އިސްރާއީލުން ކުރަމުންދާ ޣައްޒާ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޓަކައި އެމެރިކާގެ ރައީސް ބައިޑްނާއި މިޞްރުގެ ރައީސް ސީސީއާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވެ ވަޑައިގަންނަވާ ސަމިޓެއް މާދަމާ އުރްދުންގައި ބޭއްވޭނެ ކަމަށް އުރްދުންގެ ރަސްގެފާނު ދެވަނަ ޢަބްދުﷲގެ އޮފީހުން ބުނެފިއެވެ.
އުރްދުންގެ ބަތުރާ ނޫސް އޭޖެންސީ ބުނާގޮތުގައި ޢަބްދުﷲ ރަސްގެފާނުގެ ދަޢުވަތަށް މި ރައީސުން އުރްދުންގައި ހޭދަކުރައްވާ ވަގުތުތަކުގައި ވަކިވަކިން ދޭދޭބޭފުޅުންގެ ސަމިޓްތައް ބާއްވަވާނެއެވެ. މި ބޭބޭފުޅުން މަޝްވަރާކުރައްވާނީ ޣައްޒާ ހަނގުރާމައާއި މި ހަނގުރާމައިގެ ސަބަބުން ސަރަޙައްދަށް ކުރަމުންދާ ނުބައި އަސަރާއި މި ހަނގުރާމަ ފުޅައުވެގެން ދިޔަނުދިނުމަށް ޓަކައި އަޅަންވީ ފިޔަވަޅުތަކާމެދުއެވެ. މީގެ އިތުރަށް ޣައްޒާއަށް ބޭނުންވެފައިވާ އިންސާނީ އެހީތައް އެ ސަރަޙައްދަށް ވެއްދުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވެސް މަޝްވަރާކުރައްވާނެއެވެ. ބަތުރާ ނޫސް އޭޖެންސީ ބުނާގޮތުގައި މެދުއިރުމަތީގެ ޞުލްޙަޔާ ބެހޭގޮތުން ވެސް މި ބޭބޭފުޅުން މަޝްވަރާކުރައްވާނެއެވެ.
ބަތުރާ ނޫސްއޭޖެންސީ ބުނާގޮތުގައި ޢަބްދުﷲ ރަސްގެފާނު މިޞްރާއި އުރްދުނާއި ފަލަސްޠީނުގެ ސަމިޓެއް ބޭއްވެވުމަށްފަހު އެމެރިކާ، މިޞްރު، އުރްދުން، ފަލަސްޠީނުގެ ސަމިޓެއް ބާއްވަވާނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑްން އުރްދުނަށް ވަޑައިގަންނަވާނީ އިސްރާއީލަށް ޒިޔާރަތްކުރެއްވުމަށް ފަހުގައެވެ. އޭނާ ފަސް ގަޑިއިރު އިސްރާއީލުގައި ހޭދަކުރެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ އުރްދުނަށެވެ.
ރައީސް ބައިޑްން މާދަމާ އިސްރާއީލަށް ވަޑައިގަންނަވާނީ ޤުދުސް ގަޑިން ހެނދުނު 7:00 ގައެވެ. އޭނާ އިސްރާއީލުން ފުރާވަޑައިގަންނަވަނީ ޤުދުސް ގަޑިން 12 ޖަހާއިރުއެވެ. ރައީސް ބައިޑްން އިސްރާއީލަށް ވަޑައިގަންނަވާނީ ބެން ގޯރިއަން ވައިގެ ބަނދަރުންނެވެ. ރައީސް ބައިޑްން އިސްރާއީލުގެ ރައީސް އިސްޙާޤު ހަރޓްޒޮގާއި ބޮޑުވަޒީރު ނަތަންޔާހޫއާ ބައްދަލު ކުރައްވާނެއެވެ. ބައިޑްން އިސްރާއީލަށް މި ވަޑައިގަންނަވަނީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ޙަމަލާގައި އެމެރިކާއިން އެއްވެސް ހިފެހެއްޓުމެއްނެތި ތާއީދުކުރާކަމާއި އެއްބާރުލާކަން ހާމަކުރެއްވުމަށް ޓަކައެވެ.
އިސްރާއީލުން މިއަދު ވަނީ ޣައްޒާއާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށްފައެވެ. މި ޙަމަލާތަކުގެ އަމާޒަކީ ޣައްޒާގެ އުތުރާއި އިރުމަތީ ރަށްތަކެވެ.
ރައީސް ބައިޑްން އިސްރާއީލުން ދެން ވަޑައިގަންނަވާނީ އުރްދުނަށެވެ



advertisment