ދިވެހީން ފާހަގަކުރާ ޤައުމީ މުނާސަބަތުތަކާއި ދުވަސްތަކުގެ ތެރެއިން ހުރަވީ ދުވަހާއި ޝަހީދުންގެ ދުވަސް ފާހަގަ ކުރެވެނީ "ނޭނގި ތިއްބައި ކުއްލިއަކަށް އަންނަ" ދެ ދުވަހުގެ ގޮތުގައެވެ. އަދި މިއީ ކިތަންމެ މުހިންމު ދެ ދުވަހަށް ވިޔަސް މި ދެ ދުވަސް ވެސް ފެންނަނީ މި ދެ ދުވަސް ނިސްބަތްވާ ދެ ބަޠަލުންނަށް ވުރެ އަދި އެ ބަޠަލުންގެ ޤައުމީ ޚިދުމަތަށްވުރެ މާ ބޮޑަށް ވެސް "ފަނޑު" ދެ ދުވަހުގެ ގޮތުގައެވެ. މިއީ ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ދުވަސްތަކުގެ ތެރެއިން މީޑިއާތަކާ ވެސް ވަރަށް ބީރައްޓެހި ދެ ދުވަސްހެން ހީވެއެވެ. އެންމެ ކުޑަމިނުން ޓީވީއެއްގެ ކަނަކުން ވެސް މި ދެ ދުވަހުންކުރެ ދުވަހެއް އަންނަކަމެއް ގިނަ ފަހަރަށް ނޭނގެއެވެ.
މިކަމުގެ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ މި ދެ ދުވަހަކީ ސަރުކާރު ބަންދު ދުވަހަށް ނުވުމެވެ. ސަރުކާރު ބަންދު ދުވަހެއް ވިއްޔާ ގިނަ ބަޔަކަށް އެ ދުވަހެއް ފާހަގަ ކުރެވޭނެއެވެ. ކަލަންޑަރުގައި ވެސް ރަތްކުލައިން އެ ދުވަސް ފަވައިފައި އޮންނާނެއެވެ. އެކަމަކު ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެ ޤައުމެއްގައި ފާހަގަކުރާ މިފަދަ ހުރިހާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫނެވެ. ސަރުކާރު ބަންދު ނުކުރާތީ އޮންނަ ފައިދާތަކެއް ވެސް ހުރެވެއެވެ. މީގެ އެންމެ ބޮޑު ފައިދާއަކީ ސްކޫލުތަކުގެ ފެންވަރުގައި ޚާއްޞަ އެސެންބްލީތައް ސީދާ އެ ދުވަހު ބޭއްވުމުގެ ފުރުސަތުތައް ސްކޫލްތަކަށް ލިބިގެންދިއުމެވެ. މިއަދު އޮފީހަށް އައި މަގުމަތީގައި މާލޭގެ ދެ ސްކޫލެއްގެ އެސެންބްލީ އަޑު އިވުނެވެ. އެއް ސްކޫލަކުން އަޑު އިވުނީ ހުރަވީ ދުވަހާ ބެހޭ ގޮތުން ދަރިވަރަކު ވާހަކަދައްކާ އަޑެވެ. އަނެއް ސްކޫލަކުން އިވުނީ މުދައްރިސަކު ނުވަތަ ޚާއްޞަ މެހުމާނަކު މި ދުވަހާ ބެހޭ ގޮތުން ވާހަކަ ދައްކަވާ އަޑެވެ.
ހުރަވީ ދުވަހާއި ޝަހީދުންގެ ދުވަސް ނޭނގި ތިއްބައި ކުއްލިއަކަށް އަންނަހެން ހީވާ އަނެއް ސަބަބަކީ މިއަދުގެ ޖީލު ހިޖުރީ ކަލަންޑަރަށް ބީރައްޓެހިވުމެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކަހަލަ ގޮތަކަށް ބޭނުން ކުރެވެނީ މީލާދީ ކަލަންޑަރެވެ. ހިޖުރީ ކަލަންޑަރުން މި ދުވަސްތައް ފާހަގަކުރުމުން ހީވަނީ އަހަރުގެ އެކި ހިސާބުތަކުގައި މި ދުވަސް އަންނަހެންނެވެ. މިއީ ހިޖުރީ ތާރީޚާއި މީލާދީ ތާރީޚު ސާފުކޮށް އެނގެން ހުރި ތާރީޚީ ހާދިސާތަކަށް ވީމާ މީލާދީ ކަލަންޑަރުން މި ދުވަސްތައް ފާހަގަ ކުރެވިދާނެއެވެ. އޭރުން މިއަދުގެ ޖީލަށް މި ދުވަސްތައް ފާހަގަކުރަން ފަސޭހަވެދާނެއެވެ.
ކޮންމެއަކަސް އެނގޭ ކަމަކީ ދިވެހިރާއްޖޭގެ ފަޚުރުވެރި ހުރަވީ ދުވަހާއި ފަޚުރުވެރި ޝަހީދުންގެ ދުވަސް ފާހަގަކުރެވޭ ގޮތް ބައެއް އަހަރުތަކުގައި ވަރަށް ފަނޑުކަމެވެ. އޮފީސްތަކާއި މުއައްސަސާތަކުގައި ފިރިހެނުންގެ ދުވަހާއި އަންހެނުންގެ ދުވަހާއި ތަފާތު ޚިދުމަތްތެރިންނަށް ޚާއްޞަ ދުވަސްތައް ފާހަގަކުރެވޭ ވަރަށްވެސް މި ދެ ދުވަސް ފާހަގަ ކުރެވޭތީ ބައެއް ފަހަރު ނުފެނެއެވެ.
އަޅުގަނޑުމެން މި ފަދަ ޤައުމީ މުހިންމު ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އެ ދުވަސްތައް ނިސްބަތްވާ ބޭފުޅުންނާއި އެ ދުވަސްތަކާ ގުޅިފައިވާ ތާރީޚީ ހާދިސާތަކާއި އެ ދުވަސްތަކުގެ ޒިކުރާ އާކުރުމެވެ. ޤައުމު ދުށް އަގުހުރި ޤައުމީ އަބްޠާލުންގެ ޤުރުބާނީއާއި ޚިދުމަތުގެ އަގު ވަޒަންކުރުމެވެ. އެ ބޭފުޅުންގެ ހިތްވަރުން ހިތްވަރު ލިބިގަނެ، ޤައުމައިގެ ކުރިއަށް ދިއުމުގެ ޢަޒުމު އާކުރުމެވެ. ޤައުމީ ރޫޙާއި ޤައުމީ ލޯބި ޤައުމުގެ ދަރިންގެ ހިތްތަކުގައި ބިންވަޅު ނަގައި ދިރުވާ އާލާކުރުމެވެ.
މިހާރު ޤައުމީ މުނާސަބަތުތަކާއި ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ދުވަސްތައް ހުންނަނީ ގިންތި ކުރެވިފައެވެ. ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ދުވަސްތަކުގެ ތެރެއިން ހުރަވީ ދުވަހާއި ޝަހީދުންގެ ދުވަހަކީ ސަރުކާރު ބަންދުކޮށްގެން ފާހަގަ ކުރެވޭ ދަރަޖައިގައި ހިމެނޭ ދެ ދުވަހެއް ނޫނެވެ. ސަރުކާރު ބަންދުކޮށްގެން ޤައުމީ ފެންވަރުގައި ފާހަގަ ކުރެވޭ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ޤައުމީ ދުވަސްތަކަކީ ޤައުމީ ދުވަހާއި މިނިވަންދުވަހާއި ނަޞްރުގެ ދުވަހެވެ.
ފޮޓޯ: ރައީސް އޮފީސް
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment