އިސްރާއީލުގެ އުތުރު މައިދާނުގައި ހަނގުރާމައެއް ފެށުމަކީ އިސްރާއީލުގެ މަޞްލަޙަތު ނިޔާކުރާ ކަމެއް ނޫން ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޫއާފު ގެލެންޓް ވިދާޅުވެއްޖެއެވެ. އެހެނަސް ބީބީސީ ބުނާގޮތުގައި ލުބްނާނު އިސްރާއީލު ސަރަޙައްދު ދަނީ މަޑުމަޑުން ނަމަވެސް ހޫނުވަމުންނެވެ.
ޖަޒީރާގެ ރިޕޯޓަރު ބުނާގޮތުގައި ދެކުނު ލުބްނާނުގެ ޟަހީރާ ރަށަށް އިސްރާއީލުން ވަނީ ފޮސްފޯރު ބޮމުން ޙަމަލާދީފައެވެ. މީގެ އިތުރަށް އިސްރާއީލުން ވަނީ ދެކުނު ލުބްނާނުގެ ހުޅަނގު ސަރަޙައްދުގެ ބައެއް ރަށްތަކަށް ޙަމަލާދީފައެވެ.
އޭނާ ހާމަކުރެއްވި ގޮތުގައި މިއަދު ފަސް ފަހަރަށް އިސްރާއީލު ސިފައިންނަށް ރޮކެޓުން ޙަމަލާދިނެވެ. އެހެނަސް ގިނަ ރޮކެޓްތައް ވެއްޓިފައިވަނީ އިސްރާއީލް ބިމުން ބޭރަށެވެ.
އިސްރާއީލުގެ މީޑިއާތައް ބުނާގޮތުގައި އިސްރާއީލުގެ ސަރަޙައްދުގައި ނުވަ ކީލޯ އެތެރޭގައި ހިމެނޭ ސަރަޙައްދުތަކުގެ އަހްލުވެރިންނަށް ރައްކައުތެރި ބިންގަރާސްތަކުގައި ތިބުމަށް ސިފައިން ވަނީ ގޮވައިލައިފައެވެ. ލުބްނާނުން އައި ރޮކެޓެއް އައްސޭރި ރަށެއް ކަމުގައިވާ ނަހާރިޔާއަށް ވާޞިލުވެފައިވާ ކަމަށް މީޑިއާތައް ބުންޏެވެ.
އިސްރާއީލިގެ ޗެނެލް 13 ބުނާގޮތުގައި އުތުރު އިސްރާއީލުގެ ޙަނީތާއަށް ވެއްޓުނު ރޮކެޓްގެ ސަބަބުން ފަސް މީހަކު ޒަޚަމުވިއެވެ. އިސްރާއީލު ސިފައިންގެ ޙާނީތާ ކޮށްޓަށް މިއަދު ދިން ރޮކެޓް ޙަމަލާގެ ސަބަބުން އިސްރާއީލުގެ ދެ ޓޭންކާއި ސިފައިން އުފުލާ އުޅަނދެއް ހަލާކުކޮށްލައިފައިވާ ކަމަށް ޙިޒްބުﷲ އިން ބުނިކަމަށް ޖަޒީރާއިން ބުންޏެވެ. ޖަޒީރާ ބުނާގޮތުގައި އަލްޖަލީލުލް އަޢުލާއަށް ވެސް މިއަދު ރޮކެޓް ޙަމަލާތަކެއް ދީފައި ވެއެވެ.
ފަލަސްޠީނުގެ ދާޚިލިއްޔާ: ޝަހީދުންގެ ގިނަބަޔަކާއި ޒަޚަމުވެފައިވާ ގިނަ ބަޔަކު އަދިވެސް ތިބީ ވައްޓައިލައިފާވާ ޢިމާރާތްތަކުގެ ދަށުގައި
އިސްރާއީލުން ޣައްޒާއަށް އަޅައިފައިވާ ބޮންތަކުގެ ސަބަބުން ވެއްޓިފައިވާ ޢިމާރާތްތަކާއި ގެތަކުގެ ދަށުގައި އެތައް ސަތޭކަ ބަޔަކު އަދިވެސް އެބަ ތިބިކަމަށް ޣައްޒާގެ ދާޚިލީ ވުޒާރާ އިން ބުނެފިއެވެ.
އެ ވުޒާރާއިން ބުނިގޮތުގައި:-
- އިސްރާއީލުން ޣައްޒާއަށް މެދުކަނޑައިލުމެއްނެތި ބޮންތައް އަޅަމުންދާތީ މި ޢިމާރާތްތަކުގެ ދަށުވެގެން ޝަހީދުވެފައިވާ މީހުންނާއި ޒަޚަމުވެފައިވާ މީހުންގެ ގިނަ ބަޔަކު އަދިވެސް ތިބީ އެ ތަންތާނގެ ދަށުގައެވެ.
- ދުނިޔޭގެ އެންމެންނަށް ފެންނަގޮތަށް މުޅި ދުނިޔެއަށް ގޮންޖަހަމުން އިސްރާއީލުން ޣައްޒާއަށް ޙަމަލާދެމުންދާތާ ނުވަ ދުވަސްވީއެވެ.
- ޣައްޒާގައި އެއްވެސް އަމާން ސަރަޙައްދެއް ނެތެވެ.
- ޣައްޒާގެ އުތުރާއި ރަފަޙުގެ އަހްލުވެރިން އިސްރާއީލުގެ އިންޒާރަށް އިޖާބަދީ އެމީހުންގެ ބިމުން ނުފައިބާނެކަން ވަނީ އިޢުލާންކޮށްފައެވެ.
- އިސްރާއީލުން މިހާރު ހިންގަމުންދާ ޖަރީމާތައް ހަދާން ކޮށްދެނީ ޞަބްރާއާއި ޝާތީލާ ޤަތުލު ޢާންމާއި ދައިރު ޔާސީން ޤަތުލު ޢާންމެވެ. އެއީ ފަލަސްޠީނު މީހުންގެ ހިތްވަރު ދުއްވައިލާން ކުރާ ކަމެކެވެ. އެހެނަސް އިސްރާއީލަށް މި ކަމުގައި ކާމިޔާބެއް ނުލިބޭނެއެވެ.
- ޣައްޒާގެ ފުލުހުންގެ ގިނަ މަރްކަޒުތަކަށް ބޮންއަޅައި ހަލާކުކޮށް ނައްތައިލުމަށްފަހު މިއަދު ބޮންއަޅައިފައިވަނީ ޖިބާލިޔާއާއި ބައިތު ލާހިޔާގެ ފުލުހުންގެ މަރްކަޒުތަކަށެވެ.
- ޣައްޒާގެ ގިނަ ހަސްފަތާލުތައް ވަނީ އިސްރާއީލުގެ އަމުރަށް ގޮންޖަހައި އެ ތަންތަން ހުޅުވައިގެން މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
- އިސްރާއީލުން ވަނީ ޣައްޒާއިން ފެނާއި ކަރަންޓާއި ގޭހާއި ހަކަތަ މުޅިން ކަނޑައިލައިފައެވެ.



advertisment