Support Us

ކޮލަމް: އަލި

ކޮލަމް އަލި: ދިވެހިބަހަށް ޚިދުމަތް ކުރުމަކީ ކޮބައިތޯއެވެ!

"ކަލޭ ދެން އެ ކަމާ މެދަށް ކުރީ ވަކި ކޮން ކަމެއް؟" މިއީ އިއްޔެ އަޅުގަނޑު ފޭސްބުކްގައި "ދިވެހިބަހަކީ ދިވެހި ގައުމިއްޔަތުގެ އާރާއި ބާރެވެ." މި މައުޒޫގެ ދަށުން ލިޔުނު ލިޔުމެއް ޝާޢިއުކުރިތާ ދޮޅުގަޑިއެއްހައި އިރު ވެސް ނުވަނީސް އެއީ ކާކު ކަން ނުދަންނަ މީހަކު އަޅުގަނޑަށް ކުރި ތިން މެސެޖުން އެއް މެސެޖެވެ. އަޅުގަނޑު އެ މީހަކަށް ވަކި ޖަވާބެއް ދީ އެއްވެސް އެއްޗެއް ނުބުނަމެވެ. ސަބަބެއް ވެސް އޮތީމައެވެ.

އަޅުގަނޑު ޝުޢޫރުފާޅުކުރަނީ ޚިޔާލުފާޅުކުރާން ލިބިދީފައިވާ ޤާނޫނީ މިނިވަންކަމުގެ އިމުގެ ތެރެއިންނެވެ. އަޅުގަނޑު ދަންނަވަން ޖެހޭ އެއްޗެއް ނަމަ ކޮންމެ ވަގުތަކު ވެސް، ކޮންމެ މީހެއް ގާތުގައި ވެސް ދަންނަވަމެވެ. ލިޔާން ޖެހޭ އެއްޗެއް ނަމަ ލިޔަން ވެސް ލިޔަމެވެ. އަޅުގަނޑަކީ މާމޮޅު ލިޔުންތެރިޔަކީމެއް ނޫނެވެ. އަދި މާ ބޮޑަށް ކަންކަމާ ފާޑުކިޔާން ދަންނަ ނާޤިދެއް ވެސް ނޫނީމެއެވެ. އެހެނަސް ވަގުތު ވީ މިންވަރަކުން ހިތަށް އަންނަ ޝުޢޫރާއި އެކިކަންކަމުގެ ޚިޔާލު އަޅުގަނޑު ލިޔަމެވެ. އަޅުގަނޑު ބަލަނީ އެކި އުސްލޫބު (ސްޓައިލް)ތަކުގައި ތަފާތު އެއްޗެހި އުފައްދައި ލިޔެވޭތޯއެވެ. ބައެއްފަހަރު ނަސަރު (ޕްރޯޒް)ގެ ގޮތުގައެވެ. އަނެއްބައިފަހަރު ވަޒަންބަހުރުވައިގެ (ޕޮއެމް) ގޮތުގައެވެ. ލިޔަނީ ވެސް އެފްބީގައެވެ. މުޅި ދުނިޔެއަށް ފެންނަ ގޮތަށް ވެސް މެއެވެ. ހެދުމެއް ފޮރުވުމެއް ނެތި އަޅުގަނޑަށް ފެންނަ ގޮތަކަށް ލިޔެ ހާމަކުރަނީއެވެ. މީހަކު އަޅުގަނޑުގެ އެފްބީ ހާވައިފި ނަމަ މި ދެންނެވި ބަހުގެ ތެދުކަން ހާމަވާނެއެވެ.

އަޅުގަނޑު ޝުއޫރު ފާޅުކުރަނީ ކޮންމެހެން މީހެއްގެ ތާރީފުސަނާއަކަށް އެދިއެއް ނޫނެވެ. އަދި އެއިން މާލީ މަންފާއެއް ވެސް ހޯދުމުގެ ނިޔަތުގައެއް ނޫނެވެ. އަޅުގަނޑުގެ އޮތީ މައިގަނޑު ދެ ބޭނުމެކެވެ. އެއް ބޭނުމަކީ ދިވެހިބަހަށް ކޮންމެވެސް ޚިދުމަތެއް ކުރުމެވެ. ދެވަނަ ބޭނުމަކީ ކިޔާ ބަޔަކަށް ކޮންމެވެސް މައުލޫމާތުކޮޅެއް އަޅުގަނޑު ގަބޫލުކުރާ ގޮތްތަކުގެ ތެރެއިން ދިނުމެވެ. ބައެއް ނޫސްތަކުގައްޔާއި ބައެއް ސައިޓުތަކުގައި އަޅުގަނޑުގެ ލިޔުންތަކާއި ޅެންތަކާއި ލަވަތައް ޖަހަނީ އަޅުގަނޑެއް ނޫނެވެ. އެ ތަންތަނުގެ ވެރީންނަށް އެ ލިޔުމެއް ކަމު ގޮސްގެން އަޅުގަނޑުގެ ހުއްދައިގެ މަތިން ޝާއިޢުކުރައްވަނީއެވެ. އެކަމަށް ޓަކައި އެ ހުރިހައި ބޭފުޅުންނަށް ނުހަނު އިޙުތިރާމާ އެކު ޝުކުރު ދަންނަވަމެވެ. ވަކީން ޚާއްޞަކޮށް އަޅުގަނޑުގެ ލިޔުންތަކާއި އަދަބީ އެކިއެކި މަސައްކަތްތަކަށް ޝައުގު ހުންނަ ބޭފުޅުންނަށާއި އެތަކެތި ވިދާޅުވެ ބިނާކުރަނިވި ފާޑު ވިދާޅުވާ ބޭފުޅުންނަށާއި ހެޔޮބަސްފުޅުތައް ވިދާޅުވާ ބޭޅުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ.

ކާކު ކަން ނޭނގޭ މީހާ އިއްޔެ އަޅުގަނޑާ އެ ކުރީ ހަމަ ހަގީގަތުގައި ވެސް ކުރަން ޖެހޭ ސުވާލެކެވެ. އެ މީހަކު އެ ސުވާލު ކުރީ އަޅުގަނޑަށް އޭނާ ނޭނގުނަސް، އޭނާއަށް އަޅުގަނޑު އެނގޭތީތާއެވެ! އޭނާގެ ދެވަނަ މެސެޖުގައި އޮތް މެސެޖުން އަޅުގަނޑަށް އެ ކަން ދޭހަވިއެވެ. އެހެންވީމާ އޭނާގެ ކަންބޮޑުވުން އަޅުގަނޑު ބަލައިގަތީ އުފަލާ އެކުއެވެ. އަޅުގަނޑު ހިތުން އޭނާގެ މި ސުވާލު ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭބުޅުންގެ ހިތްޕުޅުގައި ވެސް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ.

ކަލޭ ދެން އެ ކަމާ މެދަށް ކުރީ ވަކި ކޮން ކަމެއް؟

އާދޭހެވެ! އަޅުގަނޑަށް ކުރެވޭނޭ ޢަމަލީ މާ ބޮޑު މަސައްކަތެއް ނެތެވެ. އެހެނަސް އަޅުގަނޑަށް ކަމުގެ މައްޗަށް އަޑު އުފުލޭނެއެވެ. އެކަން ކުރީމެވެ. އަޅުގަނޑަށް ކަމާ ބެހޭ އެންމެހައި ފަރާތްތަކުގައި ދެންނެވޭނެއެވެ. އެ ކަން ވެސް ކުރީމެވެ. "ބައެއް ކުދިންނަށް ދިވެހިން ވާހަކަ ދައްކަން ނޭނގުމަކީ ޤައުމީ މައްސަލައެއް" މިއީ "ލިޔުންތެރިންގެ ގުޅުން"ގެ ފަރާތުން މި އަހަރުގެ ޖޫން މަހުގެ 21ވީ ބުރާސްފަތިވިލޭރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއް ޝަރަފްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވި ވާހަކަފުޅެއް ކަމަށް މީޑިޔާތަކުގެ ސުރުޚީތަކުން އަޅުގަނޑު ދުށް އެއް ސުރުޚީއެވެ. ކަން ދިމާވި ގޮތުން އަޅުގަނޑު ވަރަށް ބޮޑަށް ބަލިވެގެން އެރޭ އެ ޖަލްސާއަށް އަޅުގަނޑަކަށް ނުދެވުނެވެ. މި ދެންނެވި ނުކުތާގެ މައްޗަށް ރައީސް ވަރަށް ދިގުކޮށް ވާހަކަފުޅު ވެސް ދެއްކެވި ކަމަށް މައުލޫމާތު ލިބުނެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ އޭގެ ދުވަސްކޮޅެއް ކުރީން ދިވެހިރާއްޖޭގެ ތައުލީމާ ބެހޭ ވަޒީރު ވެސް އެފަދަ މޭރުމަކުން ވާހަކަފުޅެއް ދެއްކެވި ކަމުގެ ޚަބަރު މީޑިޔާގައި ފެތުރުނު ފަހުންނެވެ.

ދިވެހިބަހުގެ ހާލަތުގެ މައްޗަށް ފިކުރުކުރާ ކޮންމެ ފަހަރަކު ހަގީގަތުގައި ވެސް އަޅުގަނޑުގެ ލޭ ހޫނުވެ ކެކޭ ކަހަލައެވެ. މި ޚަބަރުތައް އަޑު އިވުމާ އެކު އަޅުގަނޑު އެންމެ ފުރަތަމަ މެސެޖެއް ކުރީ ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ލޮބުވެތި ވަޒީރަށެވެ. އެ ކަމަނާ އަށް އަޅުގަނޑު މެސެޖު ކުރީ ޖޫން 22ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:45ގައެވެ. މެސެޖު ވިދާޅުވުމަށް ފަހު ވަޒީރު ވިދާޅުވެފައި އޮތީ "އާދެ. ރަނގަޅު ވާހަކަފުޅެއް" މިހެންނެވެ. ތަރިކައާ ބެހޭ ވަޒީރަށް އަޅުގަނޑު ފޮނުވި މެސެޖުގައި ލިޔުނީ ތިރީގައި މި ބަޔާން ކުރާ ވާހަކައެކެވެ.

"ސަލާމް މިނިސްޓަރ! ރޭގެ ޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ، އޭގެ މައްޗަށް ތަހުލީލީ ނަޒަރުން ވިސްނަވައި، އޭގައި ބަޔާންކުރައްވައިފައި، އިލްތިމާސްކުރެއްވި ކަންކަމުގެ މައްޗަށް އެމް.އޯ.އީއާއި، މެޗްއާއި ޑީ.ބީއޭއިން ޝާމިލްވެވަޑައިގެން އައު އިސްތިރާތީޖީއެއް ކަނޑައަޅުއްވައިގެން އައު ވިސްނުންތަކާ އެކު މަސައްކަތް ކުރައްވަން އަވަހަށް ފަށްޓަވަން ޖެހޭ ކަންތައްތަކެއް ކަމުގައި ދެކެން" މިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ ނާއިބަށް ވެސް މި ކަންބޮޑުވުންތަކާ ގުޅިގެން ހަމަ އެ ދުވަހު، ވަޓްސްއެޕް މެދުވެރިކޮށް، އަޅުގަނޑު ދެ މެސެޖެއް ފޮނުވީމެވެ. ފުރަތަމަ މެސެޖު ކުރީ ކުޑަމެންދުރު 11:06ގައެވެ. އެ މެސެޖު ވިދާޅުވުމަށް ފަހު އެ މަނކުފާނި ވިދާޅުވެފައި އޮތީ "ވަރަށް ރަނގަޅު" މިހެންނެވެ. ހަމަ އެ މެސެޖު އަޅުގަނޑު ތަޢުލީމާ ބެހޭ ވަޒީރަށް ވެސް ފޮނުވީމެވެ. އަދިއަދަށް ދާންދެން ވެސް އެ ކަމަނާ އެއަކަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ކީއްވެގެން ކަމެއް ދަންނަވާކަށް ނޭނގެއެވެ. ފަހަރުގައި ޢަމަލީ ޖަވާބެއް ދެއްވާން ވިސްނައިވަޑައިގަންނަވަނީ ކަމަށް ވެސް ވެދާނެއެވެ. މި ދެ ބޭފުޅުންނަށް އަޅުގަނޑު ފޮނުވި މެސެޖުގައި އަޅުގަނޑު ލިޔުނީ މިހެންނެވެ.

"ސަލާމް! ރޭ ލިޔުންތެރީންގެ ގުޅުމުގެ ޖަލްސާ ޝަރަފްވެރިކުރައްވައި ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ އޭގެ މައްޗަށް ތަހުލީލީ ނަޒަރުން ވިސްނަވައި އޭގައި ބަޔާން ކުރައްވައި އިލްތިމާސްކުރެއްވި ކަންކަމުގެ މައްޗަށް، އަމަލީ، އިސްތިރާތީޖީއެއް ކަނޑައަޅުއްވައިގެން އައު ވިސްނުންތަކާ އެކު، މަސައްކަތްކުރައްވަން އަވަހަށް ފަށްޓަވަން ޖެހޭ ކަންތައްތަކެއް ކަމުގައި ދެކެން. ދިވެހިބަހުން ކުދިން ވާހަކަ ނުދައްކަވާ ކަމުގެ ކަންބޮޑުވުން އިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން ވަނީ ފާހަގަކުރައްވައިފައި. އެންމެފަހުން، އެ ކަމުގެ ކަންބޮޑުވުން ރައީސުލްޖުމުހޫރިއްޔާ ވެސް ފާޅުކުރެއްވީ. ދެން މި ވާހަކަ އިތުރަށް ދައްކާން މި ގައުމުގައި ތިބީ ކޮން ބައެއްތޯ؟ ވީމާ، ރައީސްގެ އިލްތިމާސަށް އަމަލީ ޖަވާބެއް ކަމާ ގުޅުން ހުރި ވުޒާރަތާކާއި މުއައްސަސާތަކުން ދެއްވަން ޖެހޭ ކަމުގައި ދެކެން. އަޅުގަނޑު ހިތުން، ސޯޝަލް އެތިކަލް ކޮމިޓީން މި ކަމާ މެދު ފުންކޮށް ވިސްނައިވަޑައިގަންނަވަން ޖެހޭ."

ރައީސުލްޖުމުހޫރިއްޔާގެ ނާއިބަށް ދެވަނަ މެސެޖު އަޅުގަނޑު ފޮނުވީ، ކުޑަމެންދުރު 11:24ގައެވެ. އެ މެސެޖަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ދެވަނަ މެސެޖެއް ފޮނުވީ ކަމާ މެދު ހެއްދެވިދާނޭ ގޮތެއް ވިސްނުން ޙިއްސާކުޅައުމުގެ ބޭނުމުގައެވެ. އެހެނަސް އެމަނިކުފާނު އޭގެ މައްޗަކަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. މެސެޖުގައި އަޅުގަނޑު ލިޔުނީ އަންނަނިވި ވާހަކައެކެވެ.

"މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަދި ދިވެހިބަހުގެ އެކެޑަމީ. މި ތިން ތަން ހިމެނޭހެން ބަހާއި ބަހުގެ ޢިލްމުގެ އެހެން ބައެއް އަމިއްލަ ފަރާތްތަކެއް ވެސް ހިމެނޭ ގޮތުން ފަންނީ އަދި ލަފާދޭ ކޮމިޓީއެއް އެކުލަވައިލައްވައި ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް ހައްދަވައި ސަރުކާރުގެ މައި ސިޔާސަތުގެ ތެރޭ ހިމަނުއްވަން ސޯޝަލް އެތިކް ކޮމިޓީގެ ނިންމެވުމާ އެކު ކުރިޔަށް ގެންދެވިދާނެ ކަމަށް އަޅުގަނޑަށް ފެނޭ. އެދިވަޑައިގެންފި ނަމަ، އަޅުގަނޑުގެ ގާބިލިއްޔަތު ތަންދިން އެންމެ މަތީ ފެންވަރެއްގައި، މި ކަމުގައި އެހީތެރިކަން ދޭނަން".

އަޅުގަނޑު ދެން މެސެޖެއް ކުރީ ދިވެހިބަހުގެ އެކެޑަމީގެ ރައީސަށެވެ. ކުޑަމެންދުރު 11:08ގައެވެ. މެސެޖު ބެއްލެވުމަށް ފަހު އެކެޑަމީގެ ރައީސް މެސެއްޖަކުން ދެއްވި ޖަވާބަކީ "ޝުކުރިއްޔާ" މިހެންނެވެ. އެ މެސެޖުގައި އަޅުގަނޑު ލިޔުނީ އަންނަނިވިހެންނެވެ.

"ސަލާމް! ރޭ ލިޔުންތެރީންގެ ގުޅުމުގެ ޖަލްސާ ޝަރަފްވެރިކުރައްވައި ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅަކީ އޭގެ މައްޗަށް ތަހުލީލީ ނަޒަރުން ވިސްނަވައި އޭގައި ބަޔާން ކުރައްވައި އިލްތިމާސްކުރެއްވި ކަންކަމުގެ މައްޗަށް، އަމަލީ، އިސްތިރާތީޖީއެއް ކަނޑައަޅުއްވައިގެން އައު ވިސްނުންތަކާ އެކު، މަސައްކަތްކުރައްވަން އަވަހަށް ފަށްޓަވަން ޖެހޭ ކަންތައްތަކެއް ކަމުގައި ދެކެން. ދިވެހިބަހުން ކުދިން ވާހަކަ ނުދައްކަވާ ކަމުގެ ކަންބޮޑުވުން އިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން ވަނީ ފާހަގަކުރައްވައިފައި. އެންމެފަހުން، އެ ކަމުގެ ކަންބޮޑުވުން ރައީސުލްޖުމުހޫރިއްޔާ ވެސް ފާޅުކުރެއްވީ. ދެން މި ވާހަކަ އިތުރަށް ދައްކާން މި ގައުމުގައި ތިބީ ކޮން ބައެއްތޯ؟ ވީމާ، ރައީސްގެ އިލްތިމާސަށް އަމަލީ ޖަވާބެއް ކަމާ ގުޅުން ހުރި ވުޒާރަތާކާއި މުއައްސަސާތަކުން ދެއްވަން ޖެހޭ ކަމުގައި ދެކެން. އަޅުގަނޑު ހިތުން، ސޯޝަލް އެތިކަލް ކޮމިޓީން މި ކަމާ މެދު ފުންކޮށް ވިސްނައިވަޑައިގަންނަވަން ޖެހޭ. މި ކަމާ މެދު އެކެޑަމީން ވިސްނުންފުޅެއް އިސްކުރައްވައިގެން މަސައްކަތްޕުޅެއް ފަށްޓަވަން ފެންނާތީ އިޝާރާތެއް ކޮށްލީއެވެ." މިހެންނެވެ.

