑަށް ތާއީދުކުރާ ހަމަ އެއްވެސް ރައްޔިތަކު، އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރޭ އިންޑިއާގެ އަސްްކަރިއްޔާގެ އެންމެ ބޫޓު ކިބައެއްވެސް ރާއްޖޭގައި ހުންނަން ޖެހޭނެ ކަމަކަށް. ނުހުރެވޭނެ. ހުރެވިގެން ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ސިފައިން ރާއްޖޭގެ ތިބި ތިބުމަށް ނިމުމެއް ގެނެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިފައިވާ ސަރަހައްދު އަލުން އަނބުރާ ރައްޔިތުންނަށް ހޯދައިދެވުނީމާ ދިވެހި ރައްޔިތުން ޕީޕީއެމް/ޕީއެންސީގެ ސަރުކާރަށް، ޑރ. މުއިއްޒަށް ފާސް މާކްސް ދޭނެ ކަމަށެވެ.

ރައީސް ޔާމީން އަދި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކާއި އެނޫން ވެސް ގައުމުގައި ހުރި އެހެން ކަންކަމަކީ މުހިންމު ކަންކަން ކަމަށް ގަބުލްކުރައްވާ ކަމަށެވެ. ނަމަވެސް މިވަގުތު އެންމެ މުހިންމު ދެ ކަމަކީ އިންޑިއާގެ އަސްކަރިއްޔާ ބޭލުމާއި ރާއްޖޭގެ ކަނޑުން ގެއްލުނު ސަރަހައްދު އަނބުރާ ހޯދުން ކަމަށެވެ. އަދި މި ދެ ކަމުގައި ކުރިއަށްދާ ގޮތުގެ މައުލޫމާތު ދޭތެރެދޭތެރެއިން ބޭނުންވާނެ ކަމަށާއި "އެހެން ނޫނީ އަނެއްކާ ވެސް އަޅުގަނޑު ޖެހޭނީ ޓީޝާޓްގައި 'އިންޑިއާ އިން' ޖަހަން" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *