ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ޢުދްވާނު މެދުކަނޑައިނުލާ ދެމުން މަސްރަޙު އިތުރަށް ހޫނުކުރަމުން ގެންދާތީ އެކަމާމެދު މަޝްވަރާކުރުމަށް ޓަކައި އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ޖަމްޢިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި މި ޖަމްޢިއްޔާގެ ތަންފީޒީ ކޮމެޓީން ވަޒީރުންގެ ފެންވަރުގައި ކުއްލި ބައްދަލުވުމެއް މި ބައްވަނީ ޣައްޒާއާއި އެ ރަށުގެ ވަށައިގެންވާ ސަރަޙައްދުތަކަށް އިސްރާއީލު ދެމުންގެންދާ ޢުދްވާނީ ޢަމަލުތައް އިތުރުކޮށް މަޢުޞޫމު ޢާންމުންނާ ދެކޮޅަށް ޤަތުލު ޢާންމުތައް ހިންގަމުން ދާތީއެވެ. އަދި މި ކަމުގެ ސަބަބުން މި ސަރަޙައްދުގެ އަމްނާއި ހަމަނުޖެހުމަށް ބުރޫއަރުވަމުންދާތީއެވެ.
މި ބައްދަލުވުން ބޭއްވެނީ މި ދައުރުގެ ރައީސް ސުޢޫދީ ޢަރަބުއްޔާއިން އެދިގެން ކަމަށް މި ޖަމްޢިއްޔާގެ ސެކްރެޓޭރިއެޓުން ބުންޏެވެ. މި ބައްދަލުވުން ބާއްވާނީ ޖިއްދާގައި އެ ޖަމްޢިއްޔާގެ މައިމަރްކަޒުގައި މި އަންނަ ބުދަދުވަހުއެވެ.
ޖަމާޢީ އަދަބުގެ ޢަމަލުތައް ހުއްޓުވަންޖެހޭ
އިސްރާއީލުން ޣައްޒާގެ މަޢުޞޫމު ރައްޔިތުންނަށް ދެމުންގެންދާ ޖަމާޢީ ޢުޤޫބާތުގެ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް އިސްލާމީ އެއްބާރުލުމުގެ މަސައްކަތާ ފަރަލިކޮށް ގަލްފުގެ އެއްބާރުލުމުގެ ޖަމްޢިއްޔާއިން މިއަދު ގޮވައިލިއެވެ. ދިރިއުޅުމަށް ބޭނުންވާ އަސާސީ ޢުންޞުރުތަކުން ޣައްޒާގެ ރައްޔިތުން މަޙުރޫމުކުރަމުންދާ ދިޔުމަކީ އިންސާނިއްޔަތާ ޚިލާފު ޢަމަލެއް ކަމަށް ގަލްފުގެ އެއްބާރުލުމުން ބުންޏެވެ. އިސްރާއީލުން އަޅަމުން މިދާ ލާއިންސާނީ ފިޔަވަޅުތައް ހުއްޓުވުމަށް ޓަކައި ބައިނަލްއަޤްވާމީ މުޖްތަމަޢު މި ކަމުގެ ތެރެއަށް ވަނުމަށް ވެސް ގަލްފުގެ އެއްބާރުލުމުން ގޮވައިލިއެވެ.



advertisment