Support Us

ފަލަސްޠީނުގެ ގަދީމީ ތާރީޚު

ފަލަސްޠީނުގެ ގަދީމީ ތާރީޚު އޮޅުވާލުމަށް އިސްލާމްދީނުގެ ޢަދުވުން، ޚާއްޞަ ޔަހޫދީން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ފަލަސްޠީނުގެ ބިމުގެ މައްޗަށް ޒަޔަނިސްޓް ޔަހޫދީންކުރާ މިލުކުވެރިކަމުގެ ދައުވާ ސައްހަ އެއްޗަކަށް ހެދުމަށް ޓަކައެވެ. އެހެން ނަމަވެސް ފަލަސްޠީނުގެ ތާރީޚު ގުޅިފައިވަނީ ދުނިޔޭގެ ތާރީޚުގެ ވަރަށް މުހިންމު ހާދިސާތަކަކާ ކަމަށްވާތީ އެ ޙަޤީޤަތް އޮޅުވާލެވިފައެއް ނުވެއެވެ.

ކަންޢާނީން

ފަލަސްޠީނުގެ ފުރަތަމަ ވަޒަންވެރިންނަކީ ކަންޢާނީންނެވެ. އޭގެކުރިން އެ ސަރަޙައްދުގައި އެއްވެސް ބަޔަކު ވަޒަންވެރިވެ ދިރިއުޅެފައެއް ނުވެއެވެ. ކަންއާނީންނަކީ ސަލާމްލެއްވި ނޫޙުގެފާނުގެ ޝާމުގެފާނުގެ ދަރިކަލުން ކަންޢާނުގެ ދަރިކޮޅުގެ މީހުންނެވެ. މި ދަރިކޮޅުގެ ޤަބީލާތައް ޢަރަބިކަރައިގެ ދެކުނުން ޝާމްކަރައިގެ އުތުރަށް ވަކިވަކި، ކުދިކުދި ވެރިކަންތަކެއްގެ ގޮތުގައި ދެމިފައި އޮތެވެ. ފަލަސްޠީނުގައި ކަންޢާނީން ވަޒަންވެރިފައިވަނީ މީލާދީ ސަނަތުގެ 3،000 އަހަރު ކުރިންނެވެ.

ޖެރޫސަލަމް ބިނާކުރުން

ކަންޢާނީން ބިނާކޮށް ވެރިކަންކުރި ސަރަޙައްދަށް އެ މީހުން ފުރަތަމަ ދިން ނަމަކީ "އޫރު ސާލިމް" އެވެ. ފަހުން ބަދަލުވީ "އޫރު ސަލީމް" އަށެވެ. މާނައަކީ ރައްކާތެރި ސަހަރެވެ. އަމާންކަމުގެ ސިޓީއެވެ. އެއީ މިހާރުގެ ޖެރޫސަލަމް އެވެ. ކަންޢާނީން މި ސަހަރު ބިނާކުރިއިރު ޔަހޫދީން ދުނިޔެއަކަށް ނާދެއެވެ.

ސަލާމްލެއްވި އިބްރާހީމްގެފާނުގެ ވާހަކަ

ސަލާމްލެއްވި އިބްރާހީމްގެފާނު އިރާޤުން ފަލަސްޠީނަށް އެންމެ ފުރަތަމަ ވަޑައިގެންނެވި އިރު ވެސް ކަންޢާނީން ވަނީ ޖެރޫސަލަމް ބިނާކޮށްފައެވެ. އެއީ މީލާދުގެ ގާތްގަނޑަކަށް 2000 އަހަރު ކުރިއެވެ. އެކަލޭގެފަނުގެ ދަރިކަލުން އިސްޙާޤުގެފާނާއި ކާފަދަރިކަލުން ޔަޢުޤޫބުގެފާނު ކަންޢާނުގެ ބިމުގައި ދިރިއުޅުއްވިއެވެ. އިސްރާޢީލުގެ ނަންފުޅުން ނަން ދެވިފައި ވަނީ ޔަޢުޤޫބުގެފާނަށެވެ. އެހެންވީމާ ބަނީ އިސްރާއީލުންގެ އަސްލު ގުޅިފައިވަނީ ސަލާމްލެއްވި އިބްރާހީމްގެފާނާ ކަމަށް ބަނީ އިސްރާޢީލުން ޤަބޫލުކުރެއެވެ. އެކަމަކު އެކަލޭގެފާނަކީ ޔަހޫދީއެއް ނޫނެވެ. އަދި ނަޞާރާއެއް ވެސް ނޫނެވެ. ސަލާމްލެއްވި އިބްރާހީމްގެފާނަކީ މުސްލިމެކެވެ.

ކީރިތި ޤުރުއާނުގެ އާލް އިމްރާން ސޫރަތުގެ 67 ވަނަ އާޔަތުގެ މާނައިގައި ވަނީ "ޔަހޫދީއެއް ކަމުގައި ވެސް އަދި ނަޞްރާނީއެއް ކަމުގައި ވެސް އިބްރާހީމްގެފާނު ވެވަޑައެއް ނުގަންނަވައެވެ. އަދި، ކީއްހެއްޔެވެ! އެކަލޭފާނު ވެވަޑައިގެންނެވީ ބާޠިލުމަގުން އެއްކިބާވެ، ޙައްޤު ދީނަށް ތަބަޢަވެގެންވާ މުސްލިމަކު ކަމުގައެވެ. އަދި ޝަރީކުކުރާ މީހުންގެ ތެރެއަކު ވެސް އެކަލޭގެފާނު ވެވަޑައެއް ނުގަންނަވައެވެ."

މަސްޖިދިލް އަޤްޞާ ބިނާކުރުން

އިބްރާހީމްގެފާނު ފަލަސްޠީނަށް ވަޑައިގެންނެވީ ކަންޢާނުގެ މީހުން ޖެރޫސަލަމް ބިނާކޮށްގެން ދިރިއުޅޭތާ ގާތްގަނޑަކަށް 1000 އަހަރު ފަހުންނެވެ. އެކަލޭގެފާނަކީ ފުރާތުކޯރު ހުރަސްކޮށް ޢީރާޤުން ފަލަސްޠީނަށް ވަޑައިގެންނެވި ބޭފުޅެކެވެ. އަލްމަސްޖިދުލްއަޤްޞާއަކީ މާތްﷲ އަށް އަޅުކަންކުރުމަށް ދުނިޔޭގެ ބިމުގައި ބިނާ ކުރެވުނު ދެވަނަ މިސްކިތެކެވެ. ބައެއް ތާރީޚީ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މަސްޖިދިލް އަޤްޞާ ބިނާކުރީ މަސްޖިދިލް ޙަރާމް ބިނާކުރެއްވިތާ 40 އަހަރު ފަހުން ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދުވަސްވަރުގައެވެ.

އިސްރާއީލް ދަރިކޮޅު

ބަނީ އިސްރާއީލުންނަކީ އިސްރާއީލުގެ ދަރިކޮޅެވެ. މާނައަކީ ޔަޢުޤޫގެފާނުގެ ދަރިކޮޅެވެ. ފަލަސްޠީނުން ސަލާމްލެއްވި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭފުޅުންނާއެކު މިސްރަށް ވަޑައިގެންނެވީ މިސްރުގައި ހުންނެވި އެކަލޭގެފާނުގެ ދަރިކަލުން ސަލާމް ލެއްވި ޔޫސުފުގެފާނުގެ އަރިހަށެވެ. ބަނީ އިސްރާއީލުން ޤަބީލާއެއްގެ ގޮތުގައި އުފެދުނީ މިސްރުގައެވެ. އެއީ ޔަޢުޤޫބުގެފާނުގެ 12 ބޭފުޅުންގެ މައްޗަށް އޮތް 12 ދަރިކޮޅެވެ.

ބަނީ އިސްރާއީލުން ފަލަސްޠީނުގެ ބިމަށް އައުން

ބަނީ އިސްރާއީލުން މިސްރުން ނިކުތީ ސަލާމްލެއްވި މޫސާގެފާނާއެކު ފިރުއައުނުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށެވެ. ސައިނާގެ ސަހަރާގައި ބަނީ އިސްރާއީލުން ތިއްބައި، ކަންޢާނީންނާ ހަނގުރާމަ ކޮށްގެން އެ ބިން (ފަލަސްޠީނުގެ ބިން) ފަތަޙަ ކުރުމަށް މާތްﷲ އަމުރު ކުރެއްވިއެވެ. އެކަން އެބައި މީހުން ނުކުރުމުން ބަނީ އިސްރާއީލުންނަށް އެ ބިން 40 އަހަރަށް ޙަރާމް ކުރެއްވިއެވެ. އެ މުއްދަތު ފާއިތުވުމަށްފަހު ބަނީ އިސްރާއީލުން ކަންޢާނީންނާ ހަނގުރާމަކޮށް ފަލަސްޠީނުގެ ބިމުގެ ބައެއް ފަތަޙަ ކުރީ މީލާދުގެ 1،300 އަހަރުކުރިންނެވެ. އޭރު ބަނީ އިސްރާއީލުންގެ ވެރިއަކަށް ހުންނެވީ ނަބިއްޔާ ޔޫޝަޢް ބިން ނޫންއެވެ.

ފިލިސްޓިންސް، ފިލަސްޠީން، ފަލަސްޠީން

ކަންޢާންނީންގެ ބާރު ފަލަސްޠީނުގައި ނެތި ދިޔައީ އިސްރާއީލުގެ ދަރިކޮޅުގެ މީހުން ފަލަސްޠީނަށް އަރައި ކުރި ހަނގުރާމަތަކަށް ފަހުއެވެ. އެ ހަނގުރާމަތައް ކުރި ދުވަސްވަރު މެޑިޓޭރިއަން ކަނޑުގެ އައްސޭރިގައި މުޅިން އާބަޔަކު ވަޒަންވެރިވެ ވެރިކަން ކުރަންފެށިއެވެ. އެ މީހުންނަކީ އެއިޖިންކަނޑުގެ ކްރީޓް ޖަޒީރާ ދޫކޮށް ކަންޢާނަށް އައި ޤަބީލާއެކެވެ. ގްރީކް ބަހުން އެ މީހުންނަށް ކިޔަނީ "ފިލިސްޓިންސް" އެވެ. ފަހުން "ފިލަސްޠީން" ނުވަތަ "ފަލަސްޠީން" މި ނަންނަމުގެ އަޞްލަކީ މިއީއެވެ.

ދާއޫދުގެފާނުގެފާނުގެ ދައުރު

މީލާދީން ސަނަތުގެ 1،020 އަހަރު ކުރިން ކަންޢާނީންނާއި ބަނީ އިސްރާއީލުންނާއި ފިލިސްޓީނުން ފަލަސްޠީނުގެ ބިމަށް ބާރު ފޯރުވުމަށް ކުރި ހަނގުރާމައިން ކާމިޔާބު ލިބުނީ ބަނީ އިސްރާއީލުންނަށެވެ. ބަނީ އިސްރާއީލުންގެ ފުރަތަމަ ރަސްކަލަކީ ސަލާމްލެއްވި ޠާލޫތުގެފާނެވެ. އެއަށްފަހު އެކަލޭގެފާނުގެ ދަރިކަލުން އިޝްބާލްގެފާނެވެ. ދެން ރަސްކަން ލިބިވަޑައިގެންނެވީ ސަލާމްލެއްވި ދާއޫދުގެފާނަށެވެ. ކަންޢާނީންގެ ބާރުގެ ދަށުގައި ހުރި އިތުރު ސަރަޙައްދުތައް ބަނީ އިސްރާއީލުން ފަތަޙަކުރެއްވީ ސަލާމްލެއްވި ދާއޫދުގެފާނުގެ ދައުރުގައެވެ. ކަންޢާނީންގެ ޔާބޫސީ ޤަބީލާ ބަލި ކުރައްވައި، ޖެރޫސަލަމް ބަނީ އިސްރާއީލުންގެ ބާރުގެ ދަށަށް ގެންނެވީ މީލާދީން ސަނަތުގެ 1،003 އަހަރު ކުރިން ދާއޫދުގެފާނެވެ.

