ޙަމާސްގެ ބެލުމުގެ ދަށުގައި އިސްރާއީލުގެ 200 އަސީރުން އެބަތިބި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. ޤައްސާމު ފައުޖުގެ ތަރްޖަމާން އަބޫޢުބައިދާ ދާދިވަރުކޮށް ޓީވީއަށް ދެއްވި ބަޔާނެއް ބުނާގޮތުގައި ފަލަސްޠީނުގެ އެހެން ޖަމާޢާތްތަކުން އަސީރުކޮށްފައިވާ އިސްރާއީލީންނަށް ބަލާއިރު އިސްރާއީލުގެ އަސީރުންގެ ޖުމްލަ 250 އަށް ވުރެ މަދެއް ނުވާނެއެވެ.
އަބޫ ޢުބަދާ ވިދާޅުވިގޮތުގައި ޙަމާސުން އަސީރުންނާއެކު މުޢާމަލާތު ކުރަމުން މިދަނީ އަޚްލާޤާއި އިންސާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި "އެހެން ޤައުމުތަކުގެ ރައްޔިތުން ވެސް އަސީރުންގެ ގޮތުގައި އެބަތިއްބެވެ. އެއީ މެހެމާނުންނެވެ. ޙާލަތު ތަންދިނުމުން އެމީހުން ދޫކޮށްލާނަމެވެ. "އޭނާ އެހެން ޤައުމުތަކުގެ މީހުންނަށް އިސްރާއީލާއެކު ހަނގުރާމަ ނުކުރުމަށް ގޮވައިލެއްވިއެވެ."
އޭނާ ހާމަކުރެއްވި ގޮތުގައި އިސްރާއީލުން ޣައްޒާއަށް މެދުކަނޑައިނުލާ ދެމުންދާ ބޮމުގެ ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އަސީރުންގެ ތެރެއިން 22 މީހަކު މަރުވެއްޖެއެވެ. އިސްރާއީލުގެ އަސީރުންގެ ތެރެއިން އެންމެފަހުން މަރުވި މީހަކީ ގައި އޮލިވްޒް ނަމަކަށް ކިޔާ 26 އަހަރުގެ ފަންނާނެކެވެ.
އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަސީރުންގެ ފައިލާ ބެހޭގޮތުން ތަދައްޚުލުވާން ބޭނުންވާ ފަރާތްތަކަށް ބުނަލަން ބޭނުންވަނީ މި ފައިލް ފަލަސްޠީނުގެ ކޮންމެ ގެއަކަށް ކޮންމެ ޢާއިލާއަކަށް އުފާވެރިކަން ގެނެސްދޭ ފައިލަކަށް ހަދާނަމެވެ."
އެތައް ހާސް ބަޔަކު މަގުމަތިވެފައި
އިސްރާއީލުން ޣައްޒާއަށް އަޅަމުންދާ ބާރުގަދަ ބޮންތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ތިބީ ބޯހިޔާވަހިކަމެއް ނެތި މަގުމަތީގައެވެ. އެމީހުންނަށް ފެނެއް ނުލިބެއެވެ. ކާއެތިކޮޅެއް ނުލިބެއެވެ. މި ކަމުގެ ސަބަބުން އެމީހުންގެ ޞިއްޙީ ޙާލަތާއި މަޢީޝަތީ ޙާލަތު ދަނީ ނުބައިވަމުންނެވެ.
ޚާން ޔޫނުސްގެ ނާޞިރު މެޑިކަލް އެކަޑަމީގެ އެތެރެއާއި ބޭރާއި ގޯތިތެރެ ވަނީ ފުރިބާރުވެފައެވެ. އިތުރު ބަޔަކަށް ޖާގައެއް ނެތެވެ. ފަރުވާ ބޭނުންވާ މީހުން ވެސް ތިބީ ކިޔޫގައެވެ. ބޭސްއަޅަން ބޭނުންވާ މީހުން ވެސް ތިބީ ކިޔޫގައެވެ. ފާޚާނާކޮށްލަން ބޭނުންވާ މީހުން ވެސް ތިބީ ދިގު ކިޔޫއެއްގައެވެ.
އުތުރުން ދެކުނަށް ފައިބާ މީހުން
އަނެއްކޮޅުން ޣައްޒާގެ ރަސްމީ މީޑިއާ އޮފީހުގެ ރައީސް ސަލާމާ މަޢުރޫފް ވިދާޅުވާ ގޮތުގައި އިސްރާއިލުން ހަދަމުންދާ ދޮގުތަކާ ޚިލާފަށް ޣައްޒާގެ އުތުރުން ދެކުނަށް ފޭބި މީހުންގެ ޢަދަދަކީ 70 ހާހެވެ. އިސްރާއީލުން އޭގެ ކުރިން ބުނިގޮތުގައި އުތުރު ޣައްޒާއިން 600 ހާސް މީހުން ފައިބައިގެން ދެކުނަށް ހިނގައްޖެއެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އަމާޒަކީ ޣައްޒާގެ ޢާންމު ޚިދްމަތްދޭ ވަސީލަތްތަކާއި ބިނާރުތަކާއި މީހުން ދިރިއުޅޭ ޢިމާރާތްތަކެވެ. މީގެއިތުރަށް އިސްރާއީލުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓާއި ހަކަތައާއި ގޭސް ކަނޑައިލައިފައެވެ.
އިސްރާއީލުގެ މި ޢުދްވާނުގެ ސަބަބުން ޣައްޒާއާއި ހުޅަނގު އައްސޭރިން މިހާތަނަށް ވަނީ 2،836 މީހުން ޝަހީދުވެ 11،181 މީހުން ޒަޚަމުވެފައެވެ.



advertisment