ހދ. ނޮޅިވަރަންފަރު، މޫސާ އެދުރުކަލޭފާނަކީ މީލާދީން 16 ވަނަ ގަރުނުގައި ދުނިޔޭގައި އުޅުއްވި ބޭކަލެކެވެ. "ނޮޅިވަރަންފަރު އެދުރުކަލޭފާނު"ގެ ނަމުން ދިވެހި ތާރީޚުގައި މަޝްހޫރުވެފައިވާ މި ޝަޚްޞިއްޔަތަކީ ނުޖޫމީ ޢިލްމާއި ނަކަތްތެރިކަމާއި ފަންޑިތަވެރިކަމާއި ހިސާބު ޢިލްމުގައި ފުންނާބުއުސް އެދުރުބޭކަލެކެވެ. މިއީ ޕޯޗްގީޒުންނާ ދެކޮޅަށް އައްސުނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ކުރެއްވި ޖިހާދުގައި ވަރަށް މަތީ ދަރަޖައަކަށް އެހީތެރިވެ ދެއްވައި އެއްބާރުލުން ދެއްވި ބޭކަލެކެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނަކީ ބޮޑުތަކުރުފާނަށް ކިޔަވައިދެއްވި ބޮޑުތަކުރުފާނުގެ ބައްޕަ ފަރާތުގެ ބޮޑު ބޭބޭފުޅެކެވެ.
ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ ނަންފުޅަކީ މޫސާއެވެ. ފުރިހަމަ ނަންފުޅަކީ މޫސާ އެދުރުކަލޭފާނެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ ބައްޕައަކީ ބާރަށު ކަޅު ޙަސަން ކަލޭގެއެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނު ނޮޅިވަރަންފަރު ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ދިރިއުޅުއްވީ ނޮޅިވަރަންފަރުގައެވެ.
ނޮޅިވަރަންފަރު އެދުރުކަލޭފާނަކީ 01 ޝައުބާން 965 (19 މޭ 1558) ގައި ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރިއިރު ދިވެހިރާއްޖޭގެ އުތުރުގައި ތިއްބެވި އެންމެ ނުފޫޒުގަދަ ތިން ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަނެއް ދެ ބޭފުޅުންނަކީ އުތީމު ޙުސައިން ޚަތީބު ތަކުރުފާނާއި ބާރަށު ކަތީބު ތަކުރުފާނެވެ. މި ތިން ބޭފުޅުންނަކީ ޢާއިލީގޮތުން ވަރަށް ތިމާގެ ތިންބޭފުޅުންނެވެ. އުތީމު ޙުސައިން ޚަތީބު ތަކުރުފާނުގެ ބައްޕާފުޅު ކަޅު ޢަލީ ޚަޠީބު ތަކުރުފާނާއި ބާރަށު ކަތީބު ތަކުރުފާނާއި ނޮޅިވަރަންފަރު އެދުރުކަލޭފާނަކީ ތިންބެއިންނެވެ. މީގެތެރެއިން އެންމެ ހަގީ ނޮޅިވަރަންފަރު އެދުރުކަލޭފާނެވެ. މި ތިން ބެއިންގެ ބައްޕައަކީ ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ބާރަށު ކަޅު ޙަސަން ކަލޭގެއެވެ.
ބޮޑުތަކުރުފަނަކީ ކަޅު ޙަސަން ކަލޭގެގެ، ކަޅުޢަލީ ޚަތީބު ތަކުރުފާނުގެ، ޙުސައިން ޚަތީބު ތަކުރުފާނު، އިހަވަންދޫ ކައްޕީނި ތަކުރުފާނުގެ އައިމިނާ ދިޔޯއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ ތެރެއިން ދޮށީ ބޭފުޅާއެވެ. އަނެއް ބޭފުޅަކީ ބޮޑުތަކުރުފާނުގެ ކޮއްކޯފުޅު ޙަސަން ތަކުރުފާނެވެ. ބޮޑުތަކުރުފާނުގެ ބޭބޭފުޅު ޢަލީ ތަކުރުފާނާއި ދައިތާފުޅު ފާތުމާފާނަކީ ބައްޕާފުޅު (އުތީމު ޙުސައިން ޚަތީބު ތަކުރުފާނު) މާރަންދޫ ތޭރަވާ މުދިންކަލޭފާނުގެ ދަރިކަނބަލަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ.

ނޮޅިވަރަންފަރަކީ ބޮޑު ތިލަދުންމަތީގައި ޒަމާނުއްސުރެ ވާރުކުރަމުން އައި ރަށެކެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރުމަށްފަހު ތިލަދުންމަތީގެ ވާރުކުރާ ރަށެއްކަމުގައި އަދި ދިވެހިރާއްޖޭގެ އުތުރުގައި ޕޯޗްގީޒުން ތިބޭ މައި މަރުކަޒެއްގެ ގޮތުގައި އެ އަތޮޅު ބާރަށް ހަމަޖެއްސިއެވެ. ޕޯޗްގީޒުންގެ އިސް އޮފިސަރެއްގެ ގޮތުގައި ވިޔަޒޯރު ގޮސް "އަތޮޅުވެރިކަން" ކުރީ ބާރަށުގައެވެ.
ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަށް ނޮޅިވަރަންފަރު އެދުރުކަލޭފާނު ޢިލްމީގޮތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެވިއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ކަޅުއޮށްފުންމި ބެންނެވުމަށް ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅަށް ދެއްވި އެހީތެރިކަމެވެ. އުތީމު ތިންބެއިން ކަޅުއޮށްފުންމި ބެންނެވުމުގެ މަސައްކަތް ފެށްޓެވިއިރު ނޮޅިވަރަންފަރުގައި އެދުރުކަލޭފާނާއި އެދުރުކަލޭފާނުގެ އަނބިކަނބަލުން ފިޔަވައި ހުރިހާ އެންމެން ވެސް ތިބީ ޕޯޗްގީޒުންގެ ބަހަށް ހެއްލި، އެ މީހުންގެ ގޮތުގައެވެ. އެ ހާލަތުގައި އުތީމު ތިންބެއިންނަށް ނޮޅިވަރަންފަރަށް ވަޑައިގެން އެދުރުކަލޭފާނާ ބައްދަލުކުރައްވައި ސިއްރު މަޝްވަރާތައް ބޭއްވެވުންވީ ވަރަށް ދަތި އުނދަގޫ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން އެ ރަށަށް ވަޑައިގަންނަވަނީ ރޭގަނޑު މީހުން ނިދީމައެވެ. މިގޮތުން ކުރެއްވި އެއް ދަތުރަކީ ކަޅުއޮށްފުންމި ބެންނެވުމުގައި ކަންތައްތައް ކުރައްވާނެ ގޮތުގެ ޢިލްމީ މަޝްވަރާ ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެވެ. ކަޅުއޮށްފުންމި ބެންނެވުމަށް ކުރެވުނު ހުރިހާ މަސައްކަތެއްގައާއި ކަޅުއޮށްފުންމި ބަންނަވައި ނިމިގެން ބޭލެއްވުމުގެ ހުރިހާ ކަމެއްގައި ވެސް ކަންކަން ކުރާނެ ރަނގަޅު އިރުވަރުބައްލަވައި ކަންކުރަންވީ ވަގުތާއި ސާޢަތްތައް ބުނެދެއްވައި އިރުޝާދު ދެއްވީ ނޮޅިވަރަންފަރު އެދުރުކަލޭފާނެއެވެ. މި ދުވަސްވަރު އެދުރުކަލޭފާނުގެ އަރިހުން އެކަންކަމުގެ ޢިލްމުތައް ބޮޑުތަކުރުފާނު ދަސްފުޅުކުރެއްވިއެވެ. އިރުވަރު ބެލުމަކީ ކަމެއްކުރާން ނަކަތްތެރިކަމާ ގުޅުވައިގެން ބަލާ ވަގުތެވެ.
އެދުރުކަލޭފާނާ ބައްދަލުކުރައްވަންވުމުން އުތީމު ތިން ބެއިން ދަތުރު ހައްދަވައިގެން ރޭގަނޑު ނޮޅިވަރަންފަރަށް ވަޑައިގަންނަވައެވެ. ރޭގަނޑު މީހުން ނިދައި ރަށުތެރެ ހިމޭންވީމާ ނޮޅިވަރަންފަރަށް ވަޑައިގެން އެއްވެސް މީހަކަށް ނުފެންނާނެހެން އެދުރުކަލޭފާނުގެ އެގޭ ދޮށަށް ވަޑައިގެން އެދުރުކަލޭފާނަށް ސިއްރުސިއްރުން ގޮވާލައްވައެވެ. އެ ބޭފުޅުންގެ އަޑު ޖެހުމާއެކު ކޮންމެ ފަހަރަކު ވެސް އެދުރުކަލޭފާނަށް އުތީމު ތިންބެއިން އެނގިވަޑައިގަންނަވައެވެ. އަވަސް އަވަހަށް ގެއަށް ވައްދަވައި އެ ބޭފުޅުން އެ ދުރުވި މުހުތާދެއް އޮޅުއްފިލުއްވައިދެއްވާފައި އެކަމެއް ކުރައްވަންވީ ގޮތުގެ ލަފައާއި އިރުޝާދު ދެއްވާފައި ސިއްރިޔާތުގައި ފުރުވާލައްވައެވެ.
ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރެއްވުމަށް ގަސްތުކުރައްވައިގެން ބޮޑުތަކުރުފާނު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ ކަޅުއޮށްފުންމި ބެންނެވުމެވެ. ޤައުމީ ޖިހާދު ކުރެއްވުމަށް ޓަކައި ބޮޑުތަކުރުފާނު ބޭނުންފުޅުވާގޮތަކަށް ދޯންޏެއް ބަނުމަށް ގަސްތުކުރައްވައި އެންމެ ފުރަތަމަ ކުރެވި މަސައްކަތަކީ ރުއްކެނޑުމެވެ. މި ދޯނި ބަނުމަށް ފުރަތަމަ ރުއް ނުވަތަ ނަކަތުރުއް ކަނޑާނެ އިރުވަރެއް ބޮޑުތަކުރުފާނު އޮޅުންފިލުއްވެވީ ވެސް ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ އަރިހުންނެވެ. އިރުވަރު ބައްލަވައި އެދުރުކަލޭފާނު ވިދާޅުވިއެވެ. "މާދަމާ އިރުއަރައި ހަތް ފިވަޅުގައި ނަކަތުރުއް ކަނޑުއްވާށެވެ." ބޮޑުތަކުރުފާނު ދެންނެވިއެވެ. "އެދުރުކަލޭފާނުން ނޭވެއެވެ. ނަކަތުރުއް ކަނޑާލީ ކޮން ރަށަކުންތޯއެވެ؟" އެދުރުކަލޭފާނު ވިދާޅުވިއެވެ. ނާގޯށިންނެވެ. ބޮޑުތަކުރުފާނު ދެންނެވިއެވެ. ނާގޯށިން ނަކަތުރުއް ކަނޑަށް ތިޔަ ވިދާޅުވީ ކީއްވެގެންތޯއެވެ. ދުވަސްވީ މީހުން ބުނާ އަޑު އަހަމެވެ. ނާގޯއްޓާއި ކަނަމަނައަކީ އެއްވެސް ނިވައިކަމެއް ނެތް ދެ ރަށެވެ. އެދުރުކަލޭފާނު ވިދާޅުވިއެވެ. ބޮޑުތަކުރުފާނު އަޑު އައްސަވާފައި ތިޔަވަނީ ރަނގަޅަކަށް ނޫނެވެ. އަޅުގަނޑު މުސްކުޅިން ބުނާތީ އަޑު އަހާފައި އޮންނަނީ ނާގޯށިން ނަކަތުރުއް ކެނޑީވިއްޔާ ނާގޯށި ކަނޑަށް ނިވައެވެ. ކަނަމަނައިން ނަކަތުރުއް ކެނޑީވިއްޔާ ކަނަމަނަ އުޑަށް ނިވައެވެ. ބޮޑުތަކުރުފާނު ސުވާލު ކުރެއްވިއެވެ. ނަކަތުރުއް ކަނޑާނީ ނާގޯށީގެން ކޮން ހިސާބަކުންތޯއެވެ. ނޮޅިވަރަންފަރު އެދުރުކަލޭފާނު ވިދާޅުވިއެވެ. އެރަށުގެ އަރާ މުރިގުން ރުއްކަނޑުއްވަން ފައްޓަވާށެވެ.
އަރާމުރިނގަކީ އިރުއަރާ ފަރާތެވެ. އޮއްސޭ މުރިނގަކީ އިރުއޮއްސޭ ފަރާތެވެ. ދެން އޮންނަ އަނެއް ދެ މުރިނގަކީ މުރިނގުއީރާނާއި މުރިނގު އަސްތަމާނެވެ. މުރިނގު އީރާނަކީ ނިޔަމިކަމުގެ އިޞްތިލާޙުގައި ދުނިޔެ އުތުރާ ދެކުނުން ބައިކޮށް އިރުމަތީ ފަޅިޔަށް ދިވެހިން ކިޔާގޮތެވެ. މުރިނގު އަސްތަމާނަކީ ސަމުގާގެ މިސްރާބު ކިޔާއިރު ހުޅަނގުފަރާތުގެ މިސްރާބުތަކަށް ކިޔާގޮތެވެ. އިރުއަރާ ހަތް ފިޔަވަޅަކީ ހިޔަނީގައި ހަތް ފިޔަވަޅު ހުންނަ ހިސާބަށް އިރު އެރުމެވެ. އެއީ ގާތްގަނޑަށް ހެނދުނު ނުވައެއް ޖަހާ އެހާކަންހާއިރެވެ.

ކަޅުއޮށްފުންމި ބަންނަން ފައްޓަވަންވެގެން އެ މަސައްކަތް ފަށްޓަވާނެ އިރުވަރެއް އޮޅުންފިލުވުމަށް ވެސް ބޮޑުތަކުރުފާނު ވަޑައިގެންނެވީ ނޮޅިވަރަންފަރު އެދުރުކަލޭފާނު އަރިއަހަށެވެ. އެދުރުކަލޭފާނު ބޮޑު ފޮތެއް ނަންގަވައި ބެއްލެވުމަށްފަހު ބުނުއްވިއެވެ. "ތިޔަ ބޭކަލުން ތިޔަ ބުނުއްވާ ގޮތުންވިއްޔާ މާދަމާ އިރުއަރައި ހަތްފިޔަވަޅުގައި އޮޑީގެ މެދުކަމަޅި ބަހައްޓައި، މެދު ފަށަންގަނޑު ތިއްބާތި އިނގޭތޯއެވެ."
ކަޅުއޮށްފުންމި ބަނުމުގެ ހުރިހާ ކަމެއް ބޮޑުތަކުރުފާނު ކުރެއްވީ ނޮޅިވަރަންފަރު އެދުރުކަލޭފާނުންގެ ލަފައާއި އިރުޝާދާ އެއްގޮތަށެވެ. އެ ދޯނި ބަނދެ ނިމުމުން ދޯނި ބަލާނެ އިރުވަރެއް އޮޅުންފިލުއްވަން ބޮޑު ތަކުރުފާނު ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ އަރިހަށް ވަޑައިގަތެވެ. އެދުރުކަލޭފާނު ދެއްވި ލަފާފުޅަކީ "މާދަމާ އިރުއަރައި ހަތްފިޔަވަޅުގައި އޮޑި ބާލާތި އިނގޭތޯއެވެ. އަދި ފަސްފިޔަވަޅުގެ ކުރިން އޮޑިޔައިގެން ފުރާތި އިނގޭތޯއެވެ." ކަޅުއޮށްފުންމީގެ މިކަންކަން ބޮޑުތަކުރުފާނު ކުރެއްވީ އެދުރުކަލޭފާނު ބުނުއްވި އިރުވަރުތަކުގައެވެ. އެއިން އިރުވަރެއް ކައްސާލައިގެން ނުދާގޮތަށް ވަރަށް ބޮޑަށް ބައްލަވައިގެންނެވެ.
ނޮޅިވަރަންފަރު އެދުރުކަލޭފާނު ވަނީ ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައެވެ. މި ޖިހާދު ފެށުނީ ވިޔަޒޯރާއި ޕޯޗްގީޒު ސިފައިންގެ ބަޔަކު ކަޅުއޮށްފުންމީގައި މަރާލުމަށްފަހުއެވެ. މިކަން ހިނގީ އުތީމު ތިންބެއިން ގޮވައިގެން މާލެ އައުމަށް އަދިރިއަދިރިން ވިޔަޒޯރަށް ފަތެއް ފޮނުވައިގެންނެވެ. އެ ފަތުގެ ވާހަކަ ވިޔަޒޯރުގެ ފަރާތުން ބޮޑު ތަކުރުފާނަށް ލިބިވަޑައިގަތުމާ އެކު އެއީ ކިހާ ނުރައްކާތެރި ފަތެއްކަން އެނގިވަޑައިގެންނެވިއެވެ. މި ފަތަކީ އުތީމު ތިންބެއިންނަށް މަސްއޮޑިއެއް ބަނދެދީގެން މާލޭން އުތުރުގައި ވިޔަޒޯރު ވެރިއަކަށްހުރެ، މާލޭގައި އޮތް ޕޯޗްގީޒުންގެ ވެރިކަމަށްވުރެ މާ ބާރުގަދަ ވެރިކަމެއް ކުރަން އުޅޭކަމަށް އަޑުތައް އިވިގެން ފޮނުވި ފަތެކެވެ. މި ފަތުގައި ވިޔަޒޯރަށް އަންގާފައި އޮތީ ޕޯޗްގީޒުންގެ ވެރިކަން ގަބޫލުކުރާނަމަ އުތީމު ތިންބެއިންނަށް ދާދިފަހުން ބަނދެދިން މަސްއޮޑީގައި އެ ތިންބެއިން ގޮވައިގެން މާލެ އައުމަށެވެ. ފަތުގައި މިހެން އޮތަސް އަނދިރިއަނދިރިން ބޭނުން ވަނީ އޭނާގެ ވެރިކަމަށް ބިރަކަށްވާތީ އުތީމު ތިންބެއިން ގަތުލުކުރުމަށެވެ.
މި ފަތާ ގުޅިގެން ވިޔަޒޯރާ އެކު މާލެ ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ވެސް ޚިޔާލާއި މަޝްވަރާ ހޯއްދަވަން ބޮޑުތަކުރުފާނު ވަޑައިގެންނެވީ ނޮޅިވަރަންފަރު އެދުރުކަލޭފާނު އަރިހަށެވެ. ބޮޑުތަކުރުފާނު ގޮސް ދެންނެވިއެވެ. "ވިޔަޒޯރު ކަރަށް ފިޔޮހި ޖަހާނެ އިރުވަރެއް ބުނެދެއްވާށެވެ."
މި ސުވާލު ކުރެއްވުމުން ނޮޅިވަރަންފަރު އެދުރުކަލޭފާނަށް މި ވިދާޅުވަނީ ކިހާވަރެއްގެ ކޮންފަދަ ވާހަކައެއްކަން އެނގިވަޑައިގެންނެވިއެވެ. މިއީ އޭރު ދިވެހިރާއްޖެ އިސްތިޢުމާރުކޮށްގެން ތިބި އަނިޔާވެރިންނާ ދެކޮޅަށް ޖިހާދު ފެށްޓެވުންކަން ވިސްނިވަޑައިގަތެވެ. ބޮޑުތަކުރުފާނުގެ އެ ސުވާލަށް ޖަވާބު ދެއްވުމުގެ ކުރިން ނޮޅިވަރަންފަރު އެދުރުކަލޭފާނު އުތީމު ތިން ބެއިންނަކީ އެފަދަ ނުރައްކާތެރި ޖިހާދަކަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުންނާއި ރޫޙާނީގޮތުން ކިހާވަރަކަށް ތައްޔާރުވެފައި ތިބިތޯ ބައްލަވާލައްވަން ބޭނުންފުޅުވިއެވެ.
އެދުރުކަލޭފާނު އެރޭ އުތީމު ބޮޑުތަކުރުފާނާއި ޙަސަން ތަކުރުފާނާ ދެ ބޭފުޅުން ގޮވައިގެން ނިކުންނެވީ ނޮޅިވަރަންފަރު ފުއްޓަރު މަގަކަށެވެ. އެއީ އެ ރަށު މީހުން ކިޔާ ފުރޭތައަރާ މަގެވެ. އެ މަގުގެ ކޮޅުގައި ހުންނަވައިގެން އުދަރެހުން ކޮންމެ ނަކަތެއް އެތީމާ އެއީ ކޮން ނަކަތެއްކަން އެދުރުކަލޭފާނު ވިދާޅުވެދެއްވަމުން ގެންދެވިއެވެ. އެގޮތަށް ތިއްބަވަނިކޮށް މެންދަމު ދިޔަވަރު ފޫދުންތަނާ އެ ރަށުގެ އުރަފަށުން ކަނޑާލި ރެދަންގަނޑެއް އެދުރުކަލޭފާނު ދެއްކެވިއެވެ. އަދި ދެންނެވިއެވެ. ކުރިން ވެސް ދެންނެވީމެއްނޫންތޯއެވެ. މިއީ މި ރަށު ފުރޭތައަރާ މަގެވެ. އެ އަންނަނީ ފުރޭތަ އަރައިގެންނެވެ. އެހެން ބުނުއްވުމުން އެއްވެސް ޖެހިލުމެއް ނުވެ، ޙަސަން ތަކުރުފާނު އަތަށް ހެޔޮވަރު ކަނޑޫ ދަނޑިއެއް ހިއްޕަވައިގެން ފުރޭތައާ ކުރިމަތި ލައްވަން ވަޑައިގެންނެވިއެވެ. ތޮށިމައްޗަށް ވަޑައިގެން ބެއްލެވިއިރު އެއީ އުރަފަށުގައި ހިކިގައި ހުރި ބޮޑު ގަލެކެވެ. ދިޔަވަރު ފޫދިގެން ގޮސް ރާޅުޖަހާފައި ރާޅު ދަމައިގަންނަން ފެށީމާ ރެދަން ލަނީއެވެ. ޙަސަން ތަކުރުފާނު އަތުގައި އޮތް ކަނޑޫ ދަނޑިން އެ ޖެއްސެވި ޖެއްސެވީނުން އުރަދަށަށް އެ ގާ ބިންދާލައި ވައްޓާވާލެއްވިއެވެ.
އުތީމު ތިން ބޭންގެ ޖެހިލުންކުޑަކަމާއި ބިރުކުޑަކަން އަމިއްފުޅަށް ތަޖުރިބާ ކުރެއްވުމަށްފަހު އުޑުމަތީގައި ހުރި ކަނަތްތަކުގެ ތަރިތައް ދައްކަވައި ޖިހާދު ފައްޓަވާނެ އިރުވަރު ކިޔައިދެއްވިއެވެ. އެއީ ވިޔަޒޯރު ކަރަށް ފިޔޮހި ޖަހާނެ އިރުވަރެވެ. އެދުރުކަލޭފާނު ނަކަތެއް އުޑުމަތިން ދައްކަވާފައި ވިދާޅުވއެވެ. މިހާރު އުދަރެހުން އަރައިގެން އެއަންނަ ނަކަތް މާދަމާ ރޭ މެދުޖެހޭނީ މިވެނި ދަމުގައެވެ. ވިޔަޒޯރުގެ ކަރަށް ފިޔޮހި ޖެހޭނީ އެވަގުތުގައެވެ. އެ ވަގުތުގައި ނޫނީ އޭނާގެ ގަޔަށް ލޮންސިއެއް ވެސް އަދި އުންޑައެއްވެސް ނުވައްނާނެއެވެ. އޭނާއަކީ ހިލަހުއްޕައިގެން ހުންނަ މީހެކެވެ. ނަކަތް މެދުޖެހޭއިރު އެސޮރެކޭ ގޮދަން ފުށްގަނޑެކޭ އެއްގޮތްވާނެއެވެ.
ކަޅުއޮށްފުންމީގެ ފަހުލަވާނުން ޖިހާދު ފަށްޓަވައި ދިވެހިރާއްޖޭގެ އުތުރުގެ އެކި ރަށްރަށަށް އަރުއްވައި އެ ރަށްރަށް ފަތަހަކުރައްވަން ފެށްޓެވިއެވެ. ދުޝްމަނުންނަށް ސިއްރިޔާތުގައި ކުއްލި ހަމަލާތައް ދެއްވައި ބޮޑެތި ގެއްލުންތައް ދެއްވަމުން ގެންދެވިއެވެ. އަދި ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ރަށްތަކާއި އަތޮޅުތައް ފަތަހަކުރައްވަމުން ގެންދެވިއެވެ. ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް ބޮޑު ތަކުރުފާނު ފެށްޓެވި ޖިހާދުގައި ތިލަދުންމަތިން އެންމެ ފުރަތަމަ ފަތަޙަ ކުރެއްވި ރަށްތަކުގެ ތެރޭގައި ނޮޅިވަރަންފަރު ހިމެނެއެވެ.
މިގޮތަށް ޖިހާދު ކުރިއަށް ގެންދަވަނިކޮށް ހުކުރުވިލޭރެއަކު ނޮޅިވަރަންފަރު އެދުރުކަލޭފާނަށް އާދަޔާ ޚިލާފު ހުވަފެނެއް ފެނިލެއްވިއެވެ. އެދުރުކަލޭފާނަށް ފެނިލެއްވީ މާލޭގައި ތިބި ދުޝްމަނުންނަށް ބޭނުންވާ ހަތިޔާރާއި މީހުން ތިބި ނަވެއް މާލެއަށް ދަތުރުކުރާތީއެވެ. ނިދިން ހޭފުޅުލައްވައިގެން ފިލާއަޅުއްވައި ބެއްލެވިއިރު އެ ނައު މާލެއަށް ބަނދަރު ކުރާނެކަމަށް ލަފާކުރެވޭ ވަގުތަކީ ބޮޑުތަކުރުފާނުގެ ޖިހާދަށް ރަނގަޅު އިރުވަރެއްކަމަކަށް ފެނިއެއް ނުލެއްވިއެވެ. އެހެންކަމުން މި މަޢުލޫމާތު ދެއްވުމަށް މިފަހަރު ބޮޑުތަކުރުފާނު ހޯއްދެވުމަށް ދަތުރު ފެށްޓެވިއެވެ. ކަނޑުމަތިން ކަޅުއޮށްފުންމިއާ ބައްދަލުކުރައްވައި އެދުރުކަލޭފާނު މި ޚަބަރު ދެއްވިއެވެ. ބޮޑު ތަކުރުފާނު އެ ނަވަށް ހުރަސްއެޅުއްވީ އެދުރުކަލޭފާނު ދެއްވި އިރުޝާދާ އެއްގޮތަށެވެ.
މީލާދީން 19 މޭ 1573 ގައި ބޮޑުތަކުރުފާނު ޕޯޗްގީޒުން ބަލިކުރައްވައި، ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްފަހު ތިލަދުންމަތީގައި ވާރުކުރާ ރަށެއްކަމުގައި ނޮޅިވަރަންފަރު ހަމަޖެއްސެވިއެވެ. ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަންކުރައްވައި، ދިވެހިރާއްޖޭގައި ޤާއިމުކުރެއްވި އިސްލާމީ ވެރިކަމުގެ ފަރާތުން ދެއްވި ފުރަތަމަ ވާރުފަތްކޮޅު ދެއްވީ ނޮޅިވަރަންފަރު އެދުރުކަލޭފާނަށެވެ. އެއީ ތިލަދުންމަތީ ވާރުވެރިޔާކަމުގެ ފަތްކޮޅެވެ. މިކަމުން ބޮޑު ތަކުރުފާނުގެ ހިތްޕުޅުގައި އެދުރުކަލޭފާނަށް އޮތް އިޙްތިރާމާއި އިތުބާރު ވަރަށް ބޮޑަށް އެނގިގެންދެއެވެ.

ތިލަދުންމަތީ ވާރުކުރާ ރަށަކީ ނޮޅިވަރަންފަރު ކަމުގައި ހަމަޖެއްސެވީ ބޮޑުތަކުރުފާނެވެ. އޭރު އޮތް ބޮޑު ތިލަދުންމައްޗަކީ އިހަވަންދިއްޕޮޅާއެކު މިހާރުގެ ހއ. އަތޮޅާއި ހދ. އަތޮޅު ހިމެނޭ ގޮތަށް އޮތް ބޮޑު އަތޮޅެކެވެ. ތިލަދުންމަތި ދެބަޔަކަށް ބައިކުރެއްވީ 21 މެއި 1958 ގައެވެ. ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) އާއި ތިލަދުންމަތީ ދެކުނުބުރި (ހދ. އަތޮޅު) ދެ އަތޮޅު ކަމުގައި ހަމަޖައްސަވައި ހދ. އަތޮޅުގައި އަތޮޅުވެރިކަންކުރާ ރަށެއްކަމުގައި ހަމަޖެއްސެވީ ނޮޅިވަރަންފަރެވެ. ތިލަދުންމަތީ ދެކުނުބުރީގެ އަތޮޅުގެ ވެރިކަން ހދ. ނޮޅިވަރަންފަރުން ހދ. ކުޅުދުއްފުށްޓަށް ސަރުކާރުން ބަދަލުކުރެއްވީ 6 މެއި 1992 ގައެވެ.

ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ އަވަހާރަވަންދެން ހުންނެވީ އެ މަގާމުގައި ދިވެހި ދައުލަތުގެ ވަރަށް މަތީ ޢިއްޒަތްތެރިއެއްގެ ގޮތުގައެވެ. އެދުރުކަލޭފާނު އަވަހާރަވުމާ ހަމައަށް ދިރިއުޅުއްވީ ނޮޅިވަރަންފަރުގައެވެ. އަވަހާރަވުމުން ފަސްދާނުލާފައި ވަނީ ނޮޅިވަރަންފަރުގައި ހުންނަ ކުރީގެ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައެވެ. އެދުރުކަލޭފާނުގެ މަހާނަކޮޅު ވަށައިގެން ފާރު ރާނައި މަތި ހިޔާކޮށް، އެތަން ހުރީ ޒިޔާރަތެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން ހުރީ ހަމައެކަނި މަގުބަރާގެ ފާރުގަނޑެވެ. މި މަގުބަރާއާ މާދުރު ނޫން ހިސާބެއްގައި މަޣުރިބުކަރަ (މޮރޮކޯ) ގެ ޢިލްމުވެރިއެއްކަމަށްވާ އައްސައްޔިދު މުޙައްމަދު މަޣުރިބީގެ ޒިޔާރަތް ހުރެއެވެ. މި ޒިޔާރަތަކީ ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ ޒިޔާރަތްކަމަށް ނޮޅިވަރަންފަރަށް ޒިޔާރަތްކުރާ ބައެއް މީހުންނަށް ހީވެއެވެ.

ނޮޅިވަރަންފަރު އެދުރުކަލޭފާނުގެ ޒިޔާރަތާއި އައްސައްޔިދު މުޙައްމަދު މަޣުރިބީގެ ޒިޔާރަތުގެ ތެރެއިން މީހުން އިހުތިރާމުކޮށް ނަދުރުބުނެ ބޮޑަށް އުޅުނީ އޭރުގެ މީހުން ވަލީވެރި ބޭކަލެއްކަމަށް ބުނެއުޅުނު އައްސައްޔިދު މުޙައްމަދު މަޣުރިބީގެ ޒިޔާރަތަށެވެ. ނޮޅިވަރަންފަރު ކައިރިން ދަތުރުކުރާ އޮޑިދޯނިފަހަރު ވެސް އެ ޒިޔާރަތަށް އިހުތިރާމު އަދާކުރުމުގެ ގޮތުން މައި ރިޔަލުގެ އިތުރުން އެހެން ރިޔަލެއް ނަގާފައި ހުރި ނަމަ އެ ރިޔަލެއް ތިރިކުރެއެވެ. އަދި ޒިޔާރަތަށް ނަދުރުބުނުންފަދަ އޭރު މިފަދަ ޒިޔާރަތްތައްދޮށުގައި ކުރާ ޚުރާފާތުގެ ގިނަ ކަންތައްތަކެއް މި ޒިޔާރަތްދޮށުގައި ވެސް ކޮށްއުޅުނެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment