ރައީސުލްޖުމުހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ޓެލެވިޒަން މޯލްޑިވްސް (TVM) އިދާރީގޮތުން އުފެއްދެވީ 6 ޖަނަވަރީ 1977ގައެވެ. އެއީ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ދަށުން ހިނގާ އޮފީހެއްގެ ގޮތުގައެވެ.
އެއިރު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑިރެކްޓަރަކީ އަންނަބީލާ ޢާއިޝަތު އިބްރާހީމް ދީދީއެވެ. ވީމާ، ޓީވީ މޯލްޑިވްސްގެ ފުރަތަމަ އިސްވެރިޔަކީ އެކަމަނާއެވެ. ޓީވީ މޯލްޑިވްސްގެ ފުރަތަމަ ވެރިޔަކީ އެސިސްޓެންޓް ޑިރެކްޓަރ ނަސީމާ މޫސާއެވެ.
ދިވެހިރާއްޖޭގެ ކުލަތަކުގެ ޓެލެވިޒަން ސްޓޭޝަން (ޓީވީ މޯލްޑިވްސް) ގާއިމު ކުރުމަށް ހިންގުނު ބޮޑުމަޝްރޫޢަކީ ސީދާ ރައީސުލްޖުމުހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ތެރޭގައި ފެށުނު ބޮޑު މަޝްރޫޢެކެވެ.
ރައީސުލްޖުމުހޫރިއްޔާގެ ޚާއްޞަ ބެއްލެވުމުގެ ދަށުން މި ބޮޑު މަޝްރޫޢުގެ އިދާރީ މަސައްކަތް ކުރެއްވީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީއެއް ކަމުގައިވާ މއ. އިރުދޭމާގެ ނަސީމާ މޫސާއެވެ.
ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ ބޮޑު މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ހިންގި މަޝްރޫއެކެވެ. މިމަޝްރޫޢަށް ބޭރުގެ އެހީ ހޯއްދެވުމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އޮނަރަބްލް ޢަލީ ޢުމަރު މަނިކު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ޓީވީ މޯލްޑިވްސް ގާއިމު ކުރުމަށް 1976 އިން 1978 އަށް ހިނގި ބޮޑު މަޝްރޫޢުގެ ދަށުން، ޓީވީ މޯލްޑިވްސް ބިނާކުރީ ގަލޮޅު ފަޅުތެރެއިން ހިއްކުނު ޚާއްސަ ކޮށްޓެއްގައެވެ. (މިހާރު ބުރުޒުމަގާއި އަމީނީމަގާ ދެމެދުގައިވާ ހަތަރު ފަރާތުން މަގުހިމެނޭ ކޮށްޓެކެވެ.)
ޓެކުނިކަލް އާލާތްތަކާއި އެއިރު މާލޭގެ އެންމެ ދިގު އެންޓަނާއާއެކު ގިނަ ޓެކްނިކަލް ނުވަތަ އިންޖިނޭރިންގެ ކަންކަން ކުރެވި އަދި އެކަށޭނަ އިމާރާތެއް އެކޮށީގެ ތެރޭގައި މިބޮޑު މަޝްރޫއުގެ ދަށުން ބިނާކުރެވުނެވެ. އެއީ އެއިރަށް ބަލާއިރު ވަރަށް ބޮޑެތި މަސައްކަތްތަކެކެވެ.
މިބޮޑު މަޝްރޫޢުގެ އިންޖިނޭރިންގެ މަސައްކަތްތައް ކުރެއްވީ ޖަޕާނުގެ ޢިލްމީ ޢަމަލީ ތަޖުރިބާކާރު މާހިރުންނެވެ. ދިވެހީންގެ ތެރެއިން މިބޮޑު މަޝްރޫޢުގެ އިންޖީނިއަރިންގެ ކަންކަމުގައި ޢަމަލީގޮތުން އިސްވެހުންނެވީ ސަރުކާރުގެ އިސް އިންޖިނޭރު ހ. ހިކަރި އަޙްމަދު އާދަމެވެ.
ޓީވީ މޯލްޑިވްސްގެ ޚިދުމަތް ފެށީ 29 މާރިޗު 1978 ގައުމީ މިނިވަން ދުވަހުގެ ރަސްމީ އިޙުތިފާލުތަކުގެ ތެރެއިން އެ ދުވަހުގެ ރޭ ބޭއްވޮ ޚާއްޞަ އިހުތިފާލެއްގައެވެ. މި ޚިދުމަތް އިފުތިތާހުކޮށްދެއްވީ އޮނަރަބްލް އިބްރާހީމް ޝިހާބެވެ.
އެ ރޭ ނުވައެއް ޖެހިއިރު ރާއްޖޭގެ ޓީވީގެ ފުރަތަމަ މަންޒަރަކަށް ފެނުނީ ދިވެހިރާއްޖޭގެ ޤައުމީ ދިދައެވެ.
މި އިހުތިފާލްގަައި، ޓީވީ މޯލްޑިވްސް ގާއިމު ކުރުމުގެ ބޮޑު މަޝްރޫޢު (1976 – 1978)ގެ އިންޖިނޭރިންގެ މަސައްކަތްތައް ކުރެއްވި ޖަޕާނުގެ ޢިލްމީ ޢަމަލީ ތަޖުރިބާކާރު މާހިރުންނާއި، ދިވެހީންގެ ތެރެއިން މި މަޝްރޫޢުގެ އިންޖީނިއަރިންގެ ކަންކަމުގައި ޢަމަލީގޮތުން އިސްވެހުންނެވީ ސަރުކާރުގެ އިސް އިންޖިނޭރު ހ. ހިކަރި އަޙްމަދު އާދަމު ބައިވެރިވެވަޑައިގަތެވެ. އަދި ޓީވީ މޯލްޑިވްސްގެ އިސްވެރިޔާ އަންނަބީލާ ޢާއިޝަތު އިބްރާހީމް ދީދީއާއި، ޓީވީ މޯލްޑިވްސްގެ ފުރަތަމަ ވެރިޔާ ނަސީމާ މޫސާ މި އިހުތިފާލުގައި ބައިވެރިވެވަޑައިގެން ރަސްމީ ކަންކަން ކުރެއްވިއެވެ. އަދި އެއިރުގެ ނޫސްވެރިން ވެސް މި އިހުތިފާލުގައި ބައިވެރިވިއެވެ.



advertisment