މި މުއާމާލާތުތަކެއް މި އެންމެ ބޭފުޅުންނާ އަޅުގަނޑު ކުރިތާ މިވީ 107 ދުވަހެވެ. ތިން މަސްދުވަހަށް ވުރެ ގިނަ ދުވަސްވީއެވެ. މި ކަމާ މެދު ޢަމަލީ ގޮތުން އެއްވެސް ކަމެއް ކަމެއް އެއްވެސް ތާކުން ކުރެއްވި ކަމުގެ ޚަބަރެއް އަޅުގަނޑެއް ނާހަމައެވެ. ދިވެހިބަހުގެ އަދުގެ ހާލަތު ހެޔޮކުރާން ކިތަންމެ ކަމެއް އެ ތަންތަނުން ރާއްވަވައި ހިންގަވާނެތާއެވެ! އުންމީދު ކުރަނީ މިހެންނެވެ. ކޮންމެހެން ކުރައްވާ ކޮންމެ ކަމަކީ އަޅުގަނޑަށް ނުވަތަ އެހެން ބަޔަކަށް އަންގަވައި އިޢުލާން ކުރައްވާން ޖެހޭ ކަމަކަށް ވާކަށް ނުޖެހޭނެތާއެވެ! އަޅުގަނޑުމެން އެންމެވެސް އެދިއެދި މި ތިބީ ދިވެހިބަސް ކުރިއަރުއްވަން ދިވެހި ދައުލަތާއި ސަރުކާރުން ޢަމަލީ އިސްތިރާތީޖީ މަސައްކަތްތަކެއް ކުރައްވަން ފަށްޓަވައިފި ކަމުގެ ހެޔޮ ޚަބަރެއްގެ އިންތިޒާރުގައެވެ. ދިވެހިބަހަކީ ދިވެހީންގެ ގައުމިއްޔަތުގެ ބަހާކަމުގައި ވެފައި އެއީ ދިވެހީންގެ ފަޚުރާއި ޝަރަފުކަމުގައި ވާތީ ދިވެހިބަހުގެ ގައުމީ ސިޔާސަތު ތަންފީޒުކުރައްވަން ފަށްޓަވަން އަންގަވާނެ ވަގުތެއްގެ އިންތިޒާރީގައެވެ. ތައުލީމީ ނިޒާމުގައި ދިވެހިބަހަށް އިހަށް ނެތް ޖާގަ ތަނަވަސް ކުރައްވައިފި ކަމުގެ ހެޔޮ އުފާވެރި ޚަބަރު ރޭޑިޔޯޓީވީން ވިދާޅުވާނޭ ދުވަހެއްގެ ފޮނި އިންތިޒާރުގައެވެ.

ކާކުކަން ނޭނގޭ މީހާ އަޅުގަނޑާ ކުރިމަތި ކުރި ސުވާލުގެ ޖަވާބު ދެވިއްޖެ ކަމަށް ހީކުރަމެވެ. އާނއެކެވެ. އަޅުގަނޑު އެ ކަންބޮޑުވުތަކުގެ މައްޗަށް އަޑު އުފުލީމެވެ. ކުރެވިދާނޭ ކަންކަމުގެ ލަފައެއް އެރުވީމެވެ. އެވަރުން ނުވީމާ މީސްމީޑިޔާގައި ވެސް ލިޔުނީމެވެ. މި ވާހަކަ ވެސް މި ލިޔުނީއެވެ. އަބަދުވެސް ލިޔާނަމެވެ.

"އަޅުގަނޑުގެ ބައްތީގެ ހުޅުގަނޑު ކަނިވެ ނިވެންދެން އެއިން އަލިކުރާނަމެވެ". މި ކަމަށް ޓަކައި މަސައްކަތް ކުޅައުމުގެ ހެޔޮ ތައުފީގު ﷲ ތަޢާލާ އަޅުގަނޑަށް ދެއްވަވާށިއެވެ.