ސުލައިމާނުގެފާނުގެ ދައުރު

ޖެރޫސަލަމްގައި ބަނީ އިސްރާއީލުންގެ ރަސްކަން ދާއޫދުގެފާނު ޤާއިމުކުރެއްވިއެވެ. ސަލާމްލެއްވި ދާއޫދުގެފާނަށް ފަހު ރަސްކަން ލިބިވަޑައިގަތީ ދަރިކަލުން ސަލާމްލެއްވި ސުލައިމާނުގެފާނަށެވެ. އެކަލޭގެފާނު ވެސް ރަސްކަން ފުޅާކުރެއްވިއެވެ. ސުލައިމާނުގެފާނަށްފަހު ބަނީ އިސްރާއީލުންގެ ވެރިކަން ރޫޅި ދެބައިވިއެވެ.

އާޝޫރީންގެ ބާރުގެ ދަށަށް ގެންދިއުން

ބަނީ އިސްރާއީލުންގެ 12 ދަރިކޮޅުގެ ތެރެއިން ބިންޔާމީން އާއި ޔަހޫޒާގެ ދަރިކޮޅު އެއީ އެއް ވެރިކަމެކެވެ. އެއީ ޔަހޫޒާއިންގެ ވެރިކަމެވެ. އަނެއް 10 ދަރިކޮޅު އެއީ އިސްރާއީލުންގެ ވެރިކަމެވެ. އިސްރާއީލުންގެ ވެރިކަން ބަލިކުރަން ޔަހޫޒާއިން އެހީތެރިކަން ހޯދީ ދުނިޔޭގެ ބާރެއްގެ ގޮތުގައި އޮތް އާޝޫރީންގެ ކިބައިންނެވެ. އާޝޫރީން މުޅި ބިމަށް ވެރިވެގަނެ ބޮޑު ޤަތުލްއާންމެއް ހިންގައި އިސްރާއީލީ ވެރިކަން ފަނާކޮށްލިއެވެ.

ބާބިލީންގެ ބާރުގެ ދަށަށް ދިއުން

އާޝޫރީންގެ އަނިޔާވެރިކަމާއެކު ފަލަސްޠީނުގައި އޮތީ ޔަހޫޒާއިން ބައިވެރިވާ އާޝޫރީންގެ ވެރިކަމެކެވެ. އާޝޫރީންގެ މައްޗަށް ޢިރާޤުކަރައިގެ ބާބިލީން ގަދަވެގަތުމާއެކު މީލާދުގެ 586 އަހަރު ކުރިން ބަބިލީން ފަލަސްޠީން ހިފިއެވެ. ބާބިލީންގެ ރަސްގެފާނު ބުޚްތަނައްޞަރު ޔަހޫޒާއިންގެ ވެރިކަން ވައްޓާލައި ޖެރޫސަލަމް އަތުލައިގަތެވެ. އަދި އެޖޫސަލަމްގައި ހުރި ސަލާމްލެއްވި ސުލައިމާނުގެފާނުގެ މިސްކިތްކޮޅު ނުވަތަ "ހައިކަލް ސުލައިމާން" (ފަސްޓް ޓެމްޕަލް) ބިމާހަމަކޮށްލިއެވެ.

ފާރިސީންނާއި ޔޫނާނީންނާއި ރޯމަނުންގެ ވެރިކަން

ބާބިލީންނަށްފަހު ފަލަސްޠީނަށް ބާރު ހިންގީ ފާރިސީން (ޕާޝިއަނުން)ނެވެ. ފާރިސީންގެ ވެރިކަމުގައި ބަނީ އިސްރާއީލުންނަށް އެނބުރި ފަލަސްޠީނަށް އައުމުގެ ހުއްދަދީ، ސުލައިމާނުގެފާނުގެ މިސްކިތްކޮޅު ހުރި ތަނުގައި ދެވަނަ ހައިކަލް ބިނާކުރަން ފެއްޓެވިއެވެ. އެއީ މީލާދުގެ 534 އަހަރު ކުރިންނެވެ.

ފާރިސީންނަށްފަހު ފަލަސްޠީނަށް ވެރިވީ ޔޫނާނީން (ގުރީކުން)ނެވެ. އެއީ މީލާދުގެ 300 އަހަރު ކުރިންނެވެ. ދެން ފަލަސްޠީނަށް ވެރިވީ ރޯމަނުންނެވެ. އެއީ މީލާދުގެ 63 އަހަރު ކުރިންނެވެ. މުސްލިމުން ފަލަސްޠީނު ފަތަޙަކުރީ ރޯމަނުންގެ އަތްދަށުންނެވެ. ރޯމަނުން ފަލަސްޠީނަށް ވެރިވެގަނެ، ފާރިސީންގެ ރަސްގެފާނު ޚުސްރޫ އަޢުޡަމް ބަނީ އިސްރާއީލުންނަށް ބިނާކޮށްދިން "ދެވަނަ ހައިކަލް" ސުންނާފަތި ކޮށްލިއެވެ. އެ ބިނާގެ ބައިތަކުގެ ތެރެއިން ސަލާމަތުން ހުރީ އިމާރާތުގެ ހުޅަނގު ފަރާތު ފާރުގެ ތަންކޮޅެއް އެކަންޏެވެ.

އިސްލާމީ ވެރިކަން

ކީރިތި ރަސޫލާ ﷺ އިސްލާމްދީނަށް ގޮވާލެއްވި ދުވަސްވަރު ފަލަސްޠީނު އޮތީ ރޯމަނުންގެ އަތްދަށުގައެވެ. އެކަލޭގެފާނު އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ކުރެއްވީ މީލާދުން 621 ވަނަ އަހަރުއެވެ. ސަޢުދީޢަރަބިއްޔާގެ މައްކާއިން ފަލަސްޠީނުގެ ބައިތުލްމަޤްދިސަށް އިސްރާކުރައްވައި، ބައިތުލްމަޤްދިސްއިން މިއުރާޖުގެ މަތިވެރި ދަތުރުފުޅު ފެށްޓެވިއެވެ.

މުސްލިމުން ނަސޯރާ ރޯމަނުންގެ އަތްދަށުން ފަލަސްޠީނު ހިމެނޭ ސަރަޙައްދު ފަތަޙަކުރީ ޢުމަރުގެފާނުގެ ޚަލީފާކަމުގައި މީލާދީން 636 ވަނަ އަހަރުއެވެ. މުސްލިމް ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ އަބޫ ޢުބައިދާ އާމިރު ބިން ޖައްރާޙުއެވެ.

ފަލަސްޠީނަށް އަތްގަދަކޮށްގެން ތިބި ރޯމަނުންގެ އަތުން ޤުދުސްގެ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ އަމީރުލް މުއުމިނީން ޢުމަރު ބިން ޚައްޠާބެވެ. އެއަށްފަހު "ޢުމަރުގެފާނުގެ އެއްބަސްވުން" އެކުލަވާލެއްވިއެވެ. އެ އެއްބަސްވުމުގެ ދަށުން ޢަރަބިންނާއި ޔަހޫދީންނާއި ނަސޯރާއިން އަދި ތަފާތު ނަސްލުތަކާއި ޤަބީލާތަކުގެ އަހުލުވެރިން ސުލުހަވެރިކަމާއެކު ފަލަސްޠީނުގައި ދިރިއުޅެމުން ގެންދިޔައެވެ. އަދި އެއްވެސް ލޭ އޮހޮރުވުމެއްނެތި އިސްލާމްދީނުގެ މަތިވެރި ހިދާޔަތް އެ ސަރަޙައްދުގައި ފެތުރެމުން ދިޔައެވެ. އެ މާތް ދީނުގެ ރިވެތިކަމާއި އަޤީދާގެ ފުރިހަމަކަމާއި މުސްލިމުންގެ ފަރާތުން ފެންނަމުން ދިޔަ ރިވެތި ނަމޫނާއާއި މާތް އަޚުލާޤުގެ ސަބަބުން މުސްލިމުންގެ އަދަދު ގިނަވެ އިތުރުވަމުން ދިޔައެވެ.

ސޮލީބީންގެ ހަނގުރާމަ

ފަލަސްޠީނުގައި އޮތް އިސްލާމީ ވެރިކަން ވެއްޓުނީ 1،099 ވަނަ އަހަރު ސޮލީބީ ހަނގުރައިގައެވެ. އެހާތަނާ ޖެހެންދެން ފަލަސްޠީނުގައި އޮތީ ހުރިހާ ނަސްލަކަށް އަދި ހުރިހާ ދީނަކަށް އިހުތިރާމުކުރި މުސްލިމުންގެ ވެރިކަމެކެވެ. ސޮލީބީންގެ އަތްދަށުން ފަލަސްޠީން މިނިވަން ކުރެއްވީ މީލާދީން 1،187 ވަނަ އަހަރު ޞަލާހުއްދީނުލް އައްޔޫބީއެވެ. އެއަށްފަހު ވެސް މުސްލިމުން ފަލަސްޠީނުގެ ބިމުގައި ވެރިކަންކުރީ އެތަނުގައި ދިރިއުޅުނު ހުރިހާ އެންމެންނަށް ވެސް އަމާން ތަނެއްގެ ގޮތުގައެވެ.

އިޒްރޭލު އުފެއްދުން

އުސްމާނީ ޚިލާފަތުގެ ދަށުގައި އޮތް ފަލަސްޠީނުގެ މައްޗަށް އިނގިރޭސީން ވެރިވެގަތީ 1917 ވަނަ އަހަރު ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އެ ޚިލާފަތު ވެއްޓުމުންނެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު 1948 ވަނަ އަހަރު ފަލަސްޠީނުގެ ބިމުގައި އިޒްރޭލް ކިޔާ ދައުލަތެއް އުފައްދައި އިނގިރޭސީން އެ ބިން މިނިވަންކުރިއެވެ. ޒަޔަނިސްޓް އިޒްރޭލްގެ ދައުލަތް އުފައްދައި ދުނިޔޭގެ އެތަން މިތަނުން ޔަހޫދީންތައް ގެނެސް އާބާދުކުރަން ފެށިއެވެ. "ފަލަސްޠީނު" ކިޔާ ދައުލަތަށް އިޢުތިރާފުވުމަށް ދެކޮޅު ހަދައި، އެ ދައުލަތުގެ ރައްޔިތުން ވިއްސިވިހާލިކޮށްލިއެވެ. އެ ބިމުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ އިޒްރޭލުން އަޅުވެތިކަމުގައި އުޅެން މަޖުބޫރުކުރިއެވެ. އެކަމާ ދެކޮޅުހަދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ދަނީ ހިންގަމުންނެވެ.

